ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވާ ގޮތަށް ޤާނޫނު އިސްލާހުކޮށްފި
ރައީސް ނުވަތަ މޭޔަރުގެ މަގާމް ހުސްވެއްޖެ ނަމަ 14 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭ
ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވާ ގޮތަށް ޤާނޫނު އިސްލާހުކޮށް, ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ފާސްކުރި އިސްލާހާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގެ އިތުރުން އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައްވެސް ދެން ބާއްވާނީ އަހަރަކު ދެފަހަރު އެވެ. އެކަމަކު ކައުންސިލެއްގެ ރައީސް ނުވަތަ ސިޓީއެއްގެ މޭޔަރުގެ ގޮނޑި ހުސްވެއްޖެ ނަމަ 14 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް ވަނީ ފާސްކޮށްފައެވެ. ނައިބުރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމް ހުސްވެއްޖެ ނަމަ 30 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ވެސް ވަނީ އިސްލާހު ގެނެސްފައެވެ. ނައިބުރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމް ހުސްވާއިރު ރައީސް ނުވަތަ މޭޔަރުގެ މަގާމް ހުސްވެފައިވާނަމަ 7 ދުވަސް ތެރޭގައި އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނަށް ލާޒިމް ވާނެއެވެ.
މީގެއިތުރުން އަހަރަކު ދެފަހަރަށްވުރެ އަވަހަށް އިންތިޚާބު ބާއްވަންޖެހޭ ހާލަތަކީ މެމްބަރަކު ވަކިވުމުން ނުވަތަ އިސްތިއުފާ ދެއްވުމުން ކޯރަމް ގެއްލޭ ހާލަތެވެ. އެހާލަތުގައި 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހެއެވެ. މިހާރު ޤާނޫނު އޮތް ގޮތުން ބައި-އިލެކްޝަންތައް ގިނަވެ ވޯޓް ލުމުގެ ޝައުގުވެސް ރައްޔިތުންގެ ކުޑައެވެ.
ރިއެކްޝަންސް