
ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފި
މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ތުހުމަތަށް ފުލުހުން ހައްޔަރުކުރޚ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ލ. ގަން / ތުނޑި. އަރާއިރު، ޢަލީ ހައިސަލް (37އ) އެވެ. އެެމީހުން ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެރެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައަކީ، ފޭސްބުކް މެސެންޖަރ އިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1 އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައެއް ކަމަށެވެ.
މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް 1 ގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކުން އެ ދެމީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، 3 މޯބައިލްފޯނު، 3 އަތުކުރީގަޑި، 1 ޑްރޯން، 1 ދޮށި، 2 އަވިއައިނު އަދި ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން 6 ވަޅިވެސް ފެނުންކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން، މުޙައްމަދު ޟަމީރުއާއި، ޢަލީ ހައިސަލް ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް އަދި ފައިސާ ހޯދާފައިވާ އިތުރު ދެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ބިދާޅުވީ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުން، އިތުރު މީހުންނަށް ވެސް ބިރުދައްކައިގެން ފޭރިފައިވާ ކަމަށް ބެލެވޭތީ، އެ މީހުންގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ދިމާވެފައިވާ އެއްވެސް މީހަކު ވާނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް






