ޑެނީ އޮލްމޯގެ ގޯލުން ބާސެލޯނާ މޮޅުކޮށްދީފި
ބާސެލޯނާ އޮތީ އެއްވަނައިގައި
ސްޕެނިޝް ލަލީގާގައި ރޭ ރަޔޯ ވަޔަކާނޯއާ ދެކޮޅަށް ކުޅުނު މެޗުން 1-2 ން ބާސެލޯނާ މޮޅުވެއްޖެއެވެ. ބާސެލޯނާ އަށް ބަދަލުވިކަން އިއުލާންކުރިތާ ދެހަފުތާ ފަހުން އެޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ބާސާ މޮޅުކޮށްދިން ގޯލްޖެހީ ޓީމާ އެންފަހުން ގުޅުނު ޑެނީ އޮލްމޯއެވެ.
26 އަހަރުގެ އޮލްމޯ އަށް މިސީޒަންގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ ދެމެޗް ވަނީ ގެއްލިފައެވެ. އެއީ ބާސެލޯނާއިން ހަރަދުކުރަން ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރަށް ހަރަދުކޮށްފައިވާތީވެ. ކުޅުންތެރިއެއްގެ ގޮތުގައި އޮލްމޯ ރަޖިސްޓްރީކުރަން ގިނަ ވަގުތު ނެގީކަމަށް ރިޕޯޓްތައް ބުނެއެވެ. އޮލްމޯގެ ރެޕޖިސްޓްރޭޝަން ފުރިހަމަ ވެފައިވަނީ ހިނގަމުންދާ ހަފުތާގެ ތެރޭގައެވެ.
1-0 ގެ ލީޑެއްގައި ފުރަތަމަ ހާފު ނިންމާލީ ވަޔަކާނޯ އިންނެވެ. އެޓީމަށް ގޯލްޖަހައިދިނީ 9 ވަނަ މިނިޓްގައި އެޓީމުގެ މެދުރެތެއަށްކުޅޭ އުނެއި ލޮޕޭޒްއެވެ.
ދެވަނަ ހާފު ފެށިގެން 15 ވަނަ މިނިޓްގައި ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ރަފީނިއާ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ޕެޑްރީއެވެ.
ދެވަނަ ހާފަށް ނިކުންއިރު ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ޑެނީ އޮލްމޯ 82 ވަނަ މިނިޓްގައި ބާސާ މޮޅުކޮށްދިން ގޯލް ޖަހައިދިނީ ޒުވާން ފޯވާޑް ލަމީން ޔަމާލް ތަނަވަށްކޮށްދިން ފުރުޞަތެއްގައެވެ. މިއާއެކު ބާސާއިން ވަނީ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއި އެކު ތާވަލްގެ އެންމެ ކުރިއަށް ޖެހިލާފައެވެ.
"އަހަރެން މިހުރީ ވަރަށް އުފާވެފައި. މެޗާމެދުވެސް. ވަރަށް އުފާވެއްޖެ މި މޮޅާއެކު. މިއީ ހުވަފެނީ ފެށުމެއް" މެޗް ނިމުމަށްފަހު އޮލްމޯ އީ.އެސް.ޕީ.އެން އަށް ދިން އިންޓަވިއުއްގައި ބުނެފައި ވެއެވެ.
ޔޫރޯ 2024 ސްޕެއިން އަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އޮލްމޯ އާރުބީ ލެޕްޒިގް އިން ބާސެލޯނާއަށް ބަދަލުވީ 55 މިލިއަން ޔޫރޯގެ ފީއަކަށެވެ. ބާސާގެ އެކަޑެމީއިން އުފަންވި އޮލްމޯ ބުނީ ރެޖިސްޓްރޭޝަން މަރުހަލާ ލަސްވެގެންދިޔަ ނަމަވެސް އޭނައަށް ކްލަބަށް އިތުބާރު އޮތް ކަމަށެވެ.
"އަހަންނަށް ޔަޤީންކަން އޮތް ކްލަބުން ރެޖިސްޓްރޭޝަން ކަންތައް ހައްލުކުރާނެކަމަށް. އަހަރެން ހުރީ ބާސެލޯނާއަށް ކުޅެން ތައްޔާރުވެގެން. އަލުން އަނބުރާ އާދެވުނީމާ ވަރަށް އުފާވޭ. މެޗުގައި ކުޅެން އެރި ހިސާބުން ނިމުމާހިސާބަށް އެވަގުތުކޮޅަކީ އަހަންނަށް ވަރަށް މުހިއްމު ވަގުތުކޮޅެއް" އޮލްމޯ ބުންޏެވެ.
ބާސާގެ ކޯޗު ހެންސީ ފެލިކްވެސް ހުރީ އޮލްމޯގެ ކުޅުމާމެދު ހިތްހަމަޖެހިފައެވެ.
"އޭނާ ބާސާއަށް ކުޅެދީ ގޯލެއް ޖަހަން ހުރީ ކެތްމަދުވެފަ. ފެންނާނެ ބޯޅަ ހިފައިގެން ދިޔަ އިރުވެސް އޭނާގެ ކޮންޓްރޯލްގަ ކަން ބޯޅަ އޮތީ" ފްލިކް ނޫސްވެރިންގެ ބައްދަލުވުމުގައި އޮލްމޯގެ ކުޅުމަށް އިޝާރާތްކޮށް ބުންޏެވެ.
ރިއެކްޝަންސް