ބޭންކް އޮފް މޯލްޑިވްސްގެ ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށް ވުރެން މައްޗަށް: ތާރީޚީ ކާމިޔާބީއެއް
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 43 އަހަރުވީ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ބޭންކުގެ ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައި، ތާރީޚީ ކުރިއެރުމެއް ހޯދައިފިއެވެ.
ބީއެމްއެލުން މިއަދު ނެރުނު 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާ ދައްކާގޮތުން، މި މުއްދަތު ނިމުނުއިރު ބޭންކުގެ ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ބޭންކުން ބުނި ގޮތުގައި މިއީ ޖެހިޖެހިގެން ދެ އަހަރު ރެކޯޑް މިންވަރަކަށް ލިބުނު ކުރިއެރުމަށްފަހު، ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ހާމަކޮށްދޭ ނަތީޖާއެެއް ކަމަށެވެ.
މާލީ ނަތީޖާގެ ތަފްސީލު:މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ވަނީ 631 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ބޭންކުގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައިވަނީ، ލޯނާއި ފައިނޭންސިންގެ ފައިދާގެ އިތުރުން ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ.
ބޭރު ފައިސާގެ މުއާމަލާތްތަކާއި ގޮންޖެހުންތައް:ބޭރު ފައިސާގެ ބޭނުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް 226 މިލިއަން ޑޮލަރަށްވުރެ ގިނައިން ބޭންކުން ވަނީ ވިއްކާފައެވެ. ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވުމާއި، ފަތުރުވެރިން ހޭދަކުރާ މިންވަރު ދަށްވުމުގެ ސަބަބުން ބޭރު ފައިސާ ލިބޭ މިންވަރު (އިންފްލޯ) ތިންބައިކުޅައެއްބައި ދަށްވެފައިވާކަން ބޭންކުން ފާހަގަކުރެއެވެ.
އިގްތިސާދީ ދާއިރާތަކަށް އެހީތެރިވުމުގެ ގޮތުން މިއަހަރުގެ މިހާތަނަށް 5 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ އާ ލޯނު ބޭންކުން ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން، ބޭންކުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ 70 ރަށެއްގައި އަލަށް 90 އޭޓީއެމް ވަނީ ބަހައްޓާފައެވެ. މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ބީއެމްއެލްގެ މާކެޓް ކެޕިޓަލައިޒޭޝަން ވެސް ވަނީ 7.8 ގުނަ އުފުލިފައެވެ. މިއީ ބޭންކުގެ އެންމެ ފަހުން ބޭއްވުނު އަހަރީ އާންމު ޖަލްސާގައި ފާސްކުރި ބޯނަސް ހިއްސާ ދޫކުރުމާއި ހިއްސާ ބައިކުރުމުގެ (ޝެއަރ ސްޕްލިޓް) ނިންމުމާ ގުޅިގެން އައި ބަދަލެކެވެ. ބޭންކުން ބުނީ މި ކާމިޔާބީތަކަކީ ބޭންކުގެ މާލީ ދުޅަހެޔޮކަމާއި އެސެޓްތަކުގެ ފެންވަރު ރަނގަޅުކަމުގެ ހެއްކެއް ކަމަށެވެ.
ރިއެކްޝަންސް

