ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް "ބިޒްނަސް ކައުންސިލް" އެއް އުފައްދަނީ

ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް "ބިޒްނަސް ކައުންސިލް" އެއް އުފައްދަނީ

2 hours ago - 17:37

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި "މޯލްޑިވްސް-އިންޑިއާ ބިޒްނަސް ކައުންސިލް" އެއް އުފެއްދުމަށް މިއަދު ނިންމައިފިއެވެ.
މި މުހިންމު ނިންމުން ނިންމާފައިވަނީ މިއަދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް" ބައްދަލުވުމުގެ ތެރެއިންނެވެ.


މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވިއިރު، އިންޑިއާ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރެވެ. މީގެ އިތުރުން ދެ ގައުމުގެ އިސް ބޭފުޅުންނާއި ވިޔަފާރިވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.


އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުންތައް ވަރުގަދަކޮށް، ހަރުދަނާ އިގްތިސާދީ އޮނިގަނޑެއް ބިނާކުރުމެވެ. މިގޮތުން އަލަށް އުފައްދާ ބިޒްނަސް ކައުންސިލަކީ މި މަގްސަދު ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ މިނިސްޓްރީން ފާހަގަކުރެއެވެ.


މިއަދުގެ މަޝްވަރާތަކުގައި ދެ ގައުމުގެ ވިޔަފާރިވެރިންނަށް މިހާރު ފަހިވެފައިވާ ފުރުސަތުތަކާ ބެހޭގޮތުންނާއި، ވިޔަފާރި ކުރުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
ރާއްޖެއާއި އިންޑިއާއަކީ ޒަމާނުއްސުރެ ވިޔަފާރީގެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ދެ ގައުމުގެ ދެމެދުގައިވާ އިގްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow