އޭއައި ރެގިއުލޭޓުކުރުމުގެ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅަނީ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރެގިއުލޭޓުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ހާއްސަ ބިލެއް ހުށަހެޅުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒޭޝަނާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު، އޭއައި އަކީ ގާނޫނީ ހައިސިއްޔަތު ލިބިދީފައިވާ އަދި ރެގިއުލޭޓު ކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމަށެވެ. ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން ތިން ބިލެއް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު، އޭއައިއާ ބެހޭ ބިލު މި ބިލުތަކުގެ ތެރޭގައި ހިމަނައިގެން ނުވަތަ ވަކި ބިލެއްގެ ގޮތުގައި ވިޔަސް ވަރަށް އަވަހަށް މަޖިލީހަށް ފޮނުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މަޖިލީހަށް އޭއައިއާ ބެހޭ ބިލެއް ވަރަށް އަވަހަށް ދާނެ. އޭއައި ބަލައިގަންނައިރު އެއީ ގާނޫނީ ނިޒާމެއްގެ ތެރެއަށް ވަދެގެންދާ، ރެގިއުލޭޓު ކުރެވޭ ނޫނީ އެއާ ގުޅޭ ކަންކަން ބަޔާން ކުރެވިފައިވާ ކަމަކަށް ވާންޖެހޭ،" ރައީސް ވިދާޅުވިއެވެ.
މިފަދަ ގާނޫނެއްގެ މުހިންމުކަން ބޮޑުވެފައިވަނީ، އޭއައި ބޭނުންކޮށްގެން އުފައްދާ އަސްލެއް ނެތް ތަކެތި ނުވަތަ 'ޑީޕް ފޭކް' ފަދަ ވަސީލަތްތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ގެއްލުންދިނުމުގެ މައްސަލަތައް ރާއްޖޭގައިވެސް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން އިފްތިތާހުކޮށްފައިވާ "މޯލްޑިވްސް 2.0" މަޝްރޫއުގެ ބައެކެވެ. މި މަޝްރޫއަކީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން، ޑިޖިޓަލް ދާއިރާއިން ރާއްޖެއަށް އިންގިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ކުރިއަށްގެންދާ ގައުމީ މަސައްކަތެކެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން މި ބިލު މަޖިލީހަށް ހުށަހަޅާއިރު، މިހާރު މަޖިލީހުގެ ރިޔާސަތުގައި ހުންނެވީ އަބްދުއްރަހީމް އަބްދުﷲ އެވެ. މި ބިލު ގާނޫނަކަށް ވުމުން، ރާއްޖޭގައި އޭއައި ބޭނުންކުރުމުގައި އަމަލުކުރާނެ ރަސްމީ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅިގެންދާނެއެވެ.
ރިއެކްޝަންސް





