
ލޯންޗް ބަންޑުންޖަހާލި އެވަގުތުކޮޅު 23 ސިކުންތުން
މިދިޔަ އާދިއްތަ ދުވަހު މެންދުރުވެގެން އައިއިރު ބިރުވެރިކަން ގެނުވި ޚަބަރަކީ ދިގުރަށުން މާލެ ދަތުރުކުރި 'ހުވަން' ލޯންޗް އަޑިއަށްގޮސް ދަތުރުކުރި 48 މީހުން ކަނޑުވި ޚަބަރެވެ. ނަމަވެސް ފުލުހުން ގޮސް އެންމެންވެސް ހެޔޮ ހާލުގައި އެންމެން ސަލާމަތްކުރި ޚަބަރާއެކު ހަމަޖެހުމެއް ލިބުނު ނަމަވެސް އެބިރުވެރި ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ލިބުނު ގެއްލުންތަކުން އަރައި ނުގަނެވެއެވެ.
މިއަދު އަނެއްކާވެސް އެހާދިސާ ސިފަވެގެން ދިޔައީ ލޯންޗުން ދަތުރުކުރި ފަތުރުވެރިއަކި އެވަގުތު ނެގި ވީޑިއޯ ކޮޅެއް ޢާއްމުވުމުންނެވެ. 26 ސިކުންތުގެ އެވީޑީއޯ އިން ފެންނަނީ ލޯންޗަށް ލޮނުގަނޑު އަރާ ތަނބިކަށިން މައްޗަށް ލޮނުގަނޑު ބޮޑުވާތަނެވެ. އެލުވާފައި ހުރި ލައިފްޖެކެޓް ތައް އަތުޖެހޭތޯ ގޮނޑިން ތެދުވަން މަސައްކަތްކުރާ މަންޒަރާއި, ހާދްވެ ކަންބޮޑުވުމުގެ ހަރަކާތްތަކެވެ.
ޕެނިކް ނުވުމަށް ލޯންޗްގެ ތެރެއިން މީހަކު ގޮވާލި ނަމަވެސް, ފަތުރުވެރިން ޕެނިކްވެ ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އޭގެފަހުން ފެންނަނީ ލައިފްޖެކެޓް އަޅައިގެން އެންމެން ގްރޫޕް ގްރޫޕަށް ކަނޑުގައި ތިއްބައެވެ. ބައެއް ފަތުރުވެރިންގެ މޫނު ކައިރިން ފެންނައިރު ހާސްކަން ކުޑައެވެ. މޮބައިލް ފޯނުން ވާހަކަދައްކަމުން ދިޔަ ފަތުރުވެރިއަކު ވެސް ފެނެއެވެ.
އެހާދިސާގައި ކަނޑުވި މީހން ސަލާމަތްކުރުމަށް ފުލުހުން އެޓެންޑްވީ ވަރަށް އަވަހަށެވެ. ފުލުހުންގެ ލޯންޗް އެސަރަހައްދަށް ދިއުމުން އަތުގެ އިޝާރާތުން ރަނގަޅު ކަމަށް ބުނެ އަންހެން ފަތުރުވެރިއަކު ބޮޑުވާއިނގިލިން އިޝާރާތްކުރާ މަންޒަރުވެސް ފެނެއެވެ.
ތިން ކްރޫންނާއި, ކުޑަ ދެކުންދިންވެސް ހިމެނޭ ގޮތަށް އެންމެން ކަނޑުވި ހާދިސާގައި މީހުން ސަލާމަތްކޮށް ދިގުރަށަށް ގެންދިޔައެވެ. ސަލާމަތް ނުކުރެވުނީ ބައެއް ލަގެޖެވެ. ލޯންޗްވެސް ވަނީ އަޑިން ނަގައިގެން ދިގުރަށަށް އަރުވާފައެވެ. އެއީ މިލިއަން ރުފިޔާގެ ގެއްލުމެވެ.
ލޯންޗް ދަތުރުކުރީ މޫސުން ގޯސް ދުވަރެއްގައި ނަމަވެސް އޮރެންޖް އެލާރޓުން ޔެލޯ އެލާޓަށް ބަދަލުކުރި ފަހުންނެވެ.
ރިއެކްޝަންސް






