މާލީ ލަފާތަކަށް މިދިޔަ ސަރުކާރުން ދިނީ ބީރު ކަންފަތެއް, އިޖާބަ ދިނީ ރައީސް މުއިއްޒު- ޕީއެންސީ
ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދިން ލަފާތަކަށް މިދިޔަ ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށާއި, އެލަފާތަކަށް އިޖާބަ ދެއްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަމަށް އެމަނިކުފާނުގެ ޕާޓީ ޕީއެންސީން ބުނެފިއެވެ.
ސިޔާސީ މުވައްޒަފުންގެ މުސާރައިން %10 އުނިކޮށް, އެމަނިކުފާނުގެ މުސާރައިން %50 ނުނަންގަވަން ނިންމެވިކަން އިއުލާނުކުރެއްވުމާ ގުޅިގެން އެކަމަށް މަރުހަބާ ދަންނަވާ ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފާއިރުވި ދެތިން އަހަރުވެސް ދައުލަތުގެ ޚަރަދުތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ލިބޭ އާމްދަނީއާ ކުރާ ހޭދައިގެ ފަރަގު ބޮޑުވެ, އެކަން އިސްލާހުކުރުމަށް ޚަރަދުތައް ކޮންޓްރޯލް ކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ލަފާ ދެމުން ދިޔަނަމަވެސް އޭރުގެ ސަރުކާރުން އިޖާބަ ނުދެއްވި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރަން މިދިޔަ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ޕީއެންސީގެ ބަޔާނުގައި ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު ނިމުނު އިރު ބަޖެޓް ޑެފިސިޓް 13.5 ބިލިއަން ރުފިޔާއަށް އިތުރުވެ, ރިކަރަންޓް ޚަރަދުތައްވެސް ލިބޭ އާމްދަނީގެ ތެރޭގައި ހިފެހެއްޓިފައި ނުވާ ކަމަށް ޕީއެންސީން ބުންޏެވެ. އޭރު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅާފައި ނުވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށް ޕީއެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޕީއެންސީން ބުނީ މިއަދު ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތައް އަޅުއްވަން ފެއްޓެވީވެސް އެމަނިކުފާނާ ހަމައިން ކަމަށެވެ. ރައީސްގެ މުސާރަ ދެބައިކޮޅަ އެއްބައި ނުނަންގަވަން ނިންމެވުމާއި, ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރައްވަން ނިންމެވިކަން ފާހަގަކުރައްވާ ޕީއެންސީން ބުނީ މިއީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނިވިކަން ޔަޤީންކޮށްދެއްވުމަށް ރައީސް އަޅުއްވަން ނިންމެވި ހަރުދަނާ ފިޔަވަޅު ތަކެއް ކަމަށެވެ.
" ސިޔާސީ ގޮތުން އުނދަގޫ އެހެންނަމަވެސް ޤައުމުގެ ހައްޤުގައި ނިންމަވަން ޖެހޭ ނިންމެވުމެކެވެ" ޕީއެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރައީސްގެ ނިންމެވުންތަކަށް މަރުހަބާ ދަންނަވާ ޕީއެންސީން ބުނީ ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯއްދަވައިދެއްވާ, އިޤްތިޞާދީ އަދި މާލީގޮތުން ފުދުންތެރި ޤައުމަކަށް ރާއްޖެ ހެދުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ކާމިޔާބު އެދޭ ކަމަށެވެ.
ރިއެކްޝަންސް