މާލޭގެ އައު މާރުކޭޓު ކޮމްޕްލެކްސްގެ މަސައްކަތަށް ސިޓީ ކައުންސިލުން ހުރަސްއަޅާތީ ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި
މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ އައު މާރުކޭޓު ކޮމްޕްލެކްސްއެއް އެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މާލޭ ސިޓީ ކައުންސިލުން ގަސްތުގައި ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެއަކީ ރާއްޖޭގައި އެންމެ ގިނަ މަސްވެރިން އުޅޭ ސިޓީއަށް ވާއިރު، މިހާރު ހުރި މަސް މާރުކޭޓަކީ ވަރަށް ބޮޑަށް ބާވެ ހާލަތު ދަށްވެފައިވާ ތަނެއް ކަމަށެވެ. އެތަން ތަރައްގީކުރަން ސަރުކާރުން ހުރިހާ ތައްޔާރީތަކެއް ވެފައި އޮތް ނަމަވެސް، ސިޓީ ކައުންސިލުން ބިން ހަވާލުނުކުރުމުގެ ސަބަބުން މަޝްރޫއު ހުއްޓިފައި އޮންނަތާ މިހާރު ހަތަރު މަސް ވެއްޖެ ކަމަށް އެމަނިކުފާނު ހިތާމަޔާ އެކު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ރޭވުމަކީ މިހާރުގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި، ހުރިހާ ވަސީލަތްތަކެއް ހިމެނޭ "ސްޓޭޓް އޮފް ދަ އާޓް" ޒަމާނީ މާރުކޭޓެއް ބިނާކުރުމެވެ. މި މަޝްރޫއުގެ ދަށުން އާ މަސް މާރުކޭޓުގެ އިތުރުން، ދަތުރުވެރިންގެ މާރުކޭޓާއި، ތަރުކާރީ އާއި މޭވާ ވިއްކާ ލޯކަލް މާރުކޭޓު އެއް ފުރާޅެއްގެ ދަށަށް ގެނެސް، ޕާކިންގެ ބޮޑު ހިދުމަތެއް ވެސް އެތަނުގައި ގާއިމުކުރާނެއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކަމާބެހޭ މިނިސްޓްރީން ވަނީ މަސައްކަތް ކުރާނެ ކުންފުންޏެއް ހޯދައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިސާގެ ހުރިހާ ކަމެއް ހަމަޖައްސައި، އެއްބަސްވުމުގައި ވެސް ސޮއިކޮށްފައެވެ. ކުންފުންޏާއި މިނިސްޓްރީ ވެސް އޮތީ މަސައްކަތް ފަށަން މުޅިން ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، މި މަޝްރޫއު ކުރިއަށް ނުގެންދެވި ލަސްވަނީ ސިޓީ ކައުންސިލުން އެކި ކަހަލަ އުޒުރުތަކާއި ބަހަނާތައް ދައްކައި، ބިން ހަވާލުނުކުރުމުންނެވެ. އަދި މިހާރު މާރުކޭޓުގައި ތިބި ވިޔަފާރިވެރިން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުން އެދުމުން ވެސް ކައުންސިލުން އެ ފުރުސަތެއް ނުދިނެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މާރުކޭޓު ތަރައްގީކުރުމަށް ތިން އެއްބަސްވުމެއް އެކުލަވާލާފައި އޮތް ކަމަށް ބުނެ، ބިން ސަރުކާރާ ހަވާލުނުކުރުމަށެވެ. ކައުންސިލުން ބުނެފައިވަނީ ބިން ހަވާލުކުރާނީ އެ ފަރާތުން ބޭނުންވާ މައުލޫމާތު ސާފުވުމުން ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ހުރަސްއަޅައިގެން އެއްވެސް ފަރާތަކަށް ލިބޭނެ ފައިދާއެއް ނެތް ކަމަށާއި، ސަރުކާރުން އަމިއްލައަށް އިސްނަގައިގެން، ވިޔަފާރިވެރިން އެހެން ތަނަކަށް ބަދަލުކޮށްގެން ވެސް މި މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި، ކުރިއަށް އޮތް އަހަރުގެ މަސްވެރިންގެ ދުވަހަށް އާ މާރުކޭޓު ރަސްމީކޮށް ހުޅުވުމެވެ.
ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނައި އިސްލާހުގައިވާ ގޮތުން، ގައުމުގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ ބިން ހަވާލުކުރަން ކައުންސިލުން ދެކޮޅުހަދާ ނަމަ، އެ ބިމެއް ސަރުކާރަށް ނެގުމުގެ އިހުތިޔާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ. އެހެންކަމުން، މި ހާލަތުގައި އެ ބިން ސަރުކާރަށް ނަގާނެ ކަމުގެ އިންޒާރު ހައުސިން މިނިސްޓްރީން ވެސް ވަނީ މީގެ ކުރިން ދީފައެވެ.
މާލޭގެ އުތުރު ފަރާތު ބަނދަރުމަތީގައި ހުރި މި މާރުކޭޓުތަކަކީ މާލޭގެ އިތުރުން މުޅި ރާއްޖޭގެ މަސްވެރިކަމާއި ވިޔަފާރީގެ މުހިއްމު މަރުކަޒަކަށް ވީނަމަވެސް، އެތަންތަނުގެ ހާލަތު ދަށްވުމުގެ ޝަކުވާ އާންމުން އަބަދުވެސް ކުރެއެވެ. ސަރުކާރުގެ މި މަޝްރޫއަކީ އެ ތޮއްޖެހުމަށް ހައްލެއް ހޯދައި، ސާފުތާހިރު މާހައުލެއްގައި ވިޔަފާރިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދިނުމަށް ފަށާ މުހިއްމު މަސައްކަތެކެވެ.
ރިއެކްޝަންސް





