ސަރުކާރުގެ އިގްތިޞާދީ ބަދަލުތަކާމެދު މެންބަރު މައުރޫފުގެ ޝައްކެއް ނެތް

މެންބަރު ވިދާޅުވީ މި ބަދަލުތަކާއެކު އަންނަ އަހަރު ނިމުމުގެ ކުރިން ރައްޔިތުން ބޭނުންވާ ތަރައްގީ ލިބޭނެ.

24 hours ago - 11:29

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިޞާދު މިވަނީ ފާއިތުވި އެއްވެސް ޒަމާނެއްގައި ހީނަރު ނުވާ މިންވަރަށް ހީނަރުވެފައެވެ. އިޤްތިޞާދީ އަޑިގަނޑުން އަރައިގަތުމަށްޓަކައި ސަރުކާރުން އަންނަނީ ތަފާތު އެކި ފިޔަވަޅުތައް އަޅުއްވަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ޚަރަދު ކުރުމާއި ގާނޫނުތަކަށް ބަދަލު ގެނެސްގެން އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދުން ހިމެނެއެވެ.

ސަރުކާރުގެ އިގްތިޞާދީ އިސްލާހީ އެޖެންޑާގައި ހިމަނައިގެން ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ޓޫރިޒަމާ ބެހޭ ގާނޫނަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގައި ވަނީ ބަހުސްކުރަން ފަށާފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 36 ވަނަ ޖަލްސާގައި ވަނީ މި ބިލުގެ އިބްތިދާއީ ބަހުސްކޮށް މަޖިލީހަށް ބަލައިގެންފައިވާއިރު ބަހުސްގައި މެންބަރުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ ތެރޭގައި ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ހިމެނެއެވެ.

މި ބިލަށް ވާހަކަ ދެއްކެވި އިދިކޮޅު މެންބަރުންގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވަނީ ސަރުކާރުން ހުށަހަޅާފައިވާ މި ބިލަށް އޭނާތާއިދު ކުރައްވާކަން ހާމަކޮށް ވާހަކަ ދައްކަވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުން ހުރި ޓެކްސްތަކަށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާ ނިންމުތަކަކީ ސިނާއަތުގެ ސްޓޭކްހޯލްޑަރުންގެ ރުހުމާއެކު ގެންނަ ބަދަލުތަކެއް ކަމަށެވެ.

"މި ގެންނަ ކޮންމެ ބަދަލަކީ އިންޑަސްޓްރީއާ މަޝްވަރާކުރެވިގެން ގެނެވޭ ހެޔޮ ބަދަލުތައް ކަމުގައި ވާނަމަ އަޅުގަނޑުމެން މިތަނުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ބިލުތަކަށް ފާޑުކިޔައި ވާހަކަދައްކާނެ ކަމެއް ނެތް. ޓުއަރިސްޓް ރިސޯޓުތައް ހިންގާ ފަރާތްތަކުން މި ގެންނަ ބަދަލުތަކަށް ފުރިހަމައަށް އެބަ މަރުޙަބާކިޔާ ޓުއަރިސްޓް ސަފާރީ އުޅަނދުތައް ހިންގާ ފަރާތްތަކުންނާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން މި ބިލުތަކަށް ސަބީލިއްލާހިއަށް އިއްޒަތްތެރި ރައީސް މަރުޙަބާ އެބަ ކިޔާ" ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މި ގެންނަ ބަދަލުތަކާއެކު الله އިރާދަކުރެއްވިއްޔާ މި ޤައުމު އާ އުސްމިންތަކަކަށްގޮސް ދިވެހި ރައްޔިތުން ބޭނުންވާ ތަރައްޤީ މި އަންނަ އަހަރު ނިމެންވާއިރަށް ނިމޭނެއެވެ.

"އަޅުގަނޑުމެން ޓޫރިޒަމް ދިވެހިރާއްޖޭގައި މި ބިނާވެފައި އޮތް ހަމައެކަނި ސިނާއަތް ސިންދަފާތުކޮށްފިން. އަޅުގަނޑުމެން ބޮޑެތި ބަންކަރިންގެ ޚިދުމަތް ތަޢާރަފުކޮށްފިން. އަޅުގަނޑުނެން ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޮންޖެހުމެއް ކަމުގައި އޮތް ޑޮލަރުގެ މައްސަލަ ޙައްލުކޮށްފިން. މި އަހަރު އެއްކޮށް އަޅުގަނޑުމެން މި ދުއްވައިލަނީ އެކިއެކި ގާނޫނުތަކަށް ބަދަލުކޮށްގެން ދައުލަތުގެ އާމްދަނީ އިންތިހާއަށް އިތުރުކުރުމަށް ޓަކައި." ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވިއެވެ.

ސަރުކާރުން ޓޫރިޒަމް ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ފަތުރުވެރިން އަތުން ނަގަމުން އަންނަ ގްރީން ޓެކްސް އަންނަ އަހަރުން ފެށިގެން 50 ކޮޓަރިއަށްވުރެ މަދު ކޮޓަރި ހުންނަ ގެސްޓުހައުސްތަކުން ކުރިން ނަގަމުން އައި 3 ޑޮލަރުގެ ބަދަލުގައި 6 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅާފައެވެ. އަދި ރިސޯޓުތަކާއި ހޮޓާތަކާއި 50 އަށްވުރެ ގިނަ ކޮޓަރި ހިމެނޭ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ކުރިން ނަގަމުން އައި 6 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނެގުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow