
އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނަށް ފުރައްސާރަކުރުމުން ފާޑުކިއުން ބޮޑުވެ, ހޫނުފެނަށް!
އެޗްއާރުސީއެމްއާއި އިކެލްޝަން ކޮމިޝަނުންވެސް ވަނީ ކުށްވެރިކޮށްފަ
އެމްޑީޕީން މިހާރު ކޮންމެ ރެއަކު ސިލްސިލާކޮށް ކުރަމުން ގެންދާ މުޒާހަރާތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ދަރިކަލުންނަށް ފުރައްސާރަކޮށް ވާހަކަދެއްކީ އެމްޑީޕީގެ އޮފީހުގައި މަސައްކަތްކުރާ މަންދީ ޒުބެއިރުއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ 18 އަހަރު ނުފުރޭ ދަރިކަލުންގެ އިތުރުން އަނބިކަނބަލުން ސާޖިދާ މުޙައްމަދަށްވެސް ފުރައްސާރަ ކުރާ ވީޑިއޯ އަންނަނީ ދައުރުވަމުންނެވެ.
އެއާއެކު އެމްޑީޕީއަށް, ފާޑުކިއުން އަމާޒުވެ މުޒާހަރާތަކުގެ ނިޔަތާމެދު ސިޔާސީ ފަރާތްތަކާއި, ރައްޔިތުންވެސް ގެންދަނީ ސުވާލުއުފައްދަމުންނެވެ. އެއަމަލު ކުށްވެރިކުރަމުންނެވެ. ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް އިލެކްޝަން ކޮމިޝަނުންވެސް ވަނީ ސިޔާސީ ޕާޓީއެއްގެ ސިޔާސީ ހަރަކާތެއްގައި ރައީސްގެ ދަރިކަލުންނަށް ފުރައްސާރަކުރުމުން ކުށްވެރިކުރައްވާފައެވެ. އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ސިޔާސީ ޕާޓީގެ ޤާނޫނު އިން ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ޤާނޫނުއަސާސީއާއި ސީޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށް، ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދީފައެވެ.
އެމްޑީޕީގެ ނަން ގެންނަވާ އިލެކްޝަން ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީއިން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގުމުގައިވެސް ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޢަމަލުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ޚާއްޞަކޮށް ސިޔާސީ ޙަރަކާތްތައް ރާވާ ހިންގުމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ޙައްޤުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން، ކޮމިޝަނުން ވަނީ ކުށްވެރައްވާފައެވެ.
ރައީސް މުއިއްޒުގެ ދަރިކަލުންނާ ފުރައްސާރަކުރާ ވީޑިއޯ ހިއްސާކުރައްވާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަނީ އެއީވެސް ޚިޔާލު ފާޅުކުރުންތޯ ސުވާލުކުރައްވާފައެވެ. އޭނާ ވިދާޅުވީ ޤާނޫނު އަސާސީގަ މިފަދަ ޚިޔާލު ފާޅުކުރުން ބަޔާން ކޮށްފަ ވަނީ ވަރަށް ބޮޑު ކުށެއްގެ ގޮތުގައި ކަމަށެވެ. އުމުރުން 18 އަހަރު ނުފުރޭ މަޢުސޫމު ކުއްޖަކަށް ނަފުސާނީ ގޮތުންނާ ޖިސްމާނީ ގޮތުން އެ ދިނީ ވަރައް ބޮޑު ގެއްލުމެއް ކަމަށާއި, އެ ވީޑިއޯގަ ވަނީ އެއްވެސް ހަޤީޤަތެއް ނެތް ހުސް ބުހުތާން ދޮގު ވާހަކަ ތަކެއްކަމަށް ފަލާހު ވިދާޅުވިއެވެ.
" މި ދަރިފުޅަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އަޚްލާޤުގެ މަތީ ބޮޑު ވަމުން އަންނަ ކުއްޖެއް, ހެޔޮވާނީ ކިހިނެއް މިގޮތައް މަގުމަތިން ދިމާކޮށް މިފަދަ ބުހުތާން ދޮގު ވާހަކަ ދައްކަން. މިވާހަކަތައް އެއްމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަން. މި މައްސަލަ ކަމާ ގުޅުންހުރި ފަރާތްތަކުން ބަލާ މީނާގެ މައްޗަށް އަވަސް ފިޔަވަޅު އަޅަން ގޮވާލަން." ފަލާހު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަބްދުالله މުއްޠަލިބު ވިދާޅުވީ ކުޑަކުއްޖެއްގެ ޙައްޤަށް އަރައިގަނެ އެކުއްޖާގެ ކަރާމާތް ނަގާލާ ބަޔަކީ އެމީހުންގެ ދުނިޔަވީ އަމިއްލަ އެދުން ފުއްދުން ފިޔަވައި އެހެން އެއްވެސް މީހަކަށް ހެޔޮ އެދިގެން މަސައްކަތްކުރާނެ ބައެއްނޫން ކަމަށެވެ.
ލޯކަލް ސިޓީ ތަކާއި ކައުންސިލްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުވެސް ވަނި އެއަމަލު ކުށްވެރި ކުރައްވާފައެވެ. ވިދާޅުވީ އެއްވެސް ކުށެއް ނެތް މައުސޫމް ކުދިންގެ ވާހަކަ ދައްކައި، އެ ކުދިންގެ އިމްތިޔާޒުތަކާއި ޙައްޤުތަކަށް އަރައިގަތުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ.
ސިޔާސީ ބޭނުމުގައި އެއްވެސް ޙައްޤަކާނުލައި ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނައިރު ފަހަތުގައި އަތްޖަހަން ތިބުމުން ދޭހަވަނީ އެފަދަ ނާތަހުޒީބު އަމަލުތަކަށް ހިތްވަރުދޭ ބައެއްކަން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމާއި އެކުދިންގެ ކަރާމާތަށް އަރައިގަންނަ މާހައުލެއް އުފައްދައިފިނަމަ، ރާއްޖޭގެ ޒުވާން ޖީލު ހަލާކުވެ، މުޅި ރާއްޖޭގެ މުސްތަޤުބަލު ބަނަވެދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހިޔުމަންރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނުގައިވެސް ވަނީ އެމްޑީޕީގެ މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް, ކުޑަކުއްޖެއްގެ ކަރާމަތަށް އުނިކަން ލިބޭފަދަ ގޮތަށް ވާހަކަދައްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އެކޮމިޝަންގެ ބަޔާނުގައިވަނީ ކުޑަކުއްޖެއްގެ ކަރާމަތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ވާހަކަ ދައްކާފައިވުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. ކޮމިޝަނުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ރިއެކްޝަންސް






