
ޢަރަބި ޤައުމުތަކުން 53 ބިލިއަން ޑޮލަރުގެ ޣައްޒާ އާރާސްތުކުރުމުގެ އުއްމީދީ ޕްލޭނެއް!
މިޞްރުން އެކުލަވާލި 53 ބިލިއަން ޑޮލަރުގެ ޣައްޒާ އާރާސްތުކުރުމުގެ ޕްލޭން އަރަބި ޤައުމުތަކުގެ ލީޑަރުން ބަލައިގަނެ, ފާސްކޮށްފިއެވެ. އިޒްރާއިލްއިން ސުންނާފަތިކޮށްލި ޣައްޒާ އާރާސްތުކުރާނީ އެތާގެ އަހުލުވެރިން އެ ބިމުގައި ބައިތިއްބައިގެން ކަމުގައި 5 އަހަރުގެ ޕްލޭނާ ގޮތުން ވާހަކަ ދައްކަވަމުން މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އެލް-ސީސީ ވިދާޅުވިއެވެ.
އަންގާރަ ދުވަހު މިޞްރުގެ ވެރިރަށް ކައިރޯގައި ބޭއްވި ކުއްލި އަރަބި ސަމިޓްގައި ޢަރަބި ލީޑަރުން ފާސްކުރި މި އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ އަމިއްލަކޮށް 2.3 މިލިއަން މީހުން ޣައްޒާއިން ބޭރުކުރުމަށް އިއުލާން ކުރި ޕްލޭނަށް ރައްދު ދިނުމުގެ ގޮތުން އެކުލަވާލި ޕްލޭން އެކެވެ. ޓްރަމްޕްގެ ޕްލޭނަކީ ޣައްޒާ ޓްރަމްޕްގެ އަމިއްލަ ރިއަލް އެސްޓޭޓް ޕްރޮޕަޓީއެއްގެ ގޮތުގައި މެދުއިރުމަތީގެ ރިވޭރިއާއެއް ތަރައްޤީކުރުމެވެ.
ޢަރަބި ޤައުމުތަކުގެ މި ޕްލޭން ފާސްކުރަން ބޭއްވި ސަމިޓްގެ ބައިވެރިންގެ ތެރޭގައި ޤަތަރުގެ އަމީރު އަދި އެކުވެރި އަރަބި އިމާރާތުގެ ނައިބު ރައީސާއި ސައުދީ އެރޭބިއާގެ ހާރިޖީ ވަޒީރު ހިމެނެއެވެ. މީގެ އިތުރުން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯސް ގަޓަރޭސް ވެސް އެ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިޞްރުން އެކުލަވާލި ޕްލޭންގައި ހިމެނެނީ ކޮން ކަންކަމެއް!
ޕްލޭންގައި އެންމެ ފުރަތަމަ އޮތީ ރިކަވަރީ ފޭސްއެވެ. އެއީ ގާފުނިތައް ކޮނެ ސާފުކޮށް, ޣައްޒާގެ ރައްޔިތުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. އޭގެ ފަހުން ޣައްޒާ އަލުން އާރާސްތުކުރުމުގެ ދިގުރާސްތާ ޕްލޭންގައި ޣައްޒާއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މުހިއްމު ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްތަށް ފެށިގެންދާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެގޮތުން ފުރަތަމަ މަރުހަލާ ދެމިގެންދާނީ ހަ މަސްދުވަގެ މުއްދަތަށެވެ. އަދި އޭގެ ފަހުން ދެވަނަ އަދި ތިންވަނަ ފިޔަވަހި ހަތަރު ނުނީ ފަސް އަހަރަށް ދެމިގެންދާނެއެވެ.
ޣައްޒާގެ މައި ހައިވޭ, ސަލާހުއްދީން ސްޓްރީޓުން ގާފުނިތައް ނެގުމަށްފަހު 20,000 ވަގުތީ ބޯހިޔާވަހިކަން ޤާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. އެތަންތަނުގައި 1.2 މިލިއަން މީހުންނަށް ދިރިއުޅޭނެއެވެ. ހަމަ މިއާއެކު ހަލާކުވެފައި ,ނަމަވެސް މަރާމާތަށްފަހު ބޭނުންކުރެވޭ ހާލަތުގައި ހުރި 60,000 ގެދޮރު މަރާމަތުކުރެވިގެންވެސް ދާނެއެވެ. ފެނާއި, ނަރުދަމާގެ ޚިދުމަތް އަދި މުވާސަލާތީ ޙިދުމަތްތައްވެސް އިޢާދަކުރެވިގެންދާނެއެވެ.
އަދި ދިގުމުއްދަތަށް ޣައްޒާ އާރާސްތުކުރުމުގެ ޕްލޭންގެ ފުރަތަމަ ހަމަސްދުވަހަށްފަހު އިތުރަށް ދެން ހިނގާ މުއްދަތުގައި ދާއިމީ 400,000 ގެ އިމާރާތްކުރެވިގެންދާނެކަމަށްވެސް ޕްލޭންގެ ބްލޫ ޕްރިންޓާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.
ޕްލޭންގައި ވާގޮތުން އެކަމަށް ބޭނުންވާ ފަންޑު ހޯދާނީ އދ ހިމެނޭހެން އެކިއެކި ބައިނަލްއަޤުވާމީ މާލީ އެހީތެރިކަން ދޭ ފަރާތްތަކުގެ އެހީގައެވެ.
ޣައްޒާ އާރަސްތުކުރެވިގެން ދާއިރު އުފެދޭ އެންމެ މުޙިއްމު ސުވާލަކީ ބިލިއަނުން ޑޮލަރު ހަރަދުކޮށްގެން އާރާސްތުކުރާ ޣައްޒާ ހިންގާނީ ކޮންބައެއްތޯ އުފެދޭ ސުވާލެވެ. އެލް-ސީސީ ވަނީ ފަލަޞްޠީނާއެކު އެމައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މިނިވަން އިދާރީ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމުގައި ބުނެފައެވެ. އޭގެ ތެރޭގައި ފަލަޞްޡީނުގެ ޓެކްނިކަލް ޕްރޮފެޝަލަނަލުންވެސް ހިމެނެއެވެ.
މި ކޮމިޓީގެ މައިގަނޑު ޒިންމާއަކީ ޣައްޒާއަށް އެތެރެވާ އިންސާނީ އެހީގެ ކަންކަން ބެލެހެއްޓުމާއި , ޣައްޒާގެ ކަންކަން ވަގުތީގޮތުން ބެލެހެއްޓުމެވެ. ރިޕޯޓްތައް ބުނާގޮތުން އެއީ ޣައްޒާ ހިންގުމަށް ދާއިމީގޮތެއްގައި ފަލަޞްޠީނިއަން އޮތޯރިޓީ (ޕީއޭ) އިން ހަވާލުމާ ހަމައަށެވެ.
ޕީއޭގެ އިސްވެރިޔާގެ ގޮތުން ފަލަޞްޠީނުގެ ރައީސްގެ މަޤާމުގައި ހުރި މަޙްމޫދު އައްބާސް ވަނީ މިޞްރުން އެކުލަވާލި ޕްލޭނަށް ތާއިދުކޮށްފައެވެ. 2005 ން ފެށިގެން ފަލަޞްޠީނުގެ ވެރިކަމުގައި ހުންނެވި އައްބާސް ވަނީ ހާލަތު ތަންދޭނަމަ ރިރާސީ އަދި މަޖިލިސް އިންތިހާބު ބާއްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވެފައެވެ. ޕީއޭ އަކީ ހިފާފައިވާ ފަލަޞްޠީނުގެ ބިންތައް ހިންގުމަށާއި އަސްކަރީ ބާރު އެކުލާވާލުމުގެ ޤާނޫނީ ހައިސިއްޔަތު ލިބޭ ހަމައެކަނި ފަރާތްކަމަށްވެސް އައްބާސް ވަނީ ދިވާޅުވެފައެވެ.
2007 ން ފެށިގެން ޣައްޒާ ކޮންޓްރޯލް ކުރަމުން އަންނަ މުޖާހިދުންގެ ޖަމާއާތް, ހަމާސްއިންވަނީ ޣައްޒާ ހިންގުން ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްނުލާނެކަމަށް ބުނެފައެވެ. އަދި އިންތިހާބު ބާއްވާނެކަމަށް އައްބާސް ވިދާޅުވި ވިދާޅުވުމަށްވެސް މަރުހަބާ ކިޔާފައެވެ.
"އިޒްރާއިލްގެ އިސްތިއުމާރީ ބާރުތައްކުން ސުންނާފަތިކޮށްލާފައިވާ ޣައްޒާ އާރަސްތުކުރުމުގައި ރަނގަޅު އަރަބި ޤައުމުތަކުގެ ދައުރަށް އަހަރެމެން މަރުޙަބާކިޔަން. އަދި ފަލަޞްޠީނުގެ ރައްޔިތުން ވިއްސިވިހާލި ކޮށްލެވޭނެފަދަ އެއްވެސް ހީލަތްތެރި ޕްޅޭނަކަށް ޖާގައެއް ނުދޭނަން" އަންގާރަދުވަހު ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް އާދިއްތަދުވަހުން ފެށިގެން ޣައްޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވާފައިވާ އިޒްރާއިލްއިން ވަނީ އެމީހުން ބަލައިގަންނާނީ ޓްރަމްޕް އިޢުލާންކުރި ޕްލޭންކަމަށް ބުނެފައެވެ. އަދި ޕީއޭއިން އިން އަނބުރާ ޣައްޒާއަށް އައުމަށް ހުއްދަ ނުދޭނެކަމަށާއި, ހަމާސްއިން ޣައްޒާގައި ހަތިޔާރު ނުގެންގުޅޭވޭނެކަމަށްވެސް ވަނީ ބުނެފައެވެ.
މިޞްރުން އެލުލާވަލި ޕްލޭންގައި އިންތިހާބުގެ ވާހަކައެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް މިޞްރާއި އުރުދުން އިންވަނީ ޣައްޒާގެ ފުލުހުން ތަމްރީންކޮށްދިނުމަށް ވަޢުދުވެފައެވެ. އެ ދެ ޤައުމުންވަނީ ޣައްޒާ އާރާސްތުކުރުމުގެ ޕްލޭން ތަންފީޒުކޮށް ނިމެންދެން އދ ގެ ސަލާމަތީ މަޖިލީހުގެ ފަރާތުން ޣައްޒާއަށް ސުލްޙަ ދެމެހެއްޓުމުގެ މިޝަނެއް ފޮނުވުމަށް ހުއްދަ ދިނުމަށްވެސް އެދިފައެވެ.
ރިއެކްޝަންސް






