މެންޗެސްޓަރ ސިޓީން ވިއްކާލާ އެންމެ އަގުބޮޑު ކުޅުންތެރިއަކަށް އަލްވަރޭޒް
އަލްވަރޭޒްގެ އަގަކީ 81.5 މިލިއަން ޕައުންޑް
އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ވިއްކާލާ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އަލްވަރޭޒް އެތްލެޓިކޯ މެޑްރިޑަށް ވިއްކާލަން އެއްބަސްވެއްޖެ އެވެ.
ހިތްހަމަޖެހޭ ވަރަށް ފުރުޞަތު ނުލިބޭތީ އާޖެންޓީނާ ގައުމީ ޓީމްގެ ފޯވާޑް ކްލަބް ދޫކޮށްލަން ބޭނުންވުމުން ސިޓީން ވަނީ އެފުރުޞަތު ތަނަވަސްކޮށްދީފައެވެ. ސިޓީން އަލްވަރޭޒް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ވިއްކާލަނީ 81.5 މިލިއަން ޕައުންޑަށެވެ. މީގެތެރެއިން ފުރަތަމަ ދޭނީ 64.4 މިލިއަން ޕައުންޑެވެ. މީގެކުރިން ސިޓީން އެންމެ އަގުބޮޑކޮށް ވިއްކާލި ކުޅުންތެރިއަކީ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންގ އެވެ. ޗެލްސީއަށް އޭނާ ވިއްކާލީ 50 މިލިއަން ޕައުންޑަށެވެ.
އަލްވަރޭޒް ސިޓީ ދޫކޮށްލަން މިނިންމީ ކޯޗު ޕެޕް ގާޑިއޯލާގެ ޕްލޭނުގައި އޭނާ ހިމެނޭ ކަމަށާއި, ކްލަބްގައި މަޑުކުރާނެ ކަމުގެ އުއްމީދު އޮތްކަމަށް ބުނެފައި ވަނިކޮށެވެ. އާސީޒަނަށް ތައްޔާރުވާން ސިޓީން ކުރި އެއްވެސް ޕްރެކްޓިސްއެއްގައިވެސް 24 އަހަރުގެ އަލްވަރޭޒް ބައިވެރިއެއް ނުވެއެވެ. އެއީ ކޮޕަރ އެމެރިކާ އާއި އޮލިމްޕިކްސްގައި ވާދަކުރި އާޖެންޓީނާ ޓީމްގައި ހިމެނުމުންނެވެ. އަލްވަރޭޒް 2022 ވަނަ އަހަރު ސިޓީއާ ގުޅުނީ 14.1 މިލިއަން ޕައުންޑަށެވެ. ރިވަރޕްލޭޓުން ސިޓީއަށް ބަދަލުވެ ކުޅުނު 106 މެޗުން 36 ގޯލް ޖެހިއެވެ.
އަލްވަރޭޒް ކްލަބް ދޫކޮށްލަން ނިންމާފައި ވަނީ ސިޓީން ބްރެޒިލްގެ ފޯވާޑް ސަވިންހޯގެ ސޮއި ހޯދާފައި ވަނިކޮށެވެ.
ރިއެކްޝަންސް