އެމްޕޮކްސް (މަނުކު ވިދުރި) އަކީ ކޮބާ!
ބްލިއު.އެޗް.އޯ އިން ވަނީ އެންމެ މަތީ ދަރަޖައިގެ ސަމާލު ނެރެފަ.
އެމްޕޮކްސްއާ ގުޅިގެން ޑަބްލިޔުއެޗްއޯ އިން ސިއްހީ އާއްމު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ރާއްޖޭގައިވެސް ވަނީ ފިޔަވަޅުތައް އަޅަން ފެށިކަން އިއުލާނު ކޮށްފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެބައްޔާ ގުޅިގެން 2022 ވަނަ އަހަރުވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއެވެ. މިއީ އެޖަމާއަތުން މިބައްޔާ ގުޅިގެން އެހާލަތު އިއުލާނުކުރި ދެވަނަ ފަހަރެވެ.
ޑަބްލިޔުއެޗްއޯ އިން ވަނީ އެމްޕޮކްސްގެ ނުރައްކާ މުޅި ދުނިޔެއަށް އޮތްކަމަށް ކަނޑައަޅާ, ސަމާލުގެ ދަރަޖަ އެންމެ މަތިކޮށްފައެވެ. އެފްރިކާ ބައްރުގެ ޤައުމު ތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ މި ބަލި މިއަހަރުގެ މިހާތަނަށް 14000 މީހަކަށް ޖެހި 254 މީހުން ވަނީ މަރުވެފައެވެ.
މި ބައްޔާ ގުޅޭ ގޮތުން އެނގެންޖެހޭ ކަންކަމަކީ ކޮބާ!
އެމްޕޮކްސް އަކީ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން އިންސާނުންނަށާއި ޖަނަވާރުންނަށް ޖެހޭ ބައްޔެކެވެ.
ގައިން ގަޔަށް އަރާ މި ބަލީގެ ވައިރަސް މީހެއްގެ ގަޔަށް ހުށަހެޅުމަށްފަހު ބަލީގެ އަލާމާތްތައް ފެންނަށް ޢާންމުގޮތެއްގައި ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ދިރާސާ ތަކުން ދައްކައެވެ.
މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި, ގައިގައި ރިއްސުން އަދި ބޮލުގައި ރިއްސާ ވަރުބަލިވުން ހިމެނެއެވެ. އަދި ކަރުދޮށުގަ އާއި ކިހިލިފަތް ދޮށުގައި, އަދި ކަރުގެ ފަހަތުގައި ގޮށްލާން ފަށައެވެ. މި އަލާމާތްތައް ފެންނަށް ފަށާތާ 3 ނުވަތަ 4 ދުވަސް ފަހުން އަތާއި ފައި, އަދި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ފިތް ނަގާ އުފުލިފައި ހުންނަ ބިހިތަކެއް ނަގައެވެ. އަދި އެބިހިތަކުގައި ފެންހެދި, އޭގައި ދޮސްލާ, އެ ފަޅައިގެންގޮސް ކުރަލައެވެ. މި ކުރަ ނެއްޓެންދެން އެހެންމީހުންނަށް ބަލި ވާރުތަވުމުގެ ފުރުސަތު އޮވެއެވެ.
އާންމު ގޮތެއްގައި މިބަލި ޖެހުމަށްފަހު ބަލީގެ ވައިރަސް 2 ހަފުތާ ވަންދެން ހަށިގަނޑުގައި ހުރެއެވެ. އަދި 21 ދުވަހަށްވެސް ދިގުދެމިގެން ގޮސްދާނެއެވެ.
އެމް.ޕޮކްސް އަކީ މިހާރު ނައްތާލެވިފައިވާ ހިމަބިހި ފަދަ ބަލިތަކާ އެއްގޮތްކަމެއް ހުރި ބައްޔެކެވެ.
ބަލި ފެތުރޭ ގޮތް:
· ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ނުކުންނަ ދިޔަ, ނުވަތަ ފެންފޮޅުތައް ފަޅައިގެން ގޮސް ނިކުންނަ ދިޔަ, ބަލި ނުޖެހޭ މީހެއްގެ ތެއްފަށަލައިގައިގެ ހަލާކުވެފައި ހުންނަ ތަނެއްގައި ޖެހުން ނުވަތަ އެ ދިޔަ ސިއްޙަތު ސަލާމަތުންހުރި މީހެއްގެ އަތުގައި ނުވަތަ ތަނެއްގައި ހޭކިފައިހުއްޓާ, އަތްނުދޮވެ ހަށިގަނޑުގެ ތެތްފަށަލައިގައި ހަލާކުވެފައި ހުރި ތަނެއްގައި އަތްލެވުން.
· ބަލި ޖެހިފައި ހުންނަ މީހާ ކެއްސާއިރު ނިކުންނަ ކުޅުގެ ޒަރީއާއިން
· ލޭގެ ޒަރިއާއިން ބަލިޖެހިފައިވާ މަންމަގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް.
މިބަލީގެ ވައިރަސް ހަށގަނޑުގެ ތެރެއަށް ވަންނާނީ ހަމުގައި ހަލާކުވެފައި ހުންނަ ފަށަލައެއްގެ ތެރެއިން ނުވަތަ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. މީގެތެރޭގައި ލޮލާއި, ނޭފަތް އަދި އަނގަ ހިމެނެއެވެ.
މި ވައިރަސް އިންސާނުންނަށް ޖެހި މިބަލި ފުރަތަމަ ރިޕޯޓް ކުރެވިފައިވަނީ 1970 ވަނަ އަހަރު ޑިމޮކްރަޓިކް ރިޕްބަލިކް އޮފް ކޮންގޯ އިންނެވެ. އެއީ ނުވަ މަހުގެ ތުއްތު ކުއްޖަކަށެވެ. ނަމަވެސް މި ބަލި ފުރަތަމަ ފަހަރަށް ފާހަގަކުރެވި, މަންކީ ޕޮކްސްގެ ނަން ދެވިފައިވަނީ 1958ގައި ރިސާޗް ބޭނުމަށް ޑެންމާކުގައި ބަންދުކޮށްފައިތިބި ރާމާމަކުނުތަކެއްގެ ތެރެއިންނެވެ.
2022 ވަނަ އަހަރު ޑަބްލިއު.އެޗް.އޯ އިން ވަނީ މިބަލީގެ ނަން ރަސްމީ ކޮށް އެމްޕޮކްސް އަށް ބަދަލުކޮށްފައެވެ. އެއީ މިބަލި ފެންނަ ހަމައެކަނި ޖަނަވާރަކީ ރާމާމަކުނަށް ނުވާތީވެ, ރާމާމަކުނާ މި ބައްޔާ ގުޅުވައިގެން ކުރެވޭ ހީތައް ކުޑަކުރުމުގެ ބޭނުމުގައެވެ.
އެމް.ޕޮކްސް ކުއްލިއަކަށް ޢާއްމު ސިއްޙީ ކުއްލި ނުރައްކަލެއް ކަމަށް ކަނޑައެޅީ ކީއްވެ!
ދުނީޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އިއްޔެ އެމް.ޕޮކްސް ކުއްލިއަކަށް އާއްމު ސިއްޙީ ކުއްލި ނުރައްކަލެއް ކަމަށް ކަނޑައެޅީ އެމް.ޕޮކްސްގެ މުޅިން އާ ވޭރިއަންޓެއް ފެނި ކެންޔާ އަދި ރުވާންޑާފަދަ އެފްރިކާގެ ބައެއް ގައުމުތަކުގައި މިބަލި ފެތުރެމުންދާ މިންވަރު ވަރަށްބޮޑަށް މައްޗައް ދިއުމުންނެވެ. އަދި އޭގެ ސަބަބުން ދުނިޔޭގެ އެހެން ހިސާބުތަކަށް ވެސް މިބަލި ފެތުރިދާނެ ކަމަށް އޮތް ކަންބޮޑުވުންތަކާއި އެކު ކަމަށް ޑަބްލިއު. އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާގޮތުން އެފްރިކާގެ 13 ގައުމަކުން މިހާތަނަށް މިބަލި ފެނިފައި ވެއެވެ. މީގެ ތެރެއިން %96 ކޭސްތައްފެނިފައި ވަނީ ކޮންގޯއިންނެވެ. ނަމަވެސް އާ ވޭރިއަންޓްގެ ކޭސްއެއް އެފްރިކާ ބައްރުން ބޭރުގެ އެހެން ގައުމަކުން އަދި ފެނިފައިވާ ކަމަށް ރިޕޯޓް ކުރެވިފައެއްނުވެއެވެ.
އެމް.ޕޮކްސްއަށް ވެކްސިނެއް ހޯދިފައިވޭތަ!
އެމް.ޕޮކްސްގެ މާ ބޮޑުވަރު ނުވާ ކޭސްތައް އަމިއްލައަށް ރަނގަޅުވެއެވެ. މިބައްޔަށް ހާއްސަކޮށް ފަރުވާއެއް ހޯދިފައި ނުވިނަމަވެސް 18 އަހަރުން މަތީގެ މީހުންގެ ތެރއިން ހާލަތު ދަށަށް ދާ މީހުންނަށް ހިމަބިއްސަށް ދޭ ފަރުވާ ދިނުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ވަނީ ދީފައެވެ.
ޑަބްލިއު. އެޗް.އޯ އިން ޖުލައި 2022 ވަނަ އަހަރުވެސް އެމް.ޕޮކްސް އާ ގުޅިގެން އާއްމު ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއެވެ. އޭރު ވައިރަސް ފުރަތަމަ ފެނުނީ ޖިންސީގުޅުމުގެ ތެރެއިން ފެތުރެންފެށި ބައްޔެއްގެ ގޮތުގައެވެ. އެފަހަރު ދުނިޔޭގެ 70 އަށްވުރެ ގިނަ ގައުމުން އެބަލި ފެނިފައިވެއެވެ. ނަމަވެސް ކޭސްތައް ފެންނަ ވަރު މަދުވެ, ނުރައްކަލުގެ ހާލަތު އުވާލީ 2023 މޭ ގައެވެ.
ރިއެކްޝަންސް