ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފި
ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި، ވަކިން ހާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް، ރާއްޖެއިން މިއަހަރު ކަނޑައެޅި އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް މިއަދު ވާސިލުވެއްޖެއެވެ.
މިދިޔަ އަހަރާ ދާދި އެއް މުއްދަތެއްގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރެވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރުދަނާކަން ހާމަކޮށްދޭ ކަމެކެވެ. މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިއަކީ ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުދޭނާ އުރުތޫނިއޯ އެސްޕަރްޒާއެވެ. ގަތަރު އެއަރވޭސް އިން ރާއްޖެ އައި މި ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރީ ފެލިދު އަތޮޅު ފުލިދޫގައި ޗުއްޓީ ހޭދަކުރުމަށެވެ. މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.
އޭނާއަށް މަރުހަބާ ކިއުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު އިންތިޒާމުކޮށްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނާއި، ވިޒިޓް މޯލްޑިވްސް (އެމް.އެމް.ޕީ.އާރު.ސީ) އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.
ސަގާފީ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީނާއި، ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީއާއި، އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުގެ އިތުރުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހަނދާނީ ލިޔުމާއި ހާއްސަ ހަދިޔާތަކެއް ވަނީ އަރުވާފައެވެ. އެގޮތުން ކޮކޯ ބޮޑު ހިތި ރިޒޯޓުގެ ފަރާތުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހަ ދުވަހުގެ ހިލޭ ދަތުރެއް އޭނާއަށް ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން، 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ" ކަމުގައި ވުމުން، އަންނަ އަހަރުވެސް ރާއްޖެއަށް ޒިޔާރަތްކުރުމަށް މިނިސްޓަރު އަމީން ވަނީ އޭނާއަށް ދައުވަތު އަރުވާފައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ މަގުތަކަށް ހުރަސްއެޅި، ފާއިތުވި މަސްތަކުގައި ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް މިއަދުގެ މި ކާމިޔާބީއަކީ ސިނާއަތުގެ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ހުރަސްތަކާ ގުޅިގެން އިންޑިއާ، ޗައިނާ އަދި ރަޝިއާ ފަދަ މާކެޓުތަކަށް ހާއްސަ ސަމާލުކަމެއްދީ، އާ މާކެޓުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި މިއަދުގެ މި ކާމިޔާބީއާއެކު އަހަރުގެ ކުރިއަށް އޮތް ދުވަސްތަކާމެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިއެކްޝަންސް





