އިނިއެސްޓާ 40 އަހަރުގައި ކުޅުން ހުއްޓާލައިފި
ސްޕެއިން އާއި ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރ އަންދުރެސް އިނިއެސްޓާ 40 އަހަރުގައި ކުޅުން ހުއްޓާލައިފި އެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިނިއެސްޓާ އިޢުލާނު ކޮށްފައިވަނީ ހޯމަ ދުވަހު ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައެވެ. އިނިއެސްޓާ އަކީ ސްޕެއިން އާއި ބާސެލޯނާގެ މެދުތެރޭގެ މައި އެއް ތަނބެވެ.
"ދަ ގޭމް ވިލް ގޯ އޮން" ގެ ނަމުގައި ދޫކޮށްލި ވީޑިއޯގައި އިނިއެސްޓާ ވަނީ ވަރަށްބޮޑަށް ޖަޒުބާތީވެ ވާހަކަ ދައްކާފައެވެ. އޭނާގެ ހަޔާތުގައި ފުޓުބޯޅައަކީ ކިހާވަރެއްގެ އެއްޗެއްކަމާ ގުޅޭގޮތުން އޭނާވަނީ ވާހަކަދައްކާފައެވެ. ކުރީގެ ކޯޗުންގެ ނަންތައް ފާހަގަކޮށްފައިވާއިރު އޭގެތެރޭގައި ޕެޕް ގާޑިއޯލާ, ލުއިސް ވެންހާލް އަދި ލުއިސް އެންރީކޭ ހިމެނެއެވެ.
އިނިއެސްޓަރ އެންމެ ފަހުން ކުޅެފައިވަނީ ޔޫއޭއީ ޕްރޯލީގުގެ ކްލަބް އެމިރޭޓްސް އަށެވެ. އެމިރޭޓްސްގެ އެއްބަސްވުމުގައިވާގޮތުން 2025 އާ ހަމައަށް ކޮންޓްރެކްޓް އާކުރެވެން އޮތްނަމަވެސް އިނިއެސްޓާ ބޭނުންވީ މި ހިސާބުން ކެރިއަރު ނިންމާލަން ކަމުގައި އޭނާ ބުންޏެވެ.
އިނިއެސްޓަރ އަކީ 2010 ވަނަ އަހަރު ސްޕެއިން އިން ފުރަތަމަ ފަހަރަށް ވޯލްޑްކަޕް އުފުލާލިއިރު ސްޕެއިން މޮޅުކޮށްދިން ގޯލްޖެހި ކުޅުންތެރިޔާއެވެ. ޤައުމީ ޓީމަށް 131 މެޗު ކުޅެދީފައިވާ އިނިއެސްޓާއާއެކު ލަ ރޯހާ އިންވަނީ 2008 އަދި 2012 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައެވެ. ސައުތު އެފްރިކާގައި 2010 ގައި ބޭއްވި ވޯލްޑް ކަޕުގައި 1-0 ން ނެދަލެންޑްސް ބަލިކުރުމަކީ އިނިއެސްޓާގެ ފުޓުބޯޅައިގެ ހަޔާތުގެ އެންމެ ޙާއްސަ ކާމިޔާބީއެވެ.
އިނިއެސްޓާ ބާސެލޯނާގެ އެކަޑެމީއާ ގުޅުނީ 1996 ގައި އުމުރުން 12 އަހަރުގައެވެ. 2002ގައި ބާސެލޯނާގެ ސީނިއަރ ޓީމުން ޖާގަ ހޯދުމުގެ ކުރިން ބީ ޓީމްގައި 54 މެޗު އޭނާ ކުޅުނެވެ. ބާސެލޯނާ އާއެކު އިނިއެސްޓާ ވަނީ ގިނަ މުބާރާތްތައް ކާމިޔާބުކޮށް ޖުމަލް 32 ތަށި އުފުލާލާފައެވެ. އޭގެ ތެރޭގައި 9 ލަލީގާ އާއި 4 ޗެމްޕިއަންސް ލީގު ހިމެނެއެވެ. ބާސެލޯނާ އަށް 700 މެޗު ކުޅެދިނުމަށްފަހު ޖަޕާނުގެ ވިސެލް ކޯބޭ އަށް އިނިއެސްޓާ ބަދަލުވީ 2018ގައެވެ. 2023 ގެ ޖޭއައި ލީގު ކޯބޭއަށް ކާމިޔާބުކޮށްދިނުމަށްފަހު އޭނާ ދެން ބަދަލުވީ އެމިރޭޓްސްއަށެވެ.
ރިއެކްޝަންސް