
އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ބާޒާރަށް ނެރެފި
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބާޒާރަށް ލުނބޯ ނެރެ، ކިލޯއެއް 40 ރުފިޔާއަށް ވިއްކަން ފަށައިފި އެވެ.
މިއީ މިވަގުތު ބާޒާރުގައި ހުރި އަގުތަކަށް ވުރެ ބޮޑުތަން އަގު ހެޔޮ އަގެކެވެ.
މިވަގުތު ބާޒާރުގައި ލުނބޯ ވިއްކަމުން އަންނަނީ 65 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގެ އަގުތަކުގައެވެ. އަދި މިދިޔަ ހަފުތާގައި ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް ވެސް އަރާފައިވެއެވެ. އެހެންކަމުން، އެސްޓީއޯއިން ލުނބޯ ވިއްކާ އަގަކީ، މިވަގުތު ބާޒާރުގައި ހުރި އަގަށް ވުރެ މަދުވެގެން 15 ރުފިޔާ ކުޑަ އަގެކެވެ.
އެސްޓީއޯއިން ލުނބޯ ގެންނަނީ އިންޑިއާއިންނެވެ. ލުނބޯ ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ޚާއްޞަ ރޭޓުތަކުގައި އަންނަނީ ވިއްކަމުންނެވެ. އެސްޓީއޯއިން ބުނީ، ފަސް ކިލޯގެ ލުނބޯ ފޮއްޓެއް ވިއްކަނީ 145 ރުފިޔާއަށެވެ. އަދި ފަސް ކޭހަށް ވުރެ އިތުރަށް ނަގާ ނަމަ، ފޮއްޓެއް 135 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ހޯލްސޭލްކޮށް ލުނބޯ ވިއްކަނީ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ހުންނަ އެސްޓީއޯގެ ވެއަރހައުސް އިންނެވެ. ރީޓެއިލް އަގުގައި ލުނބޯ ލިބޭނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންނެވެ.
ލުނބޯގެ އިތުރުން، އެސްޓީއޯއިން ވަނީ އެހެން ބައެއް ބާވަތްތައް ވެސް ބާޒާރަށް ނެރެ ވިއްކަން ފަށައިފައެވެ. އެގޮތުން، ކާށި ވިއްކަނީ 5 ރުފިޔާއަށެވެ. އަދި ފިޔާ ކިލޯއެއް ވިއްކަނީ 16 ރުފިޔާއަށެވެ. މިއީ ވެސް މިވަގުތު ބާޒާރުގައި ހުރި އަގުތަކަށް ވުރެ ހެޔޮ އަގުތަކެކެވެ.
ރޯދަމަހާ ދިމާކޮށް އެސްޓީއޯއިން ވަނީ 24 ބާވަތެއްގެ މުދާ ބާޒާރަށް ނެރުމަށް ނިންމައިފައެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތި، ތަރުކާރީ އަދި މޭވާ، ޕްރޮސެސްޑް ކާނާ އަދި ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.
އެސްޓީއޯ މެދުވެރިކޮށް ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ އަސާސީ ކާބޯތަކެތީގެ 134 ބާވަތެއްގެ އަގުތައް އެ މިނިސްޓްރީން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެ ތަކެތީގެ އަގުތައް އުފުލި، ޝޯޓޭޖެއް އައިސްފި ނަމަ، އެސްޓީއޯ މެދުވެރިކޮށް އެތަކެތި ބާޒާރަށް ނެރޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ރިއެކްޝަންސް






