
އިޒްރޭލް ޕާސްޕޯރޓްގައި ރާއްޖެ އެތެރެވުން މަނާވާ ބިލް ރައީސް ތަސްދީޤު ކުރައްވައިފި
އިޒްރޭލް ޕާސްޕޯރޓްގައި ރާއްޖެ އެތެރެވުން މަނާވާ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ތަސްދީޤު ކުރައްވައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލިހުން ފާސްކުރެއްވި ބިލް ތަސްދީޤު ކުރެއްވުމާ ގުޅިގެން އިޒްރޭލްގެ ލާއިންސާނީ އަމަލުތައް ނިމުމަކަށް އައުމާ ހަމައަށް އިޒްރޭލް ޕާސްޕޯރޓްގައި އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭނެއެވެ.
އިމްގްރޭޝަން ޤާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުތައް ކޮމިޓީން ގެނައި ބަދަލުތަކާއެކު ތަޅުމުން ބިލް ފާސްކުރީ 83 މެމްބަރުންގެ އިއްތިފާޤުންނެވެ.
މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.
ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަން ރައީސް އޮފީހުން ފާހަގަކުރެއްވިއެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.
އިޒްރޭލް ޕާސްޕޯރޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރުމަކީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ކެބިނެޓްގެ ނިންމެވުމެއްވެސް މެއެވެ.
ރިއެކްޝަންސް






