
މަނާ ތަކެތި އެތެރެކޮށްގެން ހައްޔަރުކުރީ މާބައިދޫ ތިން ބެއިން
ގިނަ އަދަދެއްގެ ވޭޕާއި ސިގިރޭޓް އެތެރެކުރި
މަނާ ތަކެތި އެތެރެކޮށްގެން އިއްޔެ ހައްޔަރުކުރީ މާބައިދޫ ތިން ބެއިން ކަމަށް ފުލުހުން ބުނެފިއެވެ. އެމައްސަލާގައި ފުލުހުން ހައްޔަރުކުރީ އެއްބަނޑު އެއްބަފާ ތިން މީހުން ކަމަށްވާ ލ. މާބައިދޫ / ސޭޑީކޯނަރ، ނަޝްވާން މުޙައްމަދު (32އ) އާއި ނަޙުޒާން މުޙައްމަދު (25އ) އަދި ނަބުހާން މުޙައްމަދު (22އ) އެވެ.
ފުލުހުން ވިދާޅުވީ އިއްޔެ އޮޕަރޭޝަން ހިންގީ ހަތަރު މީހަކަށް އަމާޒުކޮށްގެން ކަމަށެވެ. އެކަމަކު ކޯޓު އަމުރެއްގެ ދަށުން ތިން އެޕާޓްމަންޓު ބަލައިފާސްކޮށް ހައްޔަރުކުރީ ތިން މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މޯލްޑިވްސް ކަސްޓަމްސްއާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތަކާއި އެ ހަތަރު މީހުންގެ މޯބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގައި، އެ ތަނުން އެކަކު ދުއްވި ސައިކަލާއި ބަލައިފާސްކުރި އެޕާޓްމަންޓުތަކުން ގިނަ އަދަދެއްގެ ވޭޕްއާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 111880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ އެހެނިހެން ތަކެތި ވެސް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނަޝްވާން މުޙައްމަދު (32އ) އާއި ނަޙުޒާން މުޙައްމަދު (25އ) ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ. އަދި ނަބުހާން މުޙައްމަދު (22އ) ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






