
ފަލަޞްޠީނުގެ ހައްޤުގައި ޔަހޫދީން ހައްޔަރަށް! އަހަރެމެން ކުރަނީ ކީއް!!
ޖެވިޝް-އެމެރިކަން ވޮއިސް ޕޮރ ޕީސް އިން ފަލަޞްޠީނުގެ ހައްޤުގައި މީގެކުރިންވެސް ވަނީ އަޑުއުފުލާފަ
ނިއުޔޯކްގައި ހުންނަ ޓްރަމްޕް ޓަވަރު ކައިރީގައި ކުރި މުޒާހަރާއިން 98 މީހަކު ބުރާސްފަތި ދުވަހު ނިއުޔޯކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެމެރިކަން-ޖެވިޝް ގްރޫޕް, ޖެވިޝް ވޮއިސް ފޮރ ޕީސް އިން އިން އިންތިޒާމްކުރި މި މުޒާހަރާއަކީ 'ޕްރޯ-ޕަލަޞްޓައިން' ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވި ކޮލަމްބިއާ ޔުނވަރސިޓީގެ ދަރިވަރު މުޙައްމަދު ޙަލީލްގެ ހައްޔަރާ ދެކޮޅަށް އަދި އޭނާއަށާއި ފަލަޞްޠީނަށް ތާއީދުކުރުމުގެ ގޮތުން ބޭއްވި މުޒާހަރާއެކެވެ.
ގާތްގަނޑަކަށް 150 ހެއްހާ މީހުން މެންހަޓަންގެ މިޑްޓައުން ލޮބީގެ ތެރޭގައި މުޒާހަރާ ފެށުމާއެކު ދިހަ މިނިޓް ތެރޭގައި ނިއުޔޯކް ޕޮލިސް ވަނީ އެސަރަޙަށްދަށް ޖަމާވެފައެވެ. މުޒާހަރާގެ ހުރިހާ ބައިވެރިންވެސް ތިބީ އެމީހުން ގޮވާލާ ކަންކަމާގުޅޭ ޝިއާރުތައް ލިޔެފައިވާ ރަތްކުލައިގެ ޓީ-ޝަރޓްގައެވެ.
މުޒާހަރާގެ ބައިވެރިންވަނީ ފަލަޞްޠީނުގައި އިޒްރާއިލްއިން ހިންގާ ކަންކަމާ އެމީހުން ދެކޮޅުކަން ހާމަކޮށް ފަލަޞްޠީނަށް ތާއިދުކުރާ ޝުއޫރުތައްވެސް ފާޅުކޮށްފައެވެ. އެމީހުން ގެންގުޅުނު ބޯޑުތަކުގައި "އަހަރެމެންގެ އެކަމުން ބަރީއަވަން", "އިޒްރާއިލްއަށް ހަތިޔާރު ވިއްކުން ހުއްޓާލާ" ފަދަ އިބާރާތްތައް ބޭނުންކޮށް އެމީހުންގެ ނަމުގައި ޤަތުލްއާންމު ނުހިންގުމަށް ގޮވާލާފައި ވެއެވެ.
އަދީ ނާޒީންނާ ހަނގުރާމަ ކުރުމަށާއި ހަނގުރާމަކުރަންވީ ދަރިވަރުންނާ ދެކޮޅަށް ނޫންކަމުގަ އާއި މަޙްމޫދު ޙަލީލް ދޫކޮށްލުމަށްވެސް އިމާރާތަށް ވަދެގެން ދިޔަ މުޒާހަރާގެ ބައިވެރިން ދިޔައީ ގޮވަމުންނެވެ.
އެމެރިކާގެ އިމިގްރޭޝަން އަދި ކަސްޓަމްސް އެންފޯސްމަންޓުން (އައިސީއީ) ޙަލީލް ފާއިތިވި ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވަނީ ކޮލަމްބިއާ ޔުނިވަރސީޓީގައި ފަލަޞްޠީނަށް ތާއިދުކޮށް ފާއިތުވި އަހަރު އޭނާ އިސްވެ ހުރެ ކުރި ކެމްޕެއިންއާ ގުޅިގެންނެވެ. ޙަލީލް އަކީ އެމެރިކާގެ ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ, އެމެރިކާގެ ރެސިޑެންސީ ވިސާވެސް އޮންނަ ފަރާތެކެވެ. ހައްޔަރުކުރުމާއި އެކު އެމެރިކާއިން ވަނީ އޭނާގެ ގްރީން ކާޑު ކެންސަލްކޮށްފައެވެ. އޭނާ މިވަގުތު ހުރީ ލޫސިއާނާގެ ޑިޓެންޝަން ފެސިލިޓީގައެވެ.
29 އަހަރުގެ މަޙްމޫދު އަކީ ސީރިއާގައި ރެފިއުޖީއެއްގެ ގޮތުގައި ބޮޑުވި ފަލަޞްޠީނުގެ ރައްޔިތެކެވެ. އޭނާ އެމެރިކާއަށް ބަދަލުވީ 2022 ވަނަ އަހަރު ކޮލަމްބިއާ ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލްކުރުމަށެވެ. ފާއިތުވި ޑިސެމްބަރު މަހު އޭނާ ވަނީ މާސްޓަރސް ނިންމާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޙަލީލް ހައްޔަރުކުރުމުން އެކަމަށް މަރުހަބާ ކިޔާފައެވެ. އަދި މިއީ ކެމްޕަސް ތަކުގައި ފަލަޞްޠީނަށް ތާއީދުކޮށް ހިންގާ ހަރަކާތްތަކުގައި ހަރަކާތްތެރިވާ ގިނަ ބައެއް ހައްޔަރުކުރުމުގެ ފެށުން ކަމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ.
ރޭގެ މުޒާހަރާގައި މީހުން ހައްޔަރުކޮށްފައިވަނީ "ގަދަކަމުން ސަރުކާރުގެ އިމާރާތަކަށް ވަދެގަނެ, އެތަނަށް ގެއްލުންދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި" ކަމުގައި ސަރުކާރުގެ ތަރުޖަމާނު ބުނެފައިވެއެވެ.
ހަލީލްގެ ވަކީލުންވަނީ ފެޑެރަލް ކޯޓުގައި އޭނާ ދޫކޮށްލުމަށް އެދިފައެވެ. އަދި ޓްރަމްޕްގެ ސަރުކާރުން އޭނާ ހައްޔަރުކޮށްފައިވަނީ އެމެރިކާގެ ޤާނޫނު އަސާސީގެ ފުރަތަމަ އިސްލާޙުގައި ބުނާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤާ ހިލާފަށްކަމަށްވެސް ވަކީލުންވަނީ ބުނެފައެވެ.
ބުރާސްފަތި ދުވަހު 11:30ގައި މުޒާހަރާ ފެށުނުތާ 40 ށް މިނިޓްތެރޭގައި ޕޮލިސް ވަނީ މުޒާހަރާ ރޫޅާލާ މީހުން ހައްޔަރުކުރަން ފަށާފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ޖެވިޝް ހޮލޮކާސްޓްއިން ސަލާމަތްވި ވަރަށް އުމުރުން ދުވަސްވީ މީހުންވެސް ހިމެނޭ ކަމަށް މުޒާހަރާގެ ބައިވެރިންގެ ތެރެއިން އޭއެފްޕީއާ ވާހަކަދެއްކި ފަރާތްތަކުން ބުނެފައި ވެއެވެ. އަދި އެމީހުން ހައްޔަރުކުރީ އަތާ ފައިގައި ހިފާ ދަމާފައި ގެންގޮސް ވަރަށް އަނިޔާވެރިކޮށް ކަމަށްވެސް އެފަރާތުން ބުނެފައި ވެއެވެ.
ފަލަޞްޠީނާ އެއްކޮޅު ޝިއާރުތައް ފާޅުކުރާ ޔުނިވަރސިޓީ ދަރިވަރުންނަށް އަމާޒުކޮށް ޓްރަމްޕް ސޮއިކުރި އޯޑަރުގެ ދަށުން ކޮލަމްބިއާ ޔިނިވަރސީޓިން ވަނީ އެޔުނިވަރސިޓީގައި ފާއިތުވިއަހަރު މުޒާހަރާކުރި ގިނަ ދަރިވަރުންތަކެއް ދިގު މުއްދަތަކަށް ސަސްޕެންޑްކޮށް އެމީހުންގެ ޑިގްރީތައް ވެސް އަތުލާފައެވެ. ޓްރަމްޕް ވަނީ 'އެންޓައި ސެމެޓިކް' މުޒާހަރާތައް ކެމްޕަސްތަކުގައި ކުރާކަމަށް ތުހުމަތުކޮށް ސްކޫލްތަކަށް ސަރުކާރުން ދެމުންދިޔަ އެހީން 400 މިލިއަން ހުއްޓާލާފައެވެ.
ރިއެކްޝަންސް






