ރައީސްގެ ތަގްރީރު: ސާބިތު ކޮށްދެއްވީ ދިވެހީންގެ ސިޔާދަތާއި މިނިވަންކަން

ރައީސްގެ ތަގްރީރު: ސާބިތު ކޮށްދެއްވީ ދިވެހީންގެ ސިޔާދަތާއި މިނިވަންކަން

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރައީސަކު އދގެ އާންމު މަޖިލީހުގައި ދެއްވި އެންމެ ފުރިހަމަ ތަގުރީރު

23 days ago - 09:02
Sep 25, 2024 - 09:03

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އދ ގެ އާންމު މަޖިލީހުގައި ދެއްވި ތަގުރީރަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރައީސަކު އދ ގެ އާންމު މަޖިލީހުގައި ދެއްވި އެންމެ ފުރިހަމަ ތަގުރީރެވެ. ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލެއްވި އެތަގުރީރަކީ ރާއްޖެފަދަ ކުޑަ ގައުމެއްގެ ވެރިއެއްގެ ފަރާތުން ފެންނާނެ އެންމެ މޮޅު ތަގުރީރު ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަގުރީރުގައި ފަލަސްތީނުގެ މައްސަލައަށް ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފަލަސްތީނަށް އދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ގޮވާލައްވާފައެވެ. އަދި ފަލަސްތީނުގައި އިޒްރާއީލުން ހިންގަމުންދާ ގަތުލުއާންމު ކުށްވެރިކޮށް ރާއްޖެއިން އުފުލަމުން އަންނަ އަޑު ތަކުރާރު ކުރައްވައި ރައީސް ވަނީ އިސްރާއީލުގެ އެއަމަލުތަކަށް ޔަހޫދީ ދައުލަތް ޖަވާބުދާރީ ކުރެވެންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަންނަން ޖެހޭކަމަށް އެ މަނިކުފާނު ކުރައްވާ އިލްތިމާސް، އާންމު މަޖިލީހުގައި ދެއްވި މި ތަޤުރީރުގައިވެސް ތަކުރާރުކުރެއްވިއެވެ.

އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޖަރީމާތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭހެން ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ ޒަޚަމްވަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރާއި ހަސްފަތާލުތަކާއި ސްކޫލްތަކާއި އަދި އިންސާނީ އެހީތެރިކަމަށް ބޭނުންކުރާ ވަޞީލަތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ދޭ ހަމަލާތަކަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ. ޣައްޒާގައި އާންމުން މަރުވަމުންދާ މިންވަރު ދުނިޔެއަށް ބަލައިނުގަނެވިގެން އުޅެނިކޮށް، މިހާރު އިސްރާއީލުން ލުބްނާނަށް ޙަމަލާދީ، އެ ޙަމަލާތަކުގައި އެތައް ސަތޭކަ ޢާންމުންނެއް މަރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި އެމަނިކުފާނު ވިދާޅުވީ ޤައުމަކުން އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ކަމުގައިވަނީނަމަ އެކަން ތަޙައްމަލުކޮށްގެން ތިބެގެން ނުވާނެކަމަށެވެ. އަދި އެފަދަ ޙާލަތެއްގައި އެ ޤައުމެއްގެ ކުޑަބޮޑުމިނަކީ ނުވަތަ އެ ޤައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ފަލަސްތީނުގެ ޣައްޒާގެ ޙާލަތުން ދައްކުވައިދެނީ އިންތިހާއީ ނާއިންސާފާއި، ބައިނަލްއަޤުވާމީ ނިޒާމުގެ ނާކާމިޔާބީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އާންމު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނާއި ލުބްނާން އަދި އަލްޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާއި އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރި ކުރުމަކީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ވަންހަނާކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރޭގެ ތަގުރީރާ ގުޅޭ ގޮތުން ދިވެހިރާއްޖެއިން ޔޫ.އޭ.އީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޚާރީޖީ ކަންކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މުޙައްމަދު ހުސައިން ޝަރީފު މުންދު ސިފަކުރެއްވި ގޮތުގައި ރައީސްގެ ތަގުރީރަކީ އިސްލާމީ ސިޔާސީ ލީޑަރެއްގެ ފަރާތުން ފަހުގެ ތާރީޚެއްގައި އިވިވަޑައިގެންނެވި އެންމެ މޮޅު ތަގުރީރެވެ. ރައީސްގެ ތަގުރީރުން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ދުނިޔޭގެ ކަންކަމުގައި ބަސްބުނެވޭނެ ސިޔާދަތީ މިނިވަންކަން އޮތް ގައުމެއްކަން ކަމުގައި މުންދު ވިދާޅުވިއެވެ.

މި ތަގުރީރާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާނު މައުމޫނު ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު އަދި ދުނިޔޭގެ ކަންކަމުގައި އަޑު އުފުލުމުގައި ރާއްޖޭގެ ލީޑަރޝިޕް ފެނިގެން ގޮސްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަގުރީރަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ. ބައިނަލްއަގުވާމީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ރާއްޖޭގެ ރައްޔިތުންގެ ބަސް އިއްވައި ގައުމުތަކުގައި ހިނގަމުން އަންނަ ކަންކަމާމެދު ދިވެހިރާއްޖެ ދެކޭ ގޮތް އަދި އެފަދަ ކަންކަމުގައި ހައްލު ދިވެހިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ފުރިހަމަ ކަމަކީ ގައުމެއްގެ ހައިސިއްޔަތުން މިއަދު މި ކުޑަ ގައުމުގެ ނުފޫޒު ބައިނަލްއަގުވާމީ މައިދާނުގައި ސާބިތުކަމާއެކު އޮތް މިންވަރު ދައްކައިދިން ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ދިވެހިންނަކީ އދ ގެ މެންބަރު ގައުމުތަކުގެ ތެރެއިން ސިޔާދަތީ ބާރާއި އަމިއްލަ މިނިވަންކަންމަތީ އަމިއްލަ ގައުމެއްގެ ގޮތުގައި ސާބިތުވެ އޮތް ގައުމެއްކަން ދުނިޔެއަށް ރައީސުލްޖުމްހޫރިއްޔާ މި ވަނީ ސާބިތުކޮށް ދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow