
އަނިޔާ އާ ގުޅިގެން ކައި ހަވާޓްޒްއަށް ސީޒަން ނިމި އާސެނަލް އަށް ހާސްކަމެއް
މިސީޒަންގައި އާސެނަލްއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކައި ހަވާޓްޒް އަށް އަނިޔާވެ ސީޒަންގެ ފަހުބައިގައި އޭނާ ނުފެންނާކަން ކްލަބުން ކަށަވަރުކޮށްދީފިއެވެ. ހަވާޓްޒް އަށް އަނިޔާވުމާއެކު ޕްރިމިއަރ ލީގަށް އަމާޒުހިފާފައި އޮތް އާސެނަލްގައި މިވަގުތު ނަންހިނގާ ސްޓްރައިކަރެއް ނެތެވެ.
ކަކުކަށް ލިބުނު އަނިޔާއަކާ ގުޅިގެން ގެބްރިއެލް ޖީސަސްވެސް ވަނީ ސީޒަނާ އަލަވަދާއު ކިޔާފައެވެ. އެހެންކަމުން, ހަވާޓްޒްގެ އަނިޔާއަކީ މިވަގުތު އާސެނަލްއަށް ހައްލުކުރަން އުނދަގޫ ވާނެ މައްސަލައެކެވެ.
ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން އަންނަ ހަފުތާގައި ހަވާޓްޒްގެ ސަރޖަރީއެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ކްލަބުން ވަނީ ބުނެފައެވެ. ހަވާޓްޒް އަށް އަނިޔާވެފައިވަނީ އާސެނަލްއިން މިޑް-ސީޒަން ޓްރެއިނިންގ ކޭމްޕްފައި ދުބާއީގައި އުޅެނިކޮށް ކަމަށް ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިކޭލް އާޓޭޓާގެ ގޭމް ޕްލޭންގައި މުހިއްމު ދައުރެއް އަދާކުރާ ހަވާޓްޒް މިސީޒަންގައި އާސެނަލްއަށް 34 މެޗުކުޅެދީ 15 ގޯލް ކާމިޔާބުކޮށްދީފައިވެއެވެ. މި ސީޒަންގައި އާސެނަލްއަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދީފައި ވަނީވެސް އޭނާއެވެ.
"ޓެސްޓްތަކުގެ ނަތީޖާ އާއި ސްޕެޝަލިސްޓުންގެ ރިވިއުއަށް ބަލާއިރު ރިކަވަރީއަށް ދިއުމުގެ ކުރިން ސާޖަރީއަކަށް ދާންޖެހޭކަމަށް ފެންނަނީ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ސަރޖަރީ ކުރެވޭނެ. އޭގެ ފަހުން ރިކަވރީ އަދި ރިހެބިލިޓޭޝަން ކުރިއަށްދާނެ. އެއީ ގާތްގަނޑަކަށް އަންނަ ސީޒަން ފެށޭހާ ތަނަށް ކަމަށް މި ބަލަނީ" ބަޔާނުގައި ބުނެފައި ވެއެވެ.
ކްލަބުން އިތުރަށް ބުނީ ކައިގެ މުޅިން ރަނގަޅުވެ ވީހާވެސް އަވަހަށް ކްލަބާ ގުޅުމަށް ކްލަބުގެ އެންމެގެވެސް އެންމެ މަތީ ދަރަޖައަށް ސަޕޯޓް ދޭނެކަމަށެވެ.
ކޯޗު މިކޭލް އާޓެޓާ ވަނީ ހަވާޓްޒްޖެ އަނިޔާއާއެކު ކްލަބަށް އެޓޭކުގައި ދިމާވާނެ ގޮންޖެހުމާއެކު މާޔޫސްވެފައެވެ. އާސެނަލްގެ އެޓޭކުގައި މުހިއްމު އެހެން ކުޅުންތެރިއެއް ކަމަށްވާ ބުކާޔޯ ސަކާވެސް ޑިސެމްބަރު މަހުންފެށިގެން ހުރީ އަނިޔާވެ ކުޅުމާ ދުރުގައެވެ.
ރިއެކްޝަންސް






