ތިލަމާލެ ބްރިޖުގެ ކޮލިޓީގައި އެއްވެސް މައްސަލައެއް ނެތް: މިނިސްޓަރ މުއްޠަލިބް
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ބިނާކުރާ "ތިލަމާލެ ބްރިޖު" ގެ ކޮލިޓީއާ މެދު އެއްވެސް މައްސަލައެއް ނެތް ކަމުގެ ފުރިހަމަ ޔަގީންކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ދެއްވައިފިއެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސޯޝަލް މީޑިއާގައި ބްރިޖުގެ ބައެއް ދިމާލުގައި އަޑިގުޑަންތަކެއް ނުވަތަ "ބެންޑެއް" ހުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
"މިއީ ކުރަހާފައި އޮތް ބްރިޖެއް ނޫން. މިއީ ޑިޒައިންކޮށްފައި އިންޖީނިއާކޮށްފައި އޮތް ޕްރޮޖެކްޓެއް. ދުރުން ފެންނަ ގޮތަކަށް ނޫން ކޮންމެހެން ހުންނަން ޖެހޭނީއަކީ،" ވަޒީރު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ބްރިޖަކީ ވަކިވަކި ސެގްމަންޓުތަކެއް ގުޅުވައިގެން ހަދާ ސްޓްރަކްޗާއަކަށް ވާއިރު، އެއްވެސް ކަހަލަ އުނިކަމެއް ހުރި ނަމަ ހުރިހާ ބައިތަކެއް އެއްވަރަކަށް ނުގުޅޭނެއެވެ. އެހެންކަމުން ދުރުން ފެންނަ މަންޒަރަކީ "އިލޫޝަނެއް" ކަމަށް ވަޒީރު ސިފަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ އިންޖިނިއަރިންގެ ބޮޑު އަޖައިބެކެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް ބްރިޖުގެ ބޮޑު ބައެއް ނިންމައި، މާލެއާއި ވިލިމާލެއާ ދެމެދު ދަތުރުތައް ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރާއި އިންޑިއާ ސަރުކާރުން ވެސް ދެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި 2021 ސެޕްޓެމްބަރު 16 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއު، މި ސަރުކާރު ހަވާލުވިއިރު ނިމިފައި އޮތީ އެންމެ 29 އިންސައްތައެވެ. ނަމަވެސް، މިހާރު މި މަޝްރޫއުގެ 72.17 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައެވެ.
ރިއެކްޝަންސް





