ނޫސްވެރިއެއްގެ ނޯޓް ފޮތުން: "އަހަރެންނަށް މިނޫނީ ދުވަހަކުވެސް މިހާ ބޭކާރު މީހެއްކަމުގެ އިހްޞާސެއް ނުކުރެވޭ"
ފަލަސްތީނުގެ ހޮސްޕިޓަލްތަކުގެ ހާލަތު: ފޮޓޯ-އޭޕީ

ނޫސްވެރިއެއްގެ ނޯޓް ފޮތުން: "އަހަރެންނަށް މިނޫނީ ދުވަހަކުވެސް މިހާ ބޭކާރު މީހެއްކަމުގެ އިހްޞާސެއް ނުކުރެވޭ"

ކޮންމެ ދުވަހަކު އާ ޒަލްޒަލާއެއް ގެނުވާ

3 months ago - 08:33
Aug 28, 2024 - 08:42

ދިއެރް އެލް-ބަލަޙް, ޣައްޒާ – ބަލާބެލުމަށް ހީވަނީ ނިމުމެއްނެތް ބިރުވެރި ފިލްމެއްގެ މަންޒަރެއް ހެންނެވެ. ސަރަޙައްދު ދޫކޮށްދިއުމުގެ އާ އަމުރެއް ބުދަ ދުވަހު ހެނދުނު ދިއެރް އެލް-ބަލަޙްގައި މީހުން ދިރިއުޅޭ ހިސާބުތަކަށް ލިބުނެވެ.

"ކޮންމެ ދުވަހަކު އާ ޒަލްޒަލާއެއް ގެނުވާ" އިޒްރާއިލް އިން އަލަށް ފޮނުވާ ޗާޓު ބަލަންތިބޭއިރު އަހަރެމެންގެ ހިތް ގެނބިގެންދެއެވެ. އޭގެ ރޮނގުތައް ނުރައްކާތެރިކަމުގެ ސިނގްންލް އަޅަމުން އަހަރެމެންގެ ގެއާ ކައިރިވަނީއެވެ.

ޓޭންކުތަކުގެ އަޑު ދަނީ ކައިރިވަމުން, ބާރުވަމުންނެވެ. ބަޑިތައް ތަޅައިގަންނަ އަޑުން ކަންފަތް ގުގުމާލައެވެ. 

ސުވާލެއް އަހަރެމެންގެ ހިތުގައި ބިރުވެރިކަން އުފައްދައިފިއެވެ. މުޅި ޣައްޒާގެ އެންމެންގެ ހިތުގައިވެސް މެއެވެ. އަހަރެމެން މިހާލުގައި އިޒްރާއިލްގެ ހުއްޓުމެއްނެތް ހަމަލާތަކުގައި ތާށިވެ ތިބޭތާ އަހަރެއް ވަނީއެވެ. އަހަރެމެން ދުނިޔެއަށް ސުވާލެއް ކުރީމެވެ. ޖަވާބު ލިބުމެއްނެތް ސުވާލެކެވެ.

Advertisement

"އަހަރެމެން ދާނީ ކޮންތާކަށް ހެއްޔެވެ!"

އަހަރެމެންގެ ހިތުގެ ހުސްކަމުގެ ތެރޭގައި ސުވާލު ތަކުރާރުވަމުންދާއިރު އަހަރެމެންގެ މީހުން އަށެއް, ނުވައެއް, ނޫނީ 10 ވަރަކަށް ފަހަރު ވިއްސިވިހާލިވެއްޖެއެވެ.

"އަހަރެމެން ދާނީ ކޮންތާކަށް ހެއްޔެވެ!"

މި ސުވާލު އަހަރެމެންގެ ހިތާ ސިކުނޑީގެ ހަމަޖެހުން ނަގާލައިފިއެވެ. އެކަނިވެރިކަމާއި, ބޭކާރުކަމާއި, ރުޅިއާ ހިތްދަތިކަން އަހަރެމެން ވަށާލައިފިއެވެ.

އިންސާނެއްގެ ގޮތުގައި މިހާ ބޭކާރުމީހެއް ކަމުގެ އިޙްސާސް ދުވަހަކުވެސް މިނޫނީ ނުކުރެވެއެވެ. 

އިޒްރާއިލް ސިފައިންގެ ތަރުޖަމާނުގެ އެންމެ ފޭސްބުކް ޕޯސްޓެއްވެސް އަހަރެމެންގެ ދިރިއުޅުން ހަމަ ފަޅިސިކުންތެގެ ތެރޭގައި އެފުށްމިފުށަށް ޖަހާފާނެއެވެ.

 

އަނިޔާވެރި ގޭމެއްގެ ގޮޅިތަކެއް

ވިއްސިވިހާލިވެފައިވާ ދިރިއުޅުމުގެ ތެރޭގައި, ބުދަ ދުވަހު އަހަރެން ދިޔައީ މިލިޔުން ނިންމާލެވޭތޯ ބަލަމުންނެވެ. މަސައްކަތާއެކު ކުދިންނަށްވެސް އަޅާލަމުންނެވެ. ކުއްލިއަކަށް އެއައީ އެތަން ދޫކޮށްދިއުމުގެ އަމުރެކެވެ.

އަހަރެމެންތިބީ ޤަބޫލުކުރަން ދަތިވެފައެވެ. އަހަރެމެން ހީކުރީމެވެ. އެއީ ބަޔަކު ދައްކާ ވާހަކައެކެވެ. އެކަމަކު ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަޤީގަތް ކުރިމަތީގައި ނިއުޅެން ފަށައިފިއެވެ. 

ބޮންތައް ގޮވުމުގެ ބާރު އަޑުފަށްގަނޑާއެކު, ހަޅޭކާ ރުއިމުގެ ތެރެއިން ސަލާމަތްހޯދުމަށް މަގުތައްމަތީގައި މީހުން ދުވަން ފަށައިފިއެވެ. މިއީ ޣައްޒާގައި ތަކުރާރުވަމުންދާ ހަޤީގަތެވެ. އެންމެފަހުން ދިއެރް އެލް-ބަލަޙް އާ ހަމައަށްވެސް އައީއެވެ.

މިއީ އެއްއިރެއްގައި ރައްކާތެރި ތަނެއްކަމަށް އެމީހުން ބުނަމުން ދިޔަ ސަރަޙައްދެވެ. އެކަމަކު މިސަރަޙައްދުވެސް ދޫކޮށްދާން އެންގީއެވެ. މިއީ އަނިޔާވެރި ގޭމެކެވެ.

ދުވަހަކުވެސް ތީ ކުޅޭކުޅޭ އެއްޗެއްކަމުގެ އިޙްސާސް ކުރެވުން ހެއްޔެވެ! ކަނާތުން ވާތަށް އެއްލާލާ, އަނެއްކާ ނަގާ ހުޅަނގުން ދެކުނަށް އެއްލާލެވުނު ހެއްޔެވެ! ޚާން ޔޫނުސްގެ ދެކުނުން ރަފަޙް އަށެވެ. އަނެއްކާވެސް ޙާން ޔޫނުސް އަށެވެ. ދެން ނުސައިރަތު ކޭމްޕަށެވެ. އަނެއްކާވެސް ބޭރުކޮށްލީއެވެ.

މޮޔަވެފައިވާ ބައެއްހެން މީހުންތައް މަގުތައްމަތީ ދުވަނީއެވެ. އެމީހުން އަތުގައި އޮތް މަދުއެއްޗެއް ހިފައިގެންނެވެ.

އެމީހުންގެ ގެދޮރު ގެއްލިއްޖެއެވެ. ލޯބިވީ މީހުންނާއި ދިރިއުޅުމަށް ކުރަމުން އައި މަސައްކަތްވެސް މެއެވެ. އަދި މިހާރު އެމީހުންގެ ބުއްދިވެސް ފިލާދަނީއެވެ.

އަހަރެމެންގެ އަތުގައި ހަމައެކައްޗެއްވެސް ނެތެވެ. ކުދިކުދިވެފައިވާ ހިތްތަކަކާއި, ވިސްނުމުގެ ބާރުކެނޑިފައިވާ ސިކުނޑިތަކެއް މެނުވީއެވެ.

އޯހް, ދިއެރް އެލް-ބަލަޙް އެވެ! އަހަރެމެންގެ ފަހު މަންޒިލެވެ. އަހަރެމެންނަށް މަގު ދައްކާނީ ކާކުހެއްޔެވެ! ތާރިޤް ބިން ޒިޔަދް އެއްފަހަރެއްގާ ބުންޏެވެ. "އަހަރެމެންގެ ކުރިމަތީގައި އަހަރެމެންގެ ދުޝްމަނެވެ. އަހަރެމެންގެ ފަހަތުގައި ކަނޑެވެ"

ބިމުން ފައްސަމުން ފައްސަމުން ގޮސް މިހާރު ދާން އޮތީ ހަމައެކަނި ކަނޑެވެ. އެތާގައި ބޯޓެއް އެބައޮތްހެއްޔެވެ!

މަގުމަތީގައި ހާވިޔާވެފައިވާ މީހުންތަކުގެ ގޮތްހުސްވެފައިވާ ރުއިމުގެ އަޑުއަހާނީ ފަހެ ކާކުހެއްޔެވެ! އެމީހުންނަށް ޖެހުނުތަނެއްގައި ހިޔާވަހިކަން ހޯދޭތޯ ބަލަނީއެވެ. މަގުތަކާއި ދަނޑުބިންތަކުގައެވެ. މަޑުކޮށްލަން ހަދާފައި ހުރި ތަންތަނާއި ގޮނޑުދޮށުގައެވެ.

މުޅި ދުނިޔެވެސް އަހަރެމެންގެ ފައިތިލަ ދަށުގައި ކުޑަކުޑައެއްޗަކަށް ވެއްޖެއެވެ. އަހަރެމެންނަށް އެތައް ސަޒާއެއް ލިބެމުންދަނީއެވެ. ފިއްތާލެވިފައިވާ ފުޅިއެއްގެ ކަރެއްފަދައެވެ. ބޮންއަޅާ ވިއްސިވިހާލި ވެއްޖެއެވެ. އަހަރެމެން ދާނީ ކޮންތާކަށް ހެއްޔެވެ!

 

ސުންގަޑި

މީގެ އެންމެ ހިތާމަވެރި ބަޔަކީ ސުންގަޑިއަށް އޮތްބިރެވެ. ޒީރޯ އަވަރ ގެ މާނައަކީ ހުރިހާ އެއްޗެއް ދޫކޮށްލާ, ހަމައެކަނި ލައިގެންހުރި އަންނައުނާ އެކީ ނިކުމެގެން ދިއުމެވެ. 

އަހަރެމެން ގެންދާނެ ބައިވަރު އެއްޗެހިތަކެއް ހުރިއެއްނޫނެވެ. ނަމަވެސް އަހަރެމެންގެ ދިރިއުޅުން ފަހަތަށް ދޫކޮށްލާފައި ދާއިރު އަލުން އަނބުރާ މިދިރިއުޅުން ލިބޭނެކަމެއް ނޭނގެއެވެ.

ދަންނަ މީހުންނާއި ރައްޓެހިންގެ ކޯލްތައް ލިބެއެވެ. ޓެންޓެއް ލިބޭނީ ކޮންތާކުންތޯއެވެ! އިޒްރާއިލް ސިފައިންގެ ޓޭންކަރުތައް ފެންނަން އެބައޮތްތޯ އެވެ! ނޫނީ އެމީހުން ތިބި ސަރަޙައްދެއް އެނގޭތޯއެވެ!

އަހަރެންނަށް އެއްޗެއް ލިޔާނެ ވަގުތެއް ނުވެއެވެ. ލިޔާނީވެސް ވަކި ކޯއްޗެއް ހެއްޔެވެ! އިތުރަން ލިޔަންޖެހޭ އެއްޗެއް އެބައޮތްހެއްޔެވެ!

އެއްބައި މީހުން ދުވަނީ ހުޅަނގަށެވެ. އަނެއްބައި މީހުން ދުވަނީ އިރަށެވެ. އެކަކަށް ވެސް ވާނުވާއެއް ނޫނީ ވާންވީގޮތެއްވެސް ނޭނގެއެވެ. އެއްވެސް މިސްރާބެއްނެތި, ރޮމުން ހަޅޭއްލަވަމުން މަރުވަމުން އަހަރެމެން އެންމެން ދުވާއިރު ދުނިޔެއަށް އަހަރެމެންނަކީ ސިނަމާއެކެވެ.

އެނގެނީ އެންމެ ކަމެކެވެ. ދޮކޮޅުންވެސް މަރު ގައިމެވެ. އިރަށްގޮސް މެއަށް އަމާޒުވާނީ ކިތަށް ވަޒަންކަމެއް ނޭނގެއެވެ. ހުޅަގަށްގޮސް އެރެން އޮތް ކަނޑުގެ ފުންމިނެއް ނޭނގެއެވެ. 

މިއީ އެންމެ ފަހު ސްޓޭޝަންގެ ފަހު އެޕިސޯޑެވެ. މީގެން ދެތިންމަސް ކުރި ރަފްޙްއަށް އަށް ހަދާލިގޮތް އެންމެނަށްވެސް ފެންނާނެއެވެ. މިއީ އެންމެ ފަހު އެޕިސޯޑެވެ. ދިގުމިންނެއް ނެތް އެޕިސޯޑެވެ.

ދުނިޔެ ޝަޢުގުވެރިކަމާއެކު އޮތީ ދެންވާނެގޮތް ބަލާށެވެ. އަހަރެމެން ކަނޑަށް ޣަރަޤުވާނީތޯ ނޫނީ އަހަރެމެން އެންމެން އެއްކޮށްފައި މިތަން ގޮއްވާލާނީ ތޯއެވެ. 

ބެލުންތެރިންނެވެ. އަހަރެން ތި އެންމެނަށް ޔަޤީންކޮށްދެމެވެ. މިއީ ސީރީޒް ނިމޭ މަންޒަރެވެ.

ފަހު ޝޯވް "ދިއެރް އެލް-ބަލަޙް" ވަރަށް އަވަހަށް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ. އަނިޔާވެރިކާއެކު އަހަރެމެން ކަތިލަމުންދާ މަންޒަރެވެ. އަހަރެންމެން ވިއްސިވިހާލިކޮށްލާ މަންޒަރެވެ.

ތައްޔާރުވާށެވެ. އަހަރެމެންގެ ހައްގުގައި ބަހެއްނުބެނެ ތިބި ތިބުމުގެ ނަތީޖާ ލަދުވެތިކަމާއެކު ބަލާށެވެ!

 

ނޯޓް: މިއީ ޣައްޒާގައި ހުންނަ އަލްޖަޒީރާ އިންގްލިޝްގެ ޑިޖިޓަލް ކަރެސްޕޮންޑެންޓް, މަރަމް ހުމައިދު އަލްޖަޒީރާގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow