މޫސުން ގޯސްވާނެތީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ހުދު ސަމާލު ދަންމާލައިފި
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ހުދު ސަމާލު (ވައިޓް އެލާޓް) މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިތުރުކޮށްފިއެވެ.
މިއަދު ހެނދުނު 9:30 އާ ހަމައަށް ކުރިން ނެރުނު ހުދު ސަމާލު މިހާރު ވަނީ މިއަދު ހަވީރު 15:30 އާ ހަމައަށް ދަންމާލާފައެވެ. މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 7:50 އިން މެންދުރުފަހު 13:00 އާ ހަމައަށްވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ. އަދި މި ދުވަސްވަރު ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
މޫސުން ގޯސްވާނެތީވެ، ދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި އާންމުން މޫސުމަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
ރިއެކްޝަންސް





