ރަފީނީއާގެ ހެޓްރިކުން ބާސެލޯނާއަށް ބޮޑު މޮޅެއް, ހާލަންޑްގެ ދެ ގޯލާއެކު ސިޓީމޮޅުވީ 5-0 ން
ރަފީނިއާގެ ހެޓްރިކާއެކު ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު ބާސެލޯނާއިން ބަޔާން މިއުނިކްގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި އެވެ. ބަޔާންގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދީ 4-1 ނެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި ރަފީނިއާ ވަނީ އަނެއްކާވެސް ހެޓްރިކް ހަދައިފިއެވެ. ރޭގެ މެޗުގައި ބްރެޒިލްގެ ފޯވާޑްގެ ފުރަތަމަ ގޯލް ބާސާއަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ މިނިޓްގައެވެ. ރަފީނިއާ މިސީޒަންގައި އަންނަނީ އެޓީމުގައި އާދަޔާޚިލާފް މޮޅު ކުޅުމެއް ދައްކަމުންނެވެ.
މެޗުގެ ދިހަ ވަނަ މިނިޓްގައި ބަޔާންއަށް ނަތީޖާ އެއްވަރުކުރަން ލިބުނު ޕެނަލްޓީ ހެރީ ކޭން އަތުން ނާކާމިޔާބު ވީ ނަމަވެސް އޭގެ އަށް މިނިޓްފަހުން ކޭން ވަނީ ގޯލެއްޖަހާ އެކަމުގެ ހާސްކަން ފިލުވާލާފައެވެ. 18 ވަނަ މިނިޓްގައި ބަޔާން އަށް ނަތީޖާ ހަމަހަމަކުރަން އެހީތެރވީ ސާޖް ނާބްރީއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. 36 ވަނަ މިނިޓްގައި ބާސެލޯނާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނި ލެވަންޑޮސްކީ އެވެ. އެއީ ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ތިންވަނ ގޯލް ޖަހާ ބާސާއަށް ލީޑް ފުޅާކޮށްދިނީ ހެޓްރިކް ހެދި ރަފީނިއާއެވެ. ބުދަ ދުވަހުގެ މެޗުގައި ބާސެލޯނާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރަފީނިއާގެ ދެވަނަ ގޯލަކީ މާކް ކަސާޑޯ ނަގައިދިން ބޯޅައެއް އޭރިއާގެ އަރިމަތިން ވަރަށް ރީތިކޮށް ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ތިންވަނަ ގޯލް ދެވަނަ ހާފު ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ލަމީން ޔަމާލް ނަގަދިން ބޯޅަ ގޯލަށް ފޮނުވާލައިގެން ރަފީނިއާ ވަނީ ހެޓްރިކް ހަދާފައެވެ.
ޗެމްޕިއަންސް ލީގުގައި ބުދަދުވަހު މެންޗެސްޓަރ ސިޓީން 5-0 ސްޕާޓާ ޕްރާގް ބަލިކުރި އިރު, ހާލަންޑް ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. މިއާއެކު ޗެމްޕިއަންސް ލީގުގައި ސިޓީން ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ސިލްސިލާއަށް ވަނީ އާބޮޅެއް އިތުރުވެފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި ބަލިނުވެ ސިޓީން ނިންމާލި 26 ވަނަ މެޗެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ގޯލް 3 ވަނަ މިނިޓްގައި ކާމިޔާބުކުރީ މެނުއަލް އަކާންޖީ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ފިލް ފޯޑެން އެވެ. ފުރަތަމަ ހާފުނިމުނީ 0-1 ގެ ނަތީޖާއަކުންނެވެ. ދެވަނަ ހާފު ފެށިގެން 2 ވަނަ މިނިޓްގައި ނަތަން އާކޭ ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރުން ވަނީ ގޯލް ބަލައިނުގެންފައެވެ.
މެޗުގެ ދެވަނަ ހާފުގައި ހާލަންޑްގެ ފަރާތުން ނުރައްކާތެރި ބޯޅަތަކެއް ފެނިގެން ދިޔައެވެ. ސްޕާޓާގެ ގޯލް ކީޕަރު ޕިޓަރ ވިންދާލް ހަމަލާތައް ދިފާއުކުރުން ނާކާމިޔާބުކޮށްލާ 58 ވަނަ މިނިޓްގައި ވަނީ ސިޓީގެ ދެވަނަ ގޯލް ހާލަންޑް ކާމިޔާބުކުރިއެވެ. ދަނޑުގެ މެދުރޮނގާ ހިސާބުން ސަވީނިއޯ އަށް ބޯޅަ ދިނުމަށް ފަހު ހާލަންޑްގެ ޕާސް ވަރަށް މޮޅަށް އެކްރޮބެޓިކް ބައިސިކަލް ކިކާއެކު ގޯލް ކާމިޔާބު ކުރުމާއެކު ހާލަންޑްވެސް ހުރީ އެވަގުތުކޮޅު ގަބޫލު ނުކުރެވިފައެވެ. ފުރަތަމަ ގޯލަށް ފަހު އިތުރު ގޯލެއް ކާމިޔާބުކުރަން ބުރަކޮށް މަސައްކަތް ކުރަންޖެހުނު ސިޓީއަށް މި ގޯލާއެކު ހަމަޖެހުން ލިބިގެން ދިޔައެވެ.
ސިޓީއަށް ލީޑު ފުޅާކޮށްދިނީ މިސިޒަންގައި ސިޓީން ކުޅުނު އެންމެ ފަހުމެޗު, ވުލްވްސް އާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތު ގޯލް ޖަހައިގެން ސިޓީ ސަލާމަތް ކޮށްދިން ޖޯން ސްޓޯންއެވެ. 64 މިނިޓްގައި މެތިއުސް ނުނޭޒް ތަނަވަސްކޮށްދިން ފުރުޞަތުގައި އިނގިރޭސި ޑިފެންޑަރު ވަނީ ގޯލްގެ ތިރީ ކަނަށް ރީތި ބޯޅައެއް ފޮނުވާލާފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ހާލަންޑް ބޮލުން ފޮނުވާލި ހަމަލާ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
68 ވަނަ މިނިޓްގައި މެތިއުސް ނުނޭޒް ތަނަވަސްކޮށްދިން ފުރުޞަތުގައި ސިޓީގެ ހަތަރު ވަނަ ގޯލް ކާމިޔާބުކޮށްދިނީވެސް ހާލަންޑެވެ. މިއީ 24 އަހަރުގެ ހާލަންޑް ޗެމްޕިއަންސް ލީގުގައި ކާމިޔާބުކޮށްދިން 44 ވަނަ ގޯލެވެ. މެޗުގައި ސިޓީގެ 5 ވަނަ ގޯލް ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނުނޭޒްއެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
ރިއެކްޝަންސް