އިޒްރާއިލްއިން އަންރްވާ މަނާކުރުން: ފަލަޞްޠީނުގެ ދިރިހުރުމުގެ ނާރު ބުރިކޮށްލުންބާ!
ޣައްޒާގައި ހުންނަ އަންރްވާގެ މައިމަރުކަޒު ކައިރީގައި އިޒްރާއިލް ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ: ރޮއިޓާސް

އިޒްރާއިލްއިން އަންރްވާ މަނާކުރުން: ފަލަޞްޠީނުގެ ދިރިހުރުމުގެ ނާރު ބުރިކޮށްލުންބާ!

އިޒްރާއިލްއިން އަންރްވާ މަނާކުރަން ފާސްކުރި ޤާނޫނު ތަންފީޒުކުރަން ފެށުމާއެކު ޣައްޒާ އަދި ހުޅަނގު އައްސޭރިއަށް އެހީގެ އަތެއް ފޯރާނެ ހުރިހާ މަގެއްވަނީ ބަންދުވެފަ

19 days ago - 14:26
Nov 2, 2024 - 14:37

އދ ގެ އެޖެންސީ އޮން ފަލަޞްޠީނިއަން ރެފިއުޖީސް (އަންރްވާ) އަކީ "ޓެރަރ" ގްރޫޕެއް ކަމަށް ލޭބަލްކޮށް އިޒްރާއިލްގެ ބިމުގައި އަންރްވާ ހަރަކާތްތެރިވުން މަނާ ކުރާ ދެ ޤާނޫނެއް އިޒްރާއިލްގެ ޤާނޫނު ހަދާ މަޖިލިސް (ނެސެޓް) އިން ފާއިތުވި ހަފުތާގައި ވަނީ ފާސްކޮށްފައެވެ. މިއާއެކު މުޅި ދުނިޔެއިން ދަނީ އިޒްރާއިލްއަށް ފާޑުކިޔާ އެކަން ކުށްވެރި ކުރަމުންނެވެ. އަންރްވާ މަނާކުރުމަކީ ނުރައްކާތެރި އަދި 'ތަޙައްމަލް' ނުކުރެވޭނެ ކަމެއްގެ ގޮތުގައި ޤައުމުތަކުން ވަނީ ސިފަކޮށްފައެވެ.

ހޯމަ ދުވަހު ފާސްކުރި ޤާނޫނު ތަންފީޒުކުރަން ފަށައިފިނަމަ, އިޒްރާއިލްއިން ހިޞާރުކޮށްފައިވާ ޣައްޒާ އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަޞްޠީނުގެ ރައްޔިތުން ދިރިހުރުމަށް ބޭނުންނާ އެންމެހާ އިންސާނީ އެހީތެރިކަން ކެނޑިގެންދާނެއެވެ.

އދ ގެ އާންމު މަޖިލީހުން އަންރްވާ އުފައްދާފައިވަނީ 1949 ގައެވެ. އެއީ 1948 ގައި ފަލަޞްޠީނުގެ ބިމުގައި އިޒްރާއިލް އޭ ކިޔުނު ދައުލަތް އުފެދުނު އިރު އެކަމުގައި ފަލަޞްޠީނުގެ އެތައްބަޔަކު އެމީހުންގެ ދޮރުން ނެރެލެވި, އެމީހުންގެ އަމިއްލަ ބިމުގައި ރެފިއުޖީންނަށް ވުމުން, އެމީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އަންރްވާގެ ޙަރާކާތްތައް 2005 ން ފެށިގެން ޣައްޒާގައި ފުޅާކޮށްފައި ވަނީ އިޒްރާއިލްއިން ޣައްޒާ ބްލޮކޭޑް ޤާއިމްކުރުމާއެކުއެވެ. އަންރްވާ އުފެދުނީއްސުރެ ޣައްޒާއާއި ހިޞާރުކޮށްފައިވާ ހުޅަނގު އައްސޭރި, އަދި ލުބްނާން, ޖޯޑަން އަދި ސީރިއާގައި ތިބި ފަލަޞްތީނުގެ އެތައް މިލިއަން ރެފިއުޖީންނަށް ދަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

އިޒްރާއިލްއިން ޙިޞާރުކޮށްފައިވާ ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އަންރްވާ މަނާކުރުމަށް ފާސްކުރި ޤާނޫނާ ގުޅިގެން އދ ން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އދ ގެ ސެކްރެޓަރީ ޖެނެރަލް, އެންޓޯނިއޯ ގަޓަރޭސް ވިދާޅުވެފައި ވަނީ ޣައްޒާ އަދި ހުޅަނގު އައްސޭރިއަށްވެސް އަންރުވާގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާކަމަށާއި, އެ އެޖެންސީގެ އޯލްޓަނޭޓިވް އެއް ނެތްކަމުގައެވެ. 

"އެފަދަ ޤާނޫނުތައް ތަންފީޒުކުރަން ފަށައިފިނަމަ ޙިޞާރުކޮށްފައިވާ ފަލަޞްޠީނުގެ ބިންތަކުގައި ދިރިއުޅޭ, އަދި ރެފިއުޖީންގެ ގޮތުގައި އެތަންތަނުގައި ތިބި އެތައްހާސް ބައެއްގެ ދިރިހުރުން އިންތިހާއަށް ދަށްވެ, ބަޔާންކުރަންދަތި ޙާލަތަކަށް ފަލަޞްޠީނުގެ ރައްޔިތުންގެ ޙާލަތު ހިނގައިދާނެ. އެއީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއްނޫން" އިޒްރާއިލްއިން އދ ގެ ޗާޓަރަށާއި ބައިނަލްއަޤުވާމީ ޤާނުނުތަކަށް ބޯލެނބުމަށް ގޮވާލާ ގަޓަރޭސް ވިދާޅުވެފައި ވެއެވެ.

އަންރުވާގެ ވެރިޔާ ޕިލިއްޕޭ ލަޒާރިނީ ވިދާޅުވީ މިއީ ބިރުވެރި އަދި އެހާމެ ނުރައްކާތެރި ނިންމުމެއް ކަމަށެވެ. އަދި  މިނިންމުމާއެކު ފަލަޞްޠީނުގެ އެތައްހާސް ރައްޔިތުންނެއްގެ ކެކުޅުން އިންތިހާއަށް ބޮޑުވާނެކަމަށެވެ. މި ނިންމުމަކީ އދ ގެ ޗާޓަރު އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރާއިލްއިން ނިންމާފައިވާ ނިންމުމެއްކަމަށްވެސް ލަޒާރިނީ  އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.

އިޒްރާއިލްގެ މި ނިންމުމާއެކު ބޮޑެތި ގިނަ ޤައުމުތަކުންވެސް ވަނީ އެއީ ނުރައްކާތެރި އަދި އިންތިހާ ދަރަޖައިގެ ގެއްލުންބޮޑު ނިންމުމެއް ކަމަށް ބުނެފައެވެ. "އަހަރެމެން އެ ނިންމުމާ ކަނޑައެޅިގެން ދެކޮޅުހަދަން. އަންރްވާއިން ޣައްޒާގެ ދިރިހުރުމުގެ ނާރުގެ ގޮތުގައި ކުރަނީ މުޙިއްމު މަސައްކަތެއް. އެނާރު ބުރިކޮށްލުމަކީ ކޮށްގެންވާނެ ކަމެއްނޫން" ޗައިނާއިން އދ ށް ކަނޑައަޅަފައި ހުންނަވާ ސަފީރު ފޫ ކޮންގ ނިއުޔޯކް ޓައިމްސް އަށް ވިދާޅުވިއެވެ.

ރަޝިއާއިން އދ ށް ކަނޑައަޅާފައިވާ އެމްބަސެޑަރު ވަސިލީ ނެބެންޒިއާވެސް ވަނީ އަންރްވާ މަނާކުރަން ނިންމި ނިންމުމަކީ މުޅިންގޯސް ނިންމުމެއްކަމަށް ވިދާޅުވެފައެވެ. އަދި އެކަމާ ގުޅިގެން މިހާރު ގޯސްވެފައިވާ ޙާލަތަށްވުރެ އިތުރަށް ޣައްޒާގެ ޙާލަތު ގޯސްވާނެކަމަށާއި, އެމެރިކާއިން އެމީހުންގެ ބައިވެރިޔާ, އިޒްރާއިލްއި އަށް މިކަމުގައި މަގު ދައްކާ އަންރްވާ މަނާނުކޮށްވާނެ މަގެއް ހޯދަންޖެހޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

2023 އޮކްޓޯބަރު 7 ގެ ހަމަލާގައި އަންރްވާގެ މުވައްޒަފުން ބައިވެރިވިކަމަށް އިޒްރާއިލްއިން ފެތުރި ޙަޤީގަތެއްނެތް ވާހަކަތަކާއެކު އެމެރިކާއިން ވަނީ އަންރްވާއަށް ފަނޑްކުރުންވެސް ހުއްޓާލާފައެވެ.

އެހެން ބައެއް ޤައުމުތައް ކަމަށްވާ, އިނގިރޭސި ވިލާތް, އޮސްޓްރޭލިއާ, ބެލްޖިއަމް, ސްވިޒަލޭންޑް, ޖޯޑަން, އަޔަލެންޑް, ނޯވޭ, ސްޕެއިން އަދި ސްލޮވީނިއާއިންވެސް ވަނީ އިޒްރާއިލްއިން އަންރްވާ މަނާކުރަން ނިންމުމާއެކު, ޣައްޒާ އަދި ހިޞާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ހާލަތު ބަދަލުވެގެންދާނެ ބިރުވެރިކަން ސިފަކޮށް އެ ޤާނޫނު ތަންފީޒު ކުރުމަކީ ބައިނަލް އަޤްވާމީ ޤާނޫނުތަކާ ޚިލާފް އަދި ނުރައްކާތެރި ކަމެއްކަމަށް ބުނެ ބަޔާންތައް ނެރެފައެވެ.

އދ ގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް އިޒްރާއިލްގެ ނިންމުމަކީ ފަލަޞްޠީނުގެ ދިރިހުރުމުގެ ނާރު ބުރިކޮށްލުން ކަމަށް ސިފަކޮށް ވަނީ ބަޔާނެއް ނެރެފައެވެ. "އަންރުވާ އުފައްދާފައިވަނީ އދ ގެ މެމްބަރު ޤައުމުތަކުން. އަންރްވާ މަނާކުރަން އިޒްރާއިލްގެ ޤާނޫނުހަދާ މަޖިލީހުން ނިންމި ނިންމުމަކީ އެތައްމިލިއަން ފަލަޞްޠީނުގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށާއި އެތައް މިލިއަން ބައެއްގެ ސިއްހަތު ނުރައްކަލަކަށް ވައްޓާލުން. މިކަމުގެ ސަބަބުން އިންތިހާ ދަރަޖައަށް ހާލަތު ގޯސްވެގެންދާނެ" ޑަބްލިއު އެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ތެޑޯސް އަދަނޮމް އެކްސްގައި ވިދާޅުވެފައިވެއެވެ.

އިޒްރާއިލްއިން އަންރްވާ މަނާކުރަން ދެ ޤާނޫނެއް ފާސްކޮށްފައި ވަނިކޮށް, ހުކުރު ދުވަހު އިޒްރާއިލްގެ ބުލްޑޯޒަރުތަކުން ވަނީ ޙިޞާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އުތުރުގައި ނޫރް ޝާމްސް ކޭމްޕްގައި ހުންނަ އަންރްވާގެ އޮފީހަށް ހަމަލާދީ އެތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ. އަދި އެ ސަރަޙއްދުގައި އިޒްރާއިލްގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަންގައި ފެނާއި ކަރަންޓުގެ ވިއުގަ އާއި މަގުތައްވެސް ހަލާކުކޮށްލާފައިވާ ކަމަށް އަންރްވާގެ ވެރިޔާ ލަޒާރިނީ އެކްސްގައިކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.

"އޮފީސް ދެން އަލުން ބޭނުމެއް ނުކުރެވޭނެ. އެއީ 14,000 ރެފިއުޖީންނަށް ހިދުމަތް ދެމުން އައި ތަނެއް. އެތަނުގައި ކުދިންނަށް ތަޢުލީމް ދިނުމާއި, ސިއްހަތާއި, އިޖްތިމާއި ރައްކާތެރިކަމުގެ ޕްރޮގްރާމްތައްވެސް ހިންގަމުން އައީ" އަނެއްކާވެސް އދ ގެ އޮފީހަކަށް އިޒްރާއިލްއިން ހަމާލާދީފި ކަމަށާއި, މިއީ ބައިނަލް އަޤުވާމީ ޤާނޫނުތަކާ ހިލާފްކަމެއްކަމަށާއި މިތަންތަނަކީ ހަނގުރާމައިގެ ހާލަތުގައި ރައްކާތެރިކުރަންޖެހޭ ތަންތަން ކަމަށް ބައިނަލް އަޤުވާމީ ޤާނޫނުތަކުގައި ކަނޑައަޅާފައިވާކަމަށް ލަޒާރިނީ ވިދާޅުވެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow