
ޗެމްޕިއަންސް ލީގުގައި އާސެނަލްއަށް ރެކޯޑެއް, ރެއާލް މެޑްރިޑް އަދި އެސްޓަންވިލާ ވެސް މޮޅު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި އާސެނަލްއިން 7-1 ން ޕީއެސްވީ އެއިންދޮވެން ބަލިކޮށް އެންމެ ތަފާތުބޮޑުކޮށް ލީގުގެ ނޮކްއައުޓް ބުރުގައި ޓީމެއް ބަލުކުރުމުގެ ރެކޯޑް ޤާއިމްކޮށްފިއެވެ. ރޭ ރެއާލް މެޑްރިޑުން އެތްލެޓިކޯ މެޑްރިޑްގެ މައްޗަށް 2-1 ން ކުރި ހޯދާ, އެސްޓަން ވިލާއިންވެސް 3-1 ން ކްލަބް ބްރަގޭ ބަލިކޮށް ވަނީ ކުއާޓާއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްފައެވެ.
އާސެނަލް އާއި އެއިންދޮވެން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުވެސް އާސެނަލްއިން ނިންމާލީ 3-1 ގެ ނަތީޖާ އަކުންނެވެ. ހުރެއިން ޓމްބަރ, އީތަން ވަނޭރީ އަދި މިކޭލް މެރީނޯ ގެ ތިންގޯލްގެ ލީޑެއްގައި އޮށްވާ އެއިންދޮވެންގެ ހަމައެކަނި ގޯލް ޕެނަލްޓީއަކުން ކާމިޔާބުކުރީ ނޯއ ލޭންގް އެވެ.
ފަހު ހާފު ފެށިގެން ދެވަނަ އަދި އިންވަނަ މިނިޓްގައި މާޓިން އޮޑެގާޑް އަދި ލެއަންޑްރޯ ޓްރޮސާޑް މެޗުގެ ނަތީޖާ 5-1 ށް ބަދަލުކޮށްލިއެވެ. އާސެނަލްގެ ފަހު ދެ ގޯލްގެ ތެރެއިން ހަވަނަ ގޯލް އޮޑެގާޑް ކާމިޔާބުކުރި އިރު ހަތްވަނަ ގޯލް ޖެހުމުގައ ރިކާޑޯ ކަލަފިއޯރީއަށް އެހީތެރިވީވެސް އޭނާއެވެ.
އާސެނަލްއިން މި ތާރީޙީ މޮޅު ހޯދިއިރު އަނިޔާގެ ސަބަބުން ރޭގެ މެޗުވެސް ކުޅުނީ މުހިއްމު ބައެއް ކުޅުންތެރިން ނުލައެވެ. ކައި ހަވާޓްޒް, ޖެބްރިއަލް ޖީސަސް, ބުކާޔޯ ސަކާ އަދި ގެބްރިއެލް މާޓނެއްލީވެސް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން އަނިޔާގެ ސަބަބުން ފެނިފައެއް ނުވެއެވެ.
ސެންޓިއޭގޯ ބާނަބެއުގައި ރެއާލް މެޑްރިޑް އާއި އެތްލެޓިކޯ ވާދަކުރި ދެވަނަބުރުގެ ގަދަ 16 ގެ ފުރަތަމަ ލެގު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކާމިޔާބުކުރީ ހަނި މޮޅަކުންނެވެ.
ސްޕެނިޝް ލީގުގައިވެސް ކައިރި ކައިރިން ވާދަކުރަމުން އަންނަ ދެޓީމް އަންނަ ހަފްތާގައި މެޓްރޯޕޮލިޓާނޯގައި ޗެމްޕިއަންސްލީގުގެ ދެވަނަ ލެގުގައި ވާދަކުރާއިރު އެއީ ރެއާލްއަށް ޕްރެޝަރު ބޮޑުވާނެ މެޗެކެވެ.
ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ރެއާލަށް ލީޑު ނަގައިދިނީ ރޮޑްރީގޯއެވެ. ހަތަރުވަނަ މިނިޓްގައި އެ ފުރުޞަތު ތަނަވަސްކޮށްދިނީ ފެޑްރީކޯ ވަލްވާޑޭއެވެ. ނަމަވެސް އެތްލެޓިކޯއަށް ބަދަލުވުމަށްފަހު ތަފާތު ދައްކަމުންއަންނަ ސިޓީގެ ކުރީގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތްލެޓިކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އަލްވަރޭޒްގެ ހިތްގައިމު ގޯލާއެކު އެތްލެޓިކޯއިން މެޗުގެ ކޮންޓްރޯލްނަގާ ކުޅެމުންދަނިކޮށް ރެއާލް ސަލާމަތްކޮށްދިނީ ބްރަހިމް ޑިއަޒްއެވެ. މެޗުން ރެއާލް މޮޅުވި ގޯލް 55 ވަނަ މިޓްގައި އޭނާ ކާމިޔާބުކުރީ ފާލެންޑް މެންޑީ ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.
މެޗުގައި ރެއާލަށް ލީޑު ފުޅާކުރާނެ ރަގަނޅު ފުރުޞަތެއް އިތުރުވަގުތުގައި ލިބުނު ނަމަވެސް އެތްލެޓިކޯގެ ޑިފެންސުންވަނީ އެ ހަމަލާ ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ.
ދެވަނަ ލެގުގައި ދެޓީމް އަލުން ބައްދަލު ކުރާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
އަނގާރަ ދުވަހު ގަދަ 16 ގެ ފުރަތަމަ ލެގުގައި ރަށުންބޭރުގައި އެސްޓަންވިލާ އިން ކްލަބް ބްރަގޭ ގެ މައްޗަށް 3-1 ން ކުރިހޯދާ ކުއާޓާ ފައިނަލްގެ އުއްމީދު ވަނީ ބޮޑުކޮށްފައެވެ. ވިލާގެ ކޮޅަށް ނަތީޖާ އަނބުރާލުމުގައި ބައިކޮޅަށް ވައިން ގޯލަކާއި ޕެނަލްޓީއެއްވެސް ހިމެނެއެވެ.
މެޗުގެ ތިންވަނަ މިނިޓްގައި ވިލާއަށް ލީޑު ނަގައިދިނީ ލިއޯން ބެއިލީއެވެ. ނަމަވެސް އޭގެ ނުވަ މިނިޓް ފަހުން ބްރަގޭ ގެ މެކްޒިމް ޑި-ކިއުޕާ ގޯލެއް ކާމިޔާބުކޮށް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ވިލާގެ ދެވަނަ ގޯލަކީ ބްރަގޭގެ ޑިފެންޑަރު ބްރޭންޑަން މެކޭލް އަތުން މެޗުގެ 82 ވަނަ މިނިޓްގައި ބައިކޮޅަށް ވައިން ގޯލެކެވެ. ވިލާގެ ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ 3-1 ށް ބަދަލުކުރީ މާކޯ އަސެންސިއޯއެވެ.
ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މި ދެ ޓީމް އަލުން ބައްދަލުކުރާނީ އަންނަ ބުދަ ދުވަހު ވިލާ ޕާކްގައެވެ. ކުއާޓާ ފައިނަލްގައި ލިވަޕޫލް ނުވަތަ ޕީއެސްޖީއާ ވާދަކުރާނެ ޓީމެއް ކަނޑައެޅޭއިރު ވިލާއަށް ހުރިހާ ގޮތަކުންވެސް ފުރުޞަތު ވަނީ ފަހިވެފައެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ފުރަތަމަ ލެގުގައި ރޭ ބޮރޯޝިއާ ޑޯޓްމަންޑާއި ލިލް ބައްދަލުކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.
ރިއެކްޝަންސް






