ރައްޔިތުންގެ ފަޅި އަށް އަހަރެއް
ރައީސް ޑރ.މުއިއްޒު: ފޮޓޯ-ރައީސް އޮފިސް

ރައްޔިތުންގެ ފަޅި އަށް އަހަރެއް

ފާޑުކިއުންތަކަށް ދޫ ނުދެއްވާ, ރައްޔިތުން އިސްކުރެއްވި

4 days ago - 08:17
Nov 17, 2024 - 08:19

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަކުރާރުކުރެއްވީ ސުރުހީގައި އޮތް ވާހަކައެވެ. ވިދާޅުވީ މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށެވެ. މަސައްކަތް ކުރައްވަނީ ހެޔޮ ވެރިކަމެއް ކޮށްދެއްވޭތޯ ކަމަށެވެ. އިސްކުރައްވަނީ ރައްޔިތުންކަމަށް ތަކުރާރު ކުރެއްވިއެވެ. މިއީ ތަކުރާރުކޮށް އެކި ފަހަރު މަތީން ވިދާޅުވަމުން ގެންދަވާ ވާހަކައެވެ. އެވާހަކަތައް ތަކުރާރުކުރައްވަމުން ގެންދަވާތާ 52 ހަފްތާ ވީއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމަށް އަހަރު ވީއެވެ.

ރައީސް އެދެއްކެވި ވާހަކަފުޅަށް ބާރު ލިބޭ އެއްވެސް ކަމެއް އެބައޮތްތޯއެވެ. ނުވަތަ އެއީ ހަމައެކަނި ވިދާޅުވާ ވާހަކައެއްތޯ އެވެ. ވިސްނާ ފިކުރުކޮށް ލިސްޓެއް އެކުލަވާލާއިރު އެފަދަ އެތައް ކަމެއް އެބަހުއްޓެވެ. ބޭސް ފަރުވާއާ ހަމައިން ފަށާނަމަ އާސަންދައިގެ މުޅި ނިޒާމަށް ގެންނަވަނީ ބޮޑު ބަދަލެކެވެ. މުޅި ބަދަލު ގުޅަނީ ނިކަމެތި, އެހީތެރިކަން ބޭނުންވާ ރައްޔިތުންނާއެވެ. ހަގީގަތުގައިވެސް އެހީ ބޭނުންވާ މީހުންނަށް އާސަންދައިގެ އެހީ ލިބޭނެ ނިޒާމަކަށް ބަދަލުކުރައްވަނީ އެވެ. މުއްސަނދިން ނުވަތަ ތަނަވަސްކަން ލިބިފައިވާ ފަރާތްތައް އެނިޒާމުން އެއް ފަރާތަކަށް ޖައްސާ ނިކަމެތިންނަށް ދެއްވާ އެހީ ބޮޑު ކުރެއްވުމުގެ ވިސްނުންފުޅާއެކު އަންނަ އަހަރުގެ ބަޖެޓް އެކުލަވާލައްވާފައި ވަނީވެސް އެމަގުންނެވެ. ހުންނެވީ ރައްޔިތުންގެ ފަޅީގައެވެ.

65 އަހަރުން މަތީގެ މީހުންނަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރެއެވެ. އެމީހުންނަށް ދޭ އިނާޔަތެއް ނުވަތަ އެލަވަންސެއްގެ ގޮތުގައެވެ. އެކަމަކު އެއިނާޔަތް ދޭއިރު ފުދުންތެރިއެއް ނުކަމެއްޗެއް ތަފާތެއް ނެޔެވެ. މަހުޖަނުންނަށްވެސް އެއެލަވަންސް ލިބޭ ނިޒާމް ބަދަލުކުރައްވާ, އެއީ ހަމައެކަނި އާދައިގެ ރައްޔިތުން ނުވަތަ ނިކަމެތިންނަށް ލިބޭ އެހީއެއްގެ ގޮތުގައި ކަނޑައަޅުއްވާ ދައުލަތުގެ ބަޖެޓް އިސްރާފް ކުރެއްވުމުގެ މަސައްކަތް އެވަނީ ފައްޓަވާފައެވެ. 2025 ވަނަ އަހަރުގެ ބަޖެޓުން އެކަން އެއޮތީ ފެންނާށެވެ. ފާޑުކިއުންތައް އަމާޒުވެއެވެ. އިނާޔަތް ކަނޑާލައްވާ ކަމުގެ ތުހުމަތުތައް އަމާޒު ވެއެވެ. އެކަމަކު ރައީސް ޑރ.މުއިއްޒު ވިދާޅުވަނީ އިސްކުރައްވާނީ ރައްޔިތުން ކަމަށެވެ. ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ. ދައުލަތުގެ ބަޖެޓުން އިސްރާފް ކުޑަކުރައްވާނެ ކަމަށެވެ. އެހީއާއި އެލަވަންސަކީ ހައްގުވެރީންގެ އެއްޗަކަށް ހައްދަވާނެ ކަމަށެވެ.

Advertisement

ކަޅުބާޒާރުން ގަންނަން ޖެހޭ އަގުބޮޑު ޑޮލަރުގެ މައްސަލައަށް ހައްލު ހޯދައިދެއްވަންވެސް ނެންގެވީ 'ޖެހިލުންކުޑަ' ސްޓޭންޑެކެވެ. ވިޔަފާރިވެރިންނާއި, ރިސޯރޓް އޯނަރުންނާއި އެނޫންވެސް ޑޮލަރުން ވިޔަފާރި ކުރައްވާ ފަރާތްތަކުގެ މައްޗަށް އޭގެ މިންވަރެއް އެމްއެމްއޭއިން މާރުކުރަން ލާޒިމް ކުރެއްވީ އެވެ. ރައްޔިތުންނަށް ޑޮލަރު ލިބުމުގައި އޮތް ދަތިކަން ކުޑަކުރުމަށެވެ. ކަޅު ބާޒާރު ނައްތާލެއްވުމަށެވެ. ދިވެހިންގެ ރީތި މޫދާއި, ދޮންވެލި ތުނޑިއާއި, ރަށްތަކުން ނަފާ ހޯދައިގެން އޭގެ ފައިދާ ދިވެހީންނަށްވެސް ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ވިޔަފާރި ވެރިންގެ މައްޗަށް (ފަތުރުވެރިކަމުގެ) މަޖުބޫރު ކުރެއްވީ ދިވެހިން ރައްޔިތުންނަށް ބޭނުންވާ ޑޮލަރު އެމްއެމްއޭ އަށް މާރު ކުރެއްވުމެވެ. އެކަމާ ދެކޮޅަށް މަހުޖަނުން ތެދުވުމުން ރައްދުގައި ރައީސް ނިކުންނެވިއެވެ.

ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި! ރައީސް ވިދާޅުވިއެވެ. ދޫދެއްވުމެއް ނެތެވެ.

ބިދޭސީންގެ މައްސަލަ އޮތީ ބޮއްސުން ލާފައެވެ. އެކަމުގައިވެސް ގުޅުން ހުރި އިދާރާތަކަށް ފުރިހަމަ އިހުތިޔާރު ދެއްވާ އެންގެވީ މައްސަލަ ހައްލުކުރެއްވުމަށެވެ. ބިދެސީންގެ މައްސަލަ ހައްލުކުރުމަށް އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮށް ނަތީޖާ ދައްކައިފިއެވެ. 'ކުރަނގި' އޮޕަރޭޝަންގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން, ޚާއްޞަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދާ ޑީޕޯރޓް ކުރަނީއެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ފުރިހަމަ ދަފްތަރު އެކުލަވާލަނީ އެވެ. ބިދޭސިންގެ ޑާޓާ ސިސްޓަމް އަށް އެންޓަރ ކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރަމުން އެދަނީ ކައުންސިލްތަކާ ގުޅިގެންނެވެ. ތިން އަހަރެއްގެ ތެރޭގައި މުޅި މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމުގެ ޔަގިންކަން ސަރުކާރުން ދެއްވައެވެ. ހަގީގަތުގައި އެކަން ރައްޔިތުން ގަބޫލުވެސް ކޮށްފިއެވެ.

ވޭޕްކީ މުސްތަގްބަލް ހަލާކުކޮށްލާ ވަސީލަތެއްކަން ޞިއްހީ ދާއިރާގެ ޑޮކްޓަރުން ސަމާލުކަމަށް ގެންނެވިއެވެ. ސްކޫލް ތަކުން އެކަމުގެ ކަންބޮޑުވުން ފާލުކުރެއްވިއެވެ. ރަސްމީ ކުޅިވަރު އެސޯސިއޭޝަންތަކުންވެސް އެކަންބޮޑުވުން ހިއްސާކުރިއެވެ. ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް އެކަން ވިއެވެ. ރައްޔިތުންގެ މަޖިލިހުގައި އޮތް ސަރުކާރުގެ ސުޕަރ މެޖޯރިޓީ ބޭނުންކުރައްވާ އަވަސް ފިޔަވަޅު އެޅުއްވިއެވެ, ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާ ވޭޕް އެތެރެކުރުންވެސް މަނާކުރެއްވީ އެވެ. ބޭނުން ކުރުން މަނާކުރެއްވީ އެވެ. ފާޑުކިއުންތަކާއި, ގޮންޖެހުންތައް ބޮޑުވި ނިންމެވުމެކެވެ.

އެއާއެކު ދުންފަތުގެ ޑިއުޓީ ބޮޑުކޮށް ސިގިރެޓްގެ އަގު ބޮޑު ތަނުން އުފުލީ އެވެ. ރައްޔިތުންގެ ފަޅި ނެންގެވުމަށް ޓަކައެވެ. ދުންފަތާއި ވޭޕްގެ ނުރައްކަލުން ގައުމާއި, ރައްޔިތުން ސަލާމަތް ކުރެއްވުމަށްޓަކައެވެ. ފާޑުކިއުން އިންތިހާއަށް ކުރިމަތިވި ހިނދުވެސް އިސްކުރެއްވީ ރައްޔިތުންނެވެ.

ގައުމުގެ މިނިވަންކަން ދިފާއުކުރެއްވުމުގައި ސާބިތަކަން ދެއްކެވީ އިންޑިޔާގެ އަސްކަރީ ސިފައިންގެ ބާލައިގެންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން އެދަނި އިތުރު ކުރައްވަމުންނެވެ. ޑްރޯން ގެނެސް އެމަސައްކަތް ވަނީ ފައްޓަވާފައެވެ. މިނިވަންކަން ދިފާއުކުރައްވާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދަނީ ދެއްވަމުންނެވެ.

ގައުމުގެ މިނިވަންކަމާ ގުޅުންހުރި ކަންކަމަށް ފަހު ރައީސްގެ އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދެވެ. ދައުރު ނިމޭއިރު ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމުގެ ވައުދަކީ އެންމެ ބޮޑު ވައުދެވެ. އެކަން 2025 ވަނަ އަހަރުގެ ބަޖެޓުން އޮތީ ފެންނާށެވެ. 2.5 ބިލިއަން ރުފިޔާ ވަނީ ބޯހިޔާ ވަހިކަމަށް ކަނޑައަޅުއްވާފައެވެ. ވިދާޅުވީ " ދެކެން ބޭނުންވަނީ މި ދައުރު ނިމިގެންދާ އިރު 2028 އާ ހަމައަށް ދާ އިރު ރާއްޖޭގައި ގެދޮރުވެރިކަމަށް، އެކްސެސް ނުލިބޭ އެކަކުވެސް ނުބަހައްޓަން. އެތަން ދެކެން ބޭނުންވަނީ" ކަމަށެވެ. ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން އިސްކުރައްވާ އެމަގަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އުމްރާނީ ތަރައްޤީގައި ރައްޔިތުން އެންމެ އެދޭ ތަރައްޤީ ލޮލަށް ނުފެނުނަސް 2025 ވަނަ އަހަރުގެ ބަޖެޓުން އެޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުން ވަނީ އިސްކަން ދެއްވާފައެވެ. ރާއްޖޭގެ އިގްތިޞާދު އަންނަ އަހަރު ދުއްވައިގަންނާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރުވެސް ވަނީ ދެއްވާފައެވެ.

ފެންނަން ހުރި ކަންކަމަށް ބަލާއިރު ފުރަތަމަ އަހަރު ރައީސް ޑރ.މުއިއްޒު ހުންނެވީ ރައްޔިތުންގެ ފަޅީގައެވެ. ސާބިތުވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow