ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި
ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި އެވެ. ހޮސްޕިޓަލް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެވެ.
މިއީ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ޒައާމަތުގައި އިމާރާތްކޮށް, 2019 ވަނަ އަހަރު ބޭނުން ކުރަން ފެށި ހޮސްޕިޓަލެކެވެ. ހޮސްޕިޓަލް އިމާރާތް ކުރިއިރު ހައުސިންގ މިނިސްޓަރަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައެވެ. ހޮސްޕިޓަލް ރަސްމީކޮށް ހުޅުވިއިރު ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދޭ ނެޝަނަލް ފާޓިލިޓީ ސެންޓަރެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި އެކަމަކު ޚިދުމަތް ނުފަށައެވެ. ޚިދުމަތް ފަށާއިރު ޒަމާނީ ފަރުވާ ލިބޭނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެސެންޓަރުން އައިވީއެފް ހެދޭނެއެވެ. އަދި ސްޕާމް އަދި އެމްބްރިއޯ ފްރީޒިންގެ ޚިދުމަތްވެސް ލިބޭނެ ކަމަށް އެހޮސްޕިޓަލުން ވަނި ބުނެފައެވެ.
ހޮސްޕިޓަލާއެކު އެހޮސްޕިޓަލްގެ ހައިބްރިޑް ތިއޭޓަރުވެސް ޒަމާނީ ވަޞީލަތްތަކާއެކު ވަނީ ހުޅުވާފައެވެ. ހައިބްރިޑް ކެތް ލެބުން ހިތާއި ނާރުތަކާއި އިންތަރވެންޝަނަލް ރޭޑިއޮލޮޖީގެ އިތުރުން އޮޕަރޭޝަން ކުރަން ޖެހިއްޖެ ނަމަ އެކަމަށްވެސް ތައްޔާރުކުރެވިފައިވާ ކަމަށް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ވިދާޅުވިއެވެ. އަދި އެހޮސްޕިޓަލްގެ އިމަޖެންސީ ޔުނިޓް ކުޑަކުދިންނަށް ޚާއްޞަ އީއާރެއްގެ ގޮތުގައި ހަމަޖައްސާ މިރޭ އިފްތިތާހުކުރިއެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި ކުޑަކުދިންގެ އައިސީޔޫވެސް ވަނީ ޤާއިމް ކޮށްފައެވެ.
25 ފަންގިފިލާގެ ހޮސްޕިޓަލް ބޭނުންކުރަން ފެށީ މިދިޔަ އެމްޑީޕީ ސަރުކާރުންނެވެ.
އެކަމަކު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ވިދާޅުވީ މިދިޔަ ސަރުކާރުން ހޮސްޕިޓަލް ބޭނުން ކުރަން ފެށިޔަސް, ބޮޑު ބައި އޮތީ ގޮނޑެއްގެ ގޮތުގައި ބޭނުން ނުކޮށް ދޫކޮށްލާފައި ކަމަށެވެ. މެޝިނަރީޒްވެސް ސަރވިސް ނުކުރުމުގެ ސަބަބުން ބޭނުން ނުކުރެވޭ ހާލަތުގައި ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު އެހޮސްޕިޓަލުން ޚިދުމަތް ދިނުމުގައި ބޭނުންވާ ސްޓޭންޑަރޑް ޕްރޮސީޖަރތައް ވާނީ ހަދާފައި ކަމަށެވެ.
ރިއެކްޝަންސް