ޔުއެފާ ނޭޝަންސް ލީގު: ނެދަލެންޑްސް ވެސް ކުއާޓަރއަށް. ޖަރުމަނަށް ބޮޑު މޮޅެއް!
ނޭޝަންސް ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުން މޮޅުވެ ކުއާޓަރ ފައިނަލަށް ދަތުރުކުރި ހަ ވަނަ ޓީމުގެ ގޮތުގައި ނެދަލޭންޑްސް ހިމެނިއްޖެއެވެ. ނެދަލެންޑްސް ގަދަ އަށެއްގައި ހިމެނުނީ 4-0 ން ހަންގޭރީ ބަލިކުރުމަށްފަހުއެވެ. ރޭ ޖަރުމަނުން ބޮސްނިއާ ހެޒެގޮވީނާގެ މައްޗަށްވަނީ ބޮޑު މޮޅެއްވެސް ހޯދާފައެވެ. ކުއާޓަރގެ ޖާގައެއް މިހާރުވެސް ކަށަވަރުކޮށްފައިވާ ޖަރުމަނު ބޮސްނިއާގެ މައްޗަށް ކުރިހޯދީ 7-0 ން ނެވެ.
ނެދަލެންޑްގައި ކުޅުނު ނެދަލެންޑްސް – ހަންގެރީގެ މެޗުގައި ނެދަލެންޑްސްގެ ފުރަތަމަ ދެ ގޯލްވެސް ކާމިޔާބުކުރީ ޕެނަލްޓީން ނެވެ. ފުރަތަމަ ހާފުގެ 21 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ ކާމިޔާބުކުރީ ވޮއޮޓް ވެގޯސްޓް އެވެ. ހަމަ އެހާފުގެ އިތުރު ވަގުތުގެ 12 ވަނަ މިނިޓްގައި ދެވަނަ ޕެނަލްޓީ ކާމިޔާބުކުރީ ކޯޑީ ގަޕްކޯއެވެ.
64 ވަނަ މިނިޓްގައި ނެދަލެންޑްސް ގެ ތިންވަނަ ގޯލް ޑޮންޔެލް މަލެން ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކޮށްދިނީ ޑެންޒިލް ޑަމްފްރިސް އެވެ. ބަދަލުކުޅުންތެރިއްގެ ގޮތުގައި ހަތަރު ވަނަ ގޯލް ޓެއުން ކޫޕްމެއިނާސް ކާމިޔާބުކޮށްދިނީ 86 ވަނަ މިނިޓްގައި ޑަމްފްރިސް ނަގައިދިން ހުރަހަކުންނެވެ.
މުޅި މެޗު އެއްކޮށް ޑޮމިނޭޓް ކޮށްގެން ކުޅުނު ޖަރުމަނުވިލާތުން ބޮސްނިއާ އާ ދެކޮޅަށް ފުރަތަމަ ގޯލް ކާމިޔާބުކުރީ މެޗު ފެށިގެން 2 ވަނަ މިނިޓްގައެވެ. ހޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުޞަތުގައި ޖަރުމަނަށް ލީޑު ނަގައިދިނީ ޖަމާލް މުސިއާލާ އެވެ. 23 ވަނަ މިނިޓްގައި ފުރަތަމަ ފޯވަރޑް ޓިމް ކްލެއިންޑިއެންސްޓް ލީޑު ފުޅާކޮށްދިންއިރު, ކައި ހަވާޓްޒް ވަނީ ޖަރުމަނުގެ ތިންވަނަ ގޯލް 37ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައެވެ. ތިންވަނަ ގޯލް ޖެހުމުގައި އެހީތެރިވި ފްލޯރިއަން ވާޓްޒް ވަނީ 50 އަދި 57 ވަނަ މިނިޓްގައި އިތުރު ދެ ގޯލް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ބޮޑުކޮށްދީފައެވެ. ވާޓްޒްގެ ފަހު ގޯލް ކާމިޔާބުކޮށްދިނުމުގައި އެހީތެރިވީ ކައި ހަވާޓްޒް އެވެ.
މެޗުގައި ޖަރުމަނުގެ ފަހު ޖެ ގޯލް ކާމިޔާބުކޮށް ނަތީޖާ 7-0 ށް ބަދަލުކޮށްލީ ލެރޯއީ ސާނޭ އަދި ކްލެންޑިއެންސްޓް އެވެ. 79 ވަނަ މިނިޓްގައި ފަހު ގޯލް ކާމިޔާބުކުރީ އެންޓޯނިއޯ ރުޑީގަރ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
ރިއެކްޝަންސް