ލޯނު ނުދެއްކުމުން ހެވީލޯޑްގެ ތިން ރަށެއް ބޭނުންކުން ވިއްކާލަނީ
ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނެއް ނުދެއްކިގެން ހެވީލޯޑް މޯލްޑިވްސްގެ ތިން ރަށެއް ވިއްކާލަން, އެބޭންކުން އިއުލާނުކޮށްފިއެވެ. އެއީ ފަރެސްއާއި ކުޑަފެރެސްއާއި ބޮޑުހުރާ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިނގިރޭސި ބަހުން ގެޒެޓްކޮށްފައިވާ އާއްމު އިއުލާނުގައި ވާގޮތުން ތިން ރަށް ވިއްކާލަނީ ހެވީ ލޯޑް މޯލްޑިވްސްގެ ނަމުގައި ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ކަމަށެވެ. ތިން ރަށް ގަތުމަށް ދެ އޮޕްޝަނެއް ބޭންކުން ވަނީ ދީފައެވެ. އެއީ ތިން ރަށް އެއްކޮށް ގަންނަ ނަމަ 23.2 މިލިއަން ޑޮލަރެވެ. އަދި ފަރެސްއާއި ކުޑަފަރެސް ގަތުމަށް 23.2 މިލިއަން ޑޮލަރު ނުވަތަ ބޮޑުފަރެސް ވަކިން 23.2 މިލިއަން ޑޮލަރެވެ. މިއީ އެރަށްތައް ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގެވެ. ގަންނަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ދީފައިވާ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ 12:00 އެވެ.
ލ.އަތޮޅުގައި ރިސޯރޓްގެ ގޮތުގައި ތަރައްޤީކޮށްފައިވާ މިރަށްތަކުގެ ލީޒް އެއްބަސްވުން ހަމަވަނީ 2064 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހަށެވެ. އެތަނުގައި 100 ކޮޓަރި ވަނީ ތަރައްޤީ ކޮށްފައެވެ.
ހެވީލޯޑް ކުންފުންޏަކީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކާއި އާއިލީ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ރިއެކްޝަންސް