ނުލިބިހުރި ފައިސާގެ ތެރެއިން މިދިޔަ މަހު 543 މިލިޔަން ރުފިޔާ މީރާއިން ހޯދައިފި
ދައުލަތަށް ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން ފައިސާ ހޯދުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި 543 މިލިޔަން ރުފިޔާ ހޯދާފައިވާކަން އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ އެޕްރީލް މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، ނުލިބި ހުރި ފައިސާ ހޯދުމަށް އެކި ގޮތްގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޯދާފައިވަނީ ނޯޓިސް ފޮނުވައިގެންނެވެ. އެގޮތުން ނޯޓިސް ފޮނުވައިގެން 372 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ.
މީގެ އިތުރުން ފައިސާ ހޯދުމަށް އެޅި އެހެން ފިޔަވަޅުތަކަށް ބަލާއިރު:
- ޑިއުސް ކްލިއަރެންސް މެދުވެރިކޮށް: 96 މިލިޔަން ރުފިޔާ
- އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން: 64 މިލިޔަން ރުފިޔާ
- ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުން: 5 މިލިޔަން ރުފިޔާ
- އެކްޝަން ޕޮލިސީގެ ދަށުން: 4 މިލިޔަން ރުފިޔާ
މީރާއިން ފާހަގަކުރި ގޮތުގައި، ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކުރާ ތަންފީޒީ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ ސަބަބުން މި މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ. އެގޮތުން ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން، މިދިޔަ މަހުވެސް ވަނީ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން އާންމުކޮށްފައެވެ.
އާންމުކުރި ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަހަޅާފައި ނުވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކެވެ. މީރާއިން އަންނަނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމާއި، އެފަދަ ފަރާތްތަކަށް ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ހުއްޓާލުން ފަދަ ވަރުގަދަ ފިޔަވަޅުތައްވެސް އަޅަމުންނެވެ.
ރިއެކްޝަންސް

