ޣައްޒާ ހަނގުރާމައިގައި މަރުވި މީހުންގެ %70 އަކީ އަންހެނުންނާއި ކުޑަކުދިން: އދ
ސުންނާފަތިވެފައިވާ ޣައްޒާގެ މަގެއްގެ މަތިން ސާމާނުތަކާއެކު ބަޔަކު ދަނީ. ފޮޓޯ: އޭއެފްޕީ

ޣައްޒާ ހަނގުރާމައިގައި މަރުވި މީހުންގެ %70 އަކީ އަންހެނުންނާއި ކުޑަކުދިން: އދ

11 days ago - 22:09
Nov 11, 2024 - 07:43

ޣައްޒާގައި އިޒްރާއިލްއިން ކުރަމުންދާ ހަނގުރާމައިގައި މަރުވި މީހުންގެ 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ ގެ އިންސާނީ ހައްޤުތަކާބެހޭ އޮފީހުން ބުނެފިއެވެ. އަދި މިއީ ބައިނަލް އަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުގެ އަސާސީ އުޞޫލަތަކާ ނިޒާމީ ގޮތުން ޚިލާފް ވެފައިވާ ވުމެއްކަމަށް ބުނެ އެކަންވަނީ ކުށްވެރިކޮށްފައެވެ.

އިޒްރާއިލްއިން ޣައްޒާގައި ކުރާ ހަނގުރާމަ 13 މަސްދުވަހަށްވުރެ ދިގުލައިގެން ގޮސްފައިވާއިރު 43,000 ށް ވުރެ މީހުން މިހާތަނަށް ހަމަލާތަކުގައި މަރުވެފައިވާކަމަށް ފަލަޞްޠީނުގެ ރަސްމީ ހިސާބުތައް ދައްކައެވެ. އދ ގެ ރިޕޯޓް އެކުލަވާލާފައި ވަނީ ޖުމްލަ ތިން މަސްދަރަކުން ވެރިފައިކޮށްފައިވާ, މަރާލާފައިވާ 8119 މީހުންގެ މަޢުލޫމާތު ހިމަނައިގެންނެވެ. 32 ސަފްޙާގެ ރިޕޯޓް ހުކުރު ދުވަހު އދ ގެ އިންސާނީ ހައްޤުތަކާބެހޭ އޮފީހުން ވަނީ އާންމުކޮށްފައެވެ. ޖެނީވާގައި ހުންނަ އިޒްރާއިލްގެ ޑިޕްލޮމެޓިކް މިޝަން އިން ވަނީ ރިޕޯޓް ބަލައިނުގަންނާނެކަމަށް ބުނެފައެވެ. ހަށިތައް ވެރިފައި ކޮށްފައިވަނީ އަވައްޓެރިން/އާއިލާގެ މީހުން, ޣައްޒާގެ ޖަމްޢިއްޔާތައް އަދި ހޮސްޕިޓަލްތަކުގެ ރެކޯޑްތަކަށް ބަލައިގެންކަމުގައި އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ އޮފީހުގެ ވެރިޔާ އަޖިތް ސަންގޭ ރިޕޯޓާބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައި ވެއެވެ.

 

Advertisement

އެންމެ ތުއްތު ކުއްޖާގެ އުމުރަކީ އެއް ދުވަސް

އދ ގެ ރިޕޯޓްގައި ވާގޮތުން ހަނގުރާމައިގައި މަރާލި އެންމެ ތުއްތު ކުއްޖާގެ އުމުރަކީ އެންމެ އެއް ދުވަހެވެ. އަދި އެންމެ ދުވަސްވީ މީހަކީ އުމުރުން 97 އަހަރުގެ އަންހެނެކެވެ. މަރާލާފައިވާ މީހުންގެ %44 އަކީ 18 އަހަރުން ދަށުގެ މީހުންނެވެ. އަދި މީގެތެރޭގައި އެންމެ ގިނައީ 5 އަހަރާ 9 އަހަރާ ދެމެދުގެ ކުދިންގެ އުމުރުފުރާ ކަމުގައި ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އދ ން ބުނެފައިވަނީ މި ރިޕޯޓަކީ އިޒްރާއިލް އިން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި އާންމު ފަރުދުން ރައްކާތެރިކުރުމުގައި ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމުގައެވެ.

ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި %88 ކޭސްތަކުގައި އެއް ހަމަލާއެއްގައި ފަސް ނޫނީ ހަ މީހުން މަރުވެފައިވެއެވެ. އަދި އެއީ އިޒްރާއިލްގެ އަސްކަރިއްޔާއިން ހަމަލާދިނުމުގައި ބޮޑު ސަރަޙައްދަކަށް އެއްފަހަރާ ގިނަ ހަމަލާތަކެއް ދިނުމުގެ ނަތީޖާ ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

ރިޕޯޓާ ގުޅޭގޮތުން އިޒްރާއިލްއިން ބުނެފައިވަނީ ހަމާސް އިން ގަސްތުގައި އާންމުންގެ ތެރޭގައި ފޮރުވި, ނިވާފަތްގަނޑަކަށް އާންމުން ބޭނުންކުރަމުން ދާކަމަށާއި, އެހެންކަމުން ޣައްޒާއިން މަރުވެފައިވާ އާންމުންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ ޣައްޒާގެ ހަނގުރާމަވެރި ޖަމާއަތް, ހަމާސްއިން ކަމުގައެވެ. އިޒްރާއިލްއިން އިތުރަށް ބުނެފައިވަނީ އެއް ހަނގުރާމަ ވެރިއަކަށް އާންމުންގެ އެކަކު އާންމުގޮތެއްގައި މަރުވާ ކަމަށާއި, އެރޭޝިއޯގެ ބަދުނާމު ހަމާސްގެ ބޮލުގައި އަޅުވާކަމަށެވެ.

"އަހަރެން އަދިވެސް މި ބުނަނީ, އދ ން ނޫން ކޮންމެ ތަނަކުން ތި ރިޕޯޓް ހެދިއަސް ޣައްޒާގައި ކަންހިނގާ އަސްލު ހަޤީގަތަކަށް ވާޞިލެއް ނުވެވެއޭ. ތީގައި ހަމާސް އިން އެމީހުންގެ ނިވާފަތްގަނޑަކަށް އާންމުން ބޭނުންކުރަނީ ކިހާވަރަކަށް ކަމެއް, ނުވަތަ ހަމާސްގެ އަމަލުތަކުގެ ސަބަބުން ޣައްޒާއިން މަރުވީ ކިތައްމީހުން ކަމެއްނޭނގެ. އެހެންވީމަ އަހަރެމެން ކިހިނެތް ތި ޤަބޫލު ކުރާނީ"އދ ގެ ރިޕޯޓަށް ރައްދުދެމުން އިޒްރާއިލްއިން ޖެނީވާގައި ތިއްވަބާ މިޝަން އިން ބުނެފައިވެއެވެ.

ހަމަލާތަކުގައި މިހާތަނަށް މަރުވެފައިވާ މީހުންގެ ރަސްމީ އަދަދު 43,000 ން މަތީގައި ހުރިއިރު މުޅި ޣައްޒާގެ އާބާދީ އެއްކޮށްވަނީ ވިއްސިވިހާލި ވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow