
އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގިކަމުގެ ތުހުމަތުގައި ފިލިޕީންސްގެ ކުރީގެ ރައީސް ޑުޓާޓޭ މިއަދު އައިސީސީއަށް ހާޒިރުކުރަނީ
ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ އަށް ތުހުމަތުކުރެވޭ އިންސާނިއްޔަތާ ޚިލާފް އަމަލުތައް ހިންގި ކަމުގެ ކުށުގައި މިއަދު ބައިނަލް އަޤްވާމީ ޖިނާއީކޯޓު (އައިސީސީ)ގެ ފުރަތަމަ އަޑުއެހުމަށް އޭނާ ހާޒިރުކުރާނެއެވެ. ޑުޓާޓޭއަށް ކުރަނީ ޑްރަގާ ދެކޮޅަށް އޭނާ ހިންގި ހަނގުރާމައިގައި އިންސާނިއްޔަތާ ޙިލާފް އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތެވެ.
އައިސީސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ޑުޓާޓޭ އެ ކޯޓުގެ ފުރަތަމަ އަޑުއެހުމަށް މާރިޗު 14, 2025 ވާ ހުކުރު ދުވަހު 14:30 (ޖީއެމްޓީ ގަޑިން 13:00) ގައި ހާޒިރުކުރާނެކަމަށް ވަނީ ބުނެފައެވެ.
ޑްރަގް ބޭނުންކުރާ މީހުންނާ ދެކޮޅަށް އޭނާ ހިންގި ދިގު ކެމްޕެއިންގައި ޑުޓާޓޭގެ އަމުރަށް 30,000 މީހުން މަރާލާފައިވާކަމަށް ހައްޤުތަކަށް ވަކާލާތުކުރާ ގްރޫޕްތަކުން ބުނެފައިވެއެވެ. ޑްރަގް ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ އެތައް ބަޔަކަށް އިންސާނިއްޔަތާ ހިލާފް އެތައް ޖަރީމާއެއް އޭނާ ހިންގާފައިވާ ކަމަށްވެސް ގްރޫޕްތަކުން ތުހުމަތު ކުރެއެވެ.
79 އަހަރުގެ ކުރީގެ ރައީސް މެނީލާއިން ހައްޔަރުކޮށް ނެދަލެންޑްސްގެ ދި ހޭގްގައި ޤާއިމްކޮށްފައިވާ ކޯޓަށް ބުދަ ދުވަހު ހަވާލުކޮށްފައިވަނީ ވެސް ފިލިޕީންސް އިންނެވެ. މިއީ އޭޝިއާގެ ވެރިއަކާ ދެކޮޅަށް އައިސީސީގައި ތަޙްޤީގެއް ހިންގާ ފުރަތަމަ ފަހަރެވެ.
ހުކުރު ދުވަހު ބާއްވާ ފުރަތަމަ އަޑުއެހުމުގައި ޑުޓާޓޭގެ މައްޗަށް ކުރާ ދަޢުވާތައް އިއްވައިދީ, އެނާ އަށް ޖަވާބުދާރީ ވުމުގެ ފުރުޞަތުވެސް ދޭނެއެވެ.
ބުދަ ދުވަހު ނެދަލެންޑަށް ގެންދިއުމާއެކުވެސް ޑުޓާޓޭވަނީ އޭނާގެ އަމަލުތަކަށް އިއުތިރާފްވެފައެވެ. ފޭސްބުކަށް ދޫކޮށްލި ވީޑިއޯގައި ޑުޓާޓޭ ބުނެފައިވަނީ "އަހަރެން ފުލުހުންނާއި އަސްކަރިއްޔާގައިވެސް އެގޮތަށް ބުނެފައި ވާނެ ކަމަށާއި އެއީ އަހަރެންގެ ވަޒީފާ ކަމަށާއި އެކަމުގެ ޒިންމާ އަހަރެން ނަގަން" މިހެންނެވެ.
ރިއެކްޝަންސް






