ސަޕްލިމެންޓްރީ ބަޖެޓް ދިރާސާ ކޮމެޓީގެ މުގައްރިރަކަށް އަލީ ފަޒާދު
ބަޖެޓް ކޮމެޓީގެ ނައިބު މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމުވެސް ވަނީ ހަމަޖައްސަވާފަ.
ސަރުކާރުން ހުށަހަޅުއްވާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދުދާއިރާގެ މެންބަރު އަލީ ފަޒާދު ހަމަޖައްސައިފިއެވެ.
މިއަދު ބޭއްވި ބަޖެޓު ކޮމެޓީގެ ޖަލްސާގައި އެކޮމެޓީގެ މުގަރިއްރަކަށް އަލީ ފަޒާދުގެ ނަން ފާސްކުރައްވާފައިވަނީ ކޮމެޓީގެ އަޣުލަބިއްޔަތުންނެވެ. އަދި އެ ކޮމެޓީގެ ނައިބު މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވެސް ވަނީ ހަމަޖައްސަވާފައެވެ.
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ހަފުތާގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރެވޭނެ ގޮތަށް އެކުލަވާލެވިފައިވާ ބަޖެޓަކަށް ނުވުމަކީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުއްވަން ޖެހިވަޑައިގަތް މައިގަނޑު އެއް ސަބަބު ކަމަށެވެ.
އަދި މިދިޔަ އަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ބިލްތަކަށް ފައިސާ ދެއްކުމާއި މިއަހަރުގެ މަޝްރޫއުތަކަށް ފައިސާ ދައްކަން ޖެހުމަކީވެސް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން ޖެހުނު ސަބަބުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ބަޖެޓްގައި ހިމަނާފައިވާ ޕީއެސްއައީ ޕްރޮޖެކްޓްތަކަށް ރިއަލިސްޓިކް ނޫން އަދަދުތަކެއް ހިމަނާފައިވުމަކީވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހުނު ސަބަބެއް ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
އެސަބަބާހުރެ އެކަނިވެސް ސަޕްލިމެންތްރީ ބަޖެޓްގައި 2 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވަރާއި,ވިސްނުން ހުށަހެޅިދިޔަ ބަޖެޓްގައި ފުރިހަމައަށް ހިމެނިފައި ނުވާކަމީ ސަޕްލިމެންޓްރީ ބަޖެޓެއް ތައްޔާރުކުރަން ޖެހުނު އެއް ސަބަބު" ފައިނޭންސް މިނިސްޓަރ މޫސާ ޒަމީރު ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތަރައްޤިގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން ކަމަށެވެ.
ސަރުކާރުގެ ވައުދުތައް ފުއްދުމާއި އެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީވެސް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން ޖެހޭ ސަބަބެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަބްސިޑީ ދިނުމާއި, ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރުމާއި, ސްޓޫޑެންޓް ލޯނާއި, ބޭސްފަރުވާއަށްވެސް ސަޕްލިމެންޓްރީ ބަޖެޓްގައި ފައިސާ ވަނީ ހިމަނާފައެވެ.
ރިއެކްޝަންސް