ނިކޮލަސް ޖެކްސަން އާއި ކޯލް ޕާމާގެ ގޯލްތަކުން ޗެލްސީ މޮޅު
ނިކޮލަސް ޖެކްސަން އާއި ކޯލް ޕާމާގެ ގޯލްތަކުން އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓްހެމް ޔުނައިޓެޑް އަތުން ޗެލްސީ މޮޅުވެއްޖެ އެވެ. ޗެލްސީ މެޗު ކާމިޔާބުކުރީ 0-3 ނެވެ.
ޗެލްސީގެ ފުރަތަމަ ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ ނިކޮލަސް ޖެކްސަން އެވެ. މެޗު ފެށިގެން 4 ވަނަ މިނިޓްގައި ޗެލްސީގެ ފުރަތަމަ ގޯލް ޖެކްސަން ކާމިޔާބުކޮށްދިނީ ޖޭސަން ސަންޗޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. 18 ވަނަ މިނިޓްގައި ދެވަނަ ގޯލް ކާމިޔާބުކުރަން އެހީތެރިވީ މޮއިސީސް ކައިސޭޑޯ އެވެ.
މި ދެ ގޯލަކީވެސް ވެސްޓްހެމްގެ ޑިފެންޑަރުންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގާ ޗެލްސީން ކާމިޔާބު ކުރި ދެ ގޯލެވެ. ފުރަތަމަ ހާފުގައި ވެސްޓްހެމްގެ ޑިފެންޑަރުންގެ ފަރާތުން ފެނިގެންގޮސްފައިވަނީ ވަރަށް އާދައިގެ ދަށް ކުޅުމެކެވެ.
ދެވަނަ ހާފު ފެށިގެން މިނިޓެއްގެ ތެރޭގައި ޖެކްސަން ތަނަވަސްކޮށްދިން ފުރުޞަތުގައި ޗެލްސީން ތިންވަނަ ގޯލެއް ޖެހިއެވެ. ގޯލްއޭރިޔާ އަރިމަތިން ގޯލަށް ފޮނުވާލައިގެން ތިންވަނަ ލަނޑު ޖެހީ ކޯލް ޕާމާ އެވެ.
ޗެލްސީން ވަނީ ފާއިތުވި ހޯމަ ދުވަހު ބާންމައުތް އަތުން 1-0 ން މޮޅުވެފައެވެ. މިއާއެކު މިވަގުތު ޗެލްސީ ވަނީ ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. އާ ކޯޗު ހޫލެން ލޮޕެޓެގުއީ އާއެކު ވެސްޓްހެމް އޮތީ ތާވަލްގެ 14 ވަނައިގައެވެ.
ރިއެކްޝަންސް