ސޮވެރިން ފަންޑުގެ ގާނޫނުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެގެންދާނެ: މެންބަރު އިއްބެ
ސޮވެރިން ފަންޑުގެ ގާނޫނު ވުޖޫދުވުމުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެގެންދާނެ ކަމަށް ފުވައްމުލަކު ދެކުނުދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެ
ސޮވެރިން ފަންޑުގެ ގާނޫނު ވުޖޫދުވުމުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެގެންދާނެ ކަމަށް ފުވައްމުލަކު ދެކުނުދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެއެވެ.
މެންބަރު އިއްބެ މިހެން ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ސޮވަރިންގ ޑިވެލޮޕްމަންޓް ފަންޑުގެ ބިލަށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އިބްރާހީމް ހުސައިން ވިދާޅުވީ މީގެ ކުރިންވެސް ރާއްޖޭގައި ހެދިފައިހުރި މިފަދަ ފަންޑުތައް ރަނގަޅަށް މެނޭޖު ނުކުރެވި ދިޔައީ ހަރުދަނާ ގާނޫނެއް ނެތުމުގެ ސަބަބުން ކަމަށެވެ.
އޭނާ ވިދާޅުވީ މި ގާނޫނާއެކު ސޮވަރިންގ ޑިވެލޮޕްމަންޓް ފަންޑަށް ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެ ކަމަށާއި އޭގެ ނަތީޖާއަކަށް ވެގެންދާނީ ކުރިމަގަށްޓަކައި ބިނާ ކުރެވޭ ޖީލަކީ ފުދުންތެރި ޖީލަކަށް ވެގެން ދިއުމުގެ ޔަގީންކަން ލިބިފައި އޮތުން ކަމަށެވެ.
މެންބަރު އިއްބެ ވިދާޅުވީ މި ފަދަ ގާނޫނެއް ވުޖޫދު ވެގެން އަންނައިރު ފަންޑުގެ އަހަރީ ރިޕޯޓު އާންމު ކުރެވޭނެ މެކޭނިޒަމެއް އޮންނަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މިފަދަ ފަންޑުތައް ކާމިޔާބު ކަމާއެކު ހިންގަމުން އަންނަކަން ފާހަގަ ކުރައްވައި ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ ރައްޔިތުން ބިކަ ހާލުގައި ޖެހޭ ވަގުތު އެ ރައްޔިތު މީހާ ނަގައި ކޮޅައްޖަހައި ދިނުމުގެ ނިޒާމު ގާއިމް ކޮށްދީފައިވާ ކަމަށެވެ.
މެންބަރު ވަނީ ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގެ ގާނޫނު ފާސްވެގެން އަންނައިރު އެ ގާނޫނުގެ ދަށުން އެކުލަވާލެވޭ ބޯޑުގެ ކޮމްޕޮޒިޝަނާ ގުޅޭ ގޮތުންވެސް ޚިޔާލު ފާޅު ކުރައްވާފައެވެ.
އެގޮތުން އިއްބެ ވިދާޅުވީ އެ ބޯޑުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓްގެ ބައިވެރިވުން ބޮޑު ކުރުން މުހިންމުކަން ފާހަގަ ކުރައްވާފައެވެ.
ބިލު މިހާރު އޮތް ގޮތުން އެ ބޯޑުގައި ތިއްބަވާނީ އެމް.އެމް.އޭގެ 3 ބޭފުޅުންނާއި މާލީ ވުޒާރާގެ 3 ބޭފުޅުންގެ އިތުރުން އިގްތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާގެ ބޭފުޅެކެވެ.
މެންބަރު ވިދާޅުވީ މި ބިލު ގާނޫނަކަށް ވެގެން އަންނައިރު ފަންޑުގެ ޕާފޯމަންސް ބެލޭނެ ނިޒާމެއްވެސް ގާއިމްވެފައި އޮންނަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވަނީ މަޖިލީހުގެ މިހާ ކުރީކޮޅު މިފަދަ ބިލެއް ސަރުކާރުން ފޮނުއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު ދަންނަވާފައެވެ.
ރިއެކްޝަންސް