އިޒްރާއިލްއިން ދިން ހަމަލާ ތަކުގައި ލުބުނާނުން މަރުވި މީހުންގެ އަދަދު 500 އިން މައްޗަށް
އެތައްބަޔަކު ދެކުނު ލުބުނާން ދޫކޮށް ދާން ފަށައިފި
ހޯމަ ދުވަހުން އިޒްރާއިލްއިން ދެކުނު ލުބުނާނަށް ދިން 300 އަށްވުރެ ގިނަ މިސައިލް ހަމަލާގައި މަރުވި މީހުންގެ އަދަދު 558 ށް އަރައިފިއެވެ. އަދި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 2000 އާ ގާތްކުރާކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. މިއީ 2006 ގެ ފަހުން އިޒްރާއިލްއިން ދިން ހަމަލާތަކުގައި ލުބުނާން އެންމެ ގިނަ މީހުން މަރުވި ފަހަރެވެ. އަދި އޭގެ ފަހުން ދިން އެންމެ ނުރައްކާތެރި ހަމާލާވެސް މެއެވެ.
މިހާރުވެސް ދެކުނު ލުބުނާނުގެ އެކި ސަރަޙައްދުތަކުން ގޮވުންތަކުގެ އަޑު އިވެމުންދާކަމަށް އަލް ޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. މި ހަމަލާތަކާއެކު އާންމުންގެ އެތައްހާސް ބަޔަކު ވަނީ ވެހިކަލްތަކާއި ފައިމަގުގައި އެސަރަޙައްދު ދޫކޮށް ދާންފަށާފައެވެ. ދެކުނު ލުބުނާނަށް އަމާޒުކޮށް ހަމަލާތައް ދިންނަމަވެސް, ލުބުނާނުގެ އެހެން ސަރަޙައްދުތަކަށްވެސް ވަނީ ހަމަލާތައް އަމާޒުވެފައެވެ.
އިއްޔެ ފެށި ވަރުގަދަ ހަމަލާތަކާއެކު އދ ގެ ރެފިއުޖީ އެޖެންސީގެ ތަރުޖަމާނު މެތިއު ސޯލްޓްމާޝް ވަނީ ރެފިއުޖީންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރިޕޯޓަރުންނަށް މައުލޫމާތުދީފައެވެ. އަންގާރަ ދުވަހުގެ ހަމަލާތަކާއެކު އެސަރަހައްދުގެ ހާލަތު ގޯހުންގޯހަށް ގޮސްދާނެކަމުގެ ބިރު އެބައޮތްކަމަށާއި, އެކަމާމެދު އެ އެޖެންސީން ކަންބޮޑުވާކަން ސޯލްޓްމާޝް ވަނީ ހާމަކޮށްފައެވެ.
"އެތައްހާސް ބަޔަކު މިވަނީ ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެފަ. ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު ބޮޑުތަނުން އިތުރުވުމަކީ ގާތްކަމެއް" އޭނާ ބުނެފައި ވެއެވެ.
7 އޮކްޓޯބަރުގައި އިޒްރާއިލްއިން ޣައްޒާގައި ދޭންފެށި ހަމަލާތަކާއެކު ލުބުނާނުގެ މުޖާހިދުންގެ ގްރޫޕް, ހިޒްބުالله އިން އިޒްރާއިލްއަށް ވަނީ އެކިފަހަރުމަތިން ހަމަލާދީފައެވެ. އަދި ރައްދުގައި އިޒްރާއިލްއިން ވެސް ހަމަލާދެމުން ދިޔަ އިރު ފާއިތުވި ދުވަސްތަކުގައި އިޒްރާއިލް-ލުބުނާނު ބޯޑަރު ސަރަހައްދުގައި ދިރިއުޅުނު ލުބުނާނުގެ ލައްކައެއްހާ މީހުން މީގެ ކުރިންވެސް ވަނީ އެސަރަހައްދު ދޫކޮށް ގޮސްފައެވެ.
ބޯޑަރު ހުރަސްކޮށް އިޒްރާއިލް އާއި ހިޒްބުالله އަދި ލުބުނާނުގެ އެހެން ޖަމާޢަތްތަކާ ދެމެދު ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ 9613 ހަމަލާ ބަދަލުކޮށްފައެވެ. އޭގެ ތެރެއިން 82 އިންސައްތަ ހަމަލާ ދީފައިވަނީ އިޒްރާއިލް އިންނެވެ. އެއީ 7845 ހަމަލާއެވެ. މިހަމަލާތަކުގައި 6 ސެޕްޓެމްބަރާ ހަމައަށް ލުބުނާނުގެ 646 މީހުން މަރުވެފައިވާއިރު އިޒްރާއިލްގެ 32 މީހަކުވެސް ވަނީ މަރުވެފައެވެ.
އަންގާރަ ދުވަހު ދިން ހަމަލާތަކުގައި އެކަނިވެސް މިހާތަނަށް 558 މީހުން މަރުވެފައިވާކަށް ކަށަވަރުވެފައިވާއިރު މިއަދަދު 600 އަށްވުރެ މައްޗަށް ގޮސްދާނެކަމަށް ވަނީ ބެލެވިފައެވެ. މަރާލި މީހުންގެ ތެރޭގައި 35 ކުޑަކުދިންވެސް ހިމެނޭކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
ހަމަލާތަކާއެކު އިޒްރާއިލް އިން މިވަނީ ލުބުނާނުގައި އެމީހުންގެ ހަނގުރާމަ ރަސްމީކޮށް ފަށާފައެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަރިން އިޒްރާއިލްގެ ސަރުކާރުގެ އިސްވެރިން ވަނީ ހިޒްބުالله އާ ދެކޮޅަށް ލުބުނާނުގައި ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އަދި އަންގާރަ ދުވަހުގެ ހަމަލާތަކަށްފަހު އިޒްރާއިލްގެ އަސްކަރީ ކޮމާންޑިން އޮފިސަރު ރިޕޯޓަރުން ކުރި ސުވާލަކަށް ޖަވާބުދެމުން ބުނެފައިވަނީ ހަމަލާތަކުގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް އިޒްރާއިލް އިން ކުރާނެ ކަމުގައެވެ.
"މިއީ ހަނގުރާމައިގެ ސަބަބުން މިހާރުވެސް ވަރަށް ހާލުގައި އޮތް ސަރަޙައްދެއް. ލުބުނާނަކީ ހަނގުރާމައި ކެކުޅުމާއި ވޭން ތަޙައްމަލް ކޮށްފައިވާ ޤައުމެއް. ކޮންމެ ފަހަރަކު އާންމު ރައްޔިތުންގެ ދިރިއުޅުމުން މި ދައްކަންޖެހޭ އަގަކީ ބަލައިގަނެވޭނެ ކަމެއްނޫން" އދ ގެ ރެފިއުޖީ އެޖެންސީގެ ތަރުޖަމާނު ބުނެފައި ވެއެވެ.
ދެކުނު ލުބުނާނަކީ އެޤައުމުގެ ރައްޔިތުންގެ އިތުރުން ސީރިއާ އިން ހިޖުރަކޮށްފައިވާ އެތައްހާސް ރައްޔިތުންނެއްވެސް ދިރިއުޅެމުންދާ ސަރަހައްދެކެވެ. ސީރިއާގެ އަހުލީ އަދީ ދާޚިލީ ހަނގުރާމައިން ނިކުމެ, އެމީހުން ދެކުނު ލުބުނާނުގެ ވަޒަންވެރިވެފައިވާއިރު އެމީހުންގެ މުޅި ދިރުއުޅުން ވަނީ އެތާނގައި އަލުން އާރާސްތުކޮށްފައެވެ. ހަމަލާތަކާއެކު ސީރިއާއިން ހިޖުރަ ކުރި ރެފިއުޖީން އަނެއްކާވެސް ވިއްސި ވިހާލިވެ ދިރުއުޅުމާމެދު އެމީހުންގެ އުއްމީދު މިވަނީ ގެއްލިފައެވެ.
އިޒްރާއިލް-ލުބުނާން ހަނގުރާމަ އާ ގުޅިގެން ކުޑަކުދިންނަށް އޮތް ބިރުވެރިކަމާ ބެހޭގޮތުން ޔުނިސެފުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އިތުރު ހަމަލާތަކެއްދީ ހާލަތުގޯސްވެއްޖެނަމަ މިއީ ކުޑަކުދިންނަށް އޮތް އިންސާނީ މުޞީބާތަކަށް ވާނެ. މިއީ ފާއިތުވު 18 އަހަރު ތެރޭގައި ލުބުނާނަށް އައި އެންމެ ހިތާމަވެރި ދުވަސް. ހަމަލާތައް ވަގުތުން ހުއްޓާލަންޖެހޭ" ލުބުނާނުގައި ހުންނަ ޔުނިސެފްގެ ޑެޕިއުޓީ ރެޕްރެސެންޓެޓޭޓިވް އެޓީ ހިގިންސް އަލް ޖަޒީރާ އަށް ބުނެފައިވެއެވެ.
ރެފިއުޖީންގެ ގޮތުގައި ދެކުނު ލުބުނާނު ދޫކޮށްދާ ފަރާތްތަކަށް ބޯހިޔާވަހިކަން ދިނުމަށް ސްކޫލްތަކުގަ އާއި އެހެނިހެން ތަންތަނުގައި މިހާތަނަށް 89 ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައިވާކަމަށް ލުބުނާނުގެ ކާރިސާ އާ ގުޅޭ މިނިސްޓަރު ނަސެރް ޔަސިން އާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފައި ވެއެވެ. އިއްޔެ ހަމަލާތަކާ ގުޅިގެން އެކަނިވެސް 26,000 ށް ވުރެ ގިނަ މީހުން މިހާރު ވަނީ ދެކުނު ލުބުނާނު ދޫކޮށް ގޮސްފައެވެ.
އިޒްރާއިލްގެ ހަމަލާތަކާ ގުޅިގެން ހިޒްބުالله އިންވެސް ވަނީ 200 އެއްހާ ރޮކެޓް ހަމަލާ އިޒްރާއިލްގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް ފޮނުވާލާފައެވެ. އޭގެތެރޭގައި މެގިއްޑޯ, ޙައިފާ, ހުޅަނގު އަފުލާ, އަދި ރާމަޓް ގެ އަސްކަރީ ވައިގެ ބޭސްތައް ހިމެނެއެވެ.
އިޒްރާއިލްއަކީ މެދުއިރުމަތީގައި އަސްކަރީ ޤާބިލްކަން އެންމެ ބޮޑު, އަދި ޒަމާނީ މިސައިލްތައް ގިނަ ގައުމެކެވެ. އިޒްރާއިލް އިން ގިނަ އަދަދެއްގެ އަސްކަރީ މިސްއިލް އުފެއްދި ނަމަވެސް, ލޭޒަރ ގައިޑަޑް ނުވަތަ ޖީޕީއެސް އާއެކު އުފައްދާފައިވާ ގިނަ ޒަމާނީ މިސައިލްތައް އެތެރެކޮށްފައިވަނީ އެމެރިކާއިންނެވެ.
ރިއެކްޝަންސް