ޣައްޒާގެ މަގުތައް މަތީގައި ބޮލުގެ ނާށިގަނޑުތަކާއި ކަށިތައް: ދިރިތިބީން މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގައި.....
އަބޫ މުޙައްމަދު އޭނާގެ ދަރިފުޅުގެ ހަށިގަނޑުގެ ބައެއް ނަމަވެސް ފެނޭތޯ ބަލަނީ. ފޮޓޯ: އަލްޖަޒީރާ

ޣައްޒާގެ މަގުތައް މަތީގައި ބޮލުގެ ނާށިގަނޑުތަކާއި ކަށިތައް: ދިރިތިބީން މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގައި.....

5 hours ago - 19:32
Jan 22, 2025 - 19:41

ޚާން ޔޫނުސް, ޣައްޒާ, ފަލަޞްޠީން – (އަލްޖަޒީރާ) ބުރަ ހިތްތަކާއެކު ތުރުތުރު އަޅަމުންދާ އަތުން ފަރުވާތެރިކަމާއެކު އަބޫ މުޙައްމަދު ގައިތު ހުދުކުލައިގެ ނައިލޯނު ގޯނިތައް ތެރެއިން އެއްޗެއް ހޯދަނީއެވެ. އެއީ ދެކުނު ޙާން ޔޫނުސްގެ އަލް ނަސެރް ހޮސްޕިޓަލްގެ މޯޗަރީ ސަރަޙައްދެވެ. ހށިތަކުގެ ބައިތައް ބަހައްޓާފައި ހުރި ތަކުން އަބޫ މުޙައްމަދު އޭނާގެ ގެއްލިފައިވާ ދަރިފުޅުގެ ނިޝާނެއް ފެނޭތޯ އަތްފުނާއަޅަނީ އެވެ.

އެތަނުން އޭނާއަށް ފެންނަނީ އިންސާނުންގެ ހަށިގަނޑުގެ ވީރާނާ ނުވެހުރި ބައިތަކެވެ. އަދި ޗިސްޗިސްވެފައިވާ ހަށިތަކުގެ ކަށިތަކެވެ. ބޮޅުގެ ނާށިގަނޑު ތަކާއި މައިކައްޓާއި މޭގެ ކަށިތަކެވެ. އޭނާގެ ދަރިފުޅު ކަމަށް ބެލެބޭ ހަށިގަނޑެއް ނުވަތަ ހަށިގަނޑުގެ ބައެއް ނަމަވެސް އޭނާއަކަށް ނުފެނުނެވެ.

ފެންނަމުންދާ މަންޒަރުތަކުން ހިތަށް ކެތްނުވެ ދެންމެ ދެންމެ އޭނާ ވެއްޓިދާނެހެން ހީވެއެވެ. ހިތާމައާއި ވަރުބަލިކަމާއެކު, ނަމަވެސް ކަށިން ހިތްވަރު ނެރެގެން އޭނާ އަދިވެސް 17 އަހަރުގެ ފިރިހެން ދަރިފުޅު ހޯދުން ހުއްޓައެއް ނުލައެވެ. މާޔޫސްކަމާއެކު ހަށިތަކުގެ ބައިތަކުން އޭނާގެ ފޯކަސް ދެން ބަދަލުކޮށްލީ އެވެ. އޭނާގެ ދަރިފުޅު އެންމެ ފަހުން ލައިގެންހުރި އޮރެންޖާއި ރަތްކުލައިގެ ސްވެޓަރު އަދި ކަޅުކުލައިގެ ޖެކެޓާކާއި ފަޓުލޫނާއި އޭނާ އަރައިގެން އުޅުނު ފައިވާ ފެނޭތޯއެވެ. އޭނާގެ ދަރިފުޅަށް ނިސްބަތްވާ ކޮންމެވެސް އެއްޗެއް ނަމަވެސް ފެނޭތޯއެވެ.

Advertisement

"އެއްވެސް މީހަކު މިތަނުން ދުށިންތައް ދަށްފުށް ރަތްކުލައިގަ އޮތް ފައިވާނެއް! ފެނުނިއްޔާ އަހަރެން ކައިރީ ބުނެލައްޗޭ" އަބޫ މުޙައްމަދު ފަދައިން އެސަރަޙައްދުގައި އާއިލާ މީހުންގެ ހަށިތައް ފެނޭތޯ މަސައްކަތްކުރަމުން ދިޔަ މީހުންނާ މުޙާތަބުކޮށް އޭނާ ބުންޏެވެ.

އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ފަލަޞްޠީނުގެ މަދަނީ ދިފާއު އަދި ޣައްޒާގެ އެތައް ރައްޔިތުން އެދަނީ ރަފަޙް އަދި ދެކުނު ޙާން ޔޫނުސްގެ މިޞްރު ބޯޑަރާ ވީ ފަޅީގައި އިމާރާތްތައް ވެއްޓީފައިވާ ސަރަހައްދުތަކުން ހަށިތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަނުންނެވެ.

މާޔޫސްކަމާއެކު އެތާހުރި ފާރުބުރިއެއް ކައިރީފައި ކަކުލުގައި ބޯއަޅައިގެން އިނދެ އޭނާއަށް ރޮވެނީއެވެ. "އަހަރެން މިހާރު މިހޯދަނީ އެދަރިފުޅުގެ ހަށިގަނޑި ފެނޭތޯއެއް ނޫން. އޭނާގެ ފައިވާން ފެނޭތޯ" އިންތިހާ ވޭނަށް ކެތްކުރަމުން މަޑުމަޑުން އޭނާ ބުންޏެވެ.

އޭނާގެ ދަރިފުޅު މުޙައްމަދު ގެއްލުނީ ފާއިތުވެދިޔަ ނޮވެމްބަރު މަހުއެވެ. އޭނާ ދިޔައީ އޭރު އުޅެމުންދިޔަ އަލް-މަވާސީ ރެފިއުޖީ ކޭމްޕުން ރަފަޙްގައި އެމީހުން ދިރިއުޅުނު އެމީހުންގެ ގެއަށް ބައެއް އެއްޗެހި ބަލައެވެ.

އެ ދިޔަ ގޮތަށް އެދަރިފުޅުގެ އެނބުރިއެއް ނާދެއެވެ.

އަލް ނަސެރް ހޮސްޕިޓަލް އަށް އަދި ޙާން ޔޫނުސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލަށް ރަފަޙް އިން ފެނިފައިވާ އިންސާނުންގެ ބައިތައް މަދަނީ ދިފާއުން ގެންގޮސްފައިވަނީ ހަށިތައް އެއީ ކޮންބައެއްކަން ދެނެގަތުމަށެވެ. އެ ޙަބަރު ލިބުމާއެކު ގެއްލިފައިވާ އާއިލާގެ މީހުންގެ ހަށިތައް ހޯދުމަށް މީހުން އެތަންތަނަށް ޖަމާވިއެވެ.

އަބޫ މުޙައްމަދަށްވެސް އެއީ އޭނަގެ ދަރިފުޅު ހޯދުމަށް ކުރި އެންމެ ފަހުގެ އުއްމީދެވެ.

އޭނާގެ ދަރިފުޅު ގެއްލުނު ދުވަހުންފެށިގެންވެސް އޭނާ އެދަރިފުޅު ހޯދުމަށް ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރެއެވެ. އެދަރިފުޅު އެނބުރި އާދޭތޯ ކޮންމެ ދުވަހަކުވެސް އިންތިޒާރު ކުރެއެވެ. ނަމަވެސް އޭނާވެސް ޤަބޫލުކުރާ ގޮތުގައި އިޒްރާއިލްއިން ވަނީ އޭނާގެ ދަރިފުޅު ޝަހީދުކޮށްލާފައެވެ. ރެޑް ކްރޮސް އަށާއި ހެލްތު މިނިސްޓްރީއަށް ގުޅާ އެދަރިފުޅުގެ ހަބަރެއް ވޭތޯ އޭނާ ބެލިއެވެ.

ހަމަލާތައް ހުއްޓާލުމާއެކު ރަފަޙްގައި ސުންނާފަތިކޮށްލާފައިވާ އޭނާގެ ގެއަށްވެސް އަބޫ މުޙައްމަދު ދިޔައެވެ. މުޅިސަރަޙައްދުގައި އަތްފުނާއަޅާ އެދަރިފުޅުގެ ބައެއް ނަމަވެސް ފެނޭތޯ އޭނާ ބެލިއެވެ.

467 ދުވަހުގެ ޤަތުލްއާންމުގައި އިޒްރާއިލްއިން ޣައްޒާގެ 47,000 މީހުން ޝަހީދުކޮށްލި ކަމަށް ރަސްމީ ހިސާބުތައް ދައްކައެވެ. ނަމަވެސް ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ މެޑިކަލް ޖާނަލް އެއްކަމަށްވާ 'ލަންސެޓް' ގެ ތަޖުރިބާކާރުން ޤަބޫލު ކުރާގޮތުގައި މަރުވި މީހުންގެ އަސްލު އަދަދު, ރަސްމީ އަދަދަށްވުރެ 41 އިންސައްތަ މަތިވާނެއެވެ.

ރަފަޙްގައި އޭނާ ދިރިއުޅުނުގެ ސުންނާފަތިކޮށްލާފައިވާ ގާފުނިތަކުގެ ތެރޭގައި އޭނާގެ ދަރިފުޅު ފެނޭތޯ އެތައް ގަޑިއިރެއް ބެލުމަށްފަހު ފަރަޖް އަބޫ މުހްސިންވެސް ހާން ޔޫނުސްގައި މިހާރު އުޅޭ އޭނާގެ ޓެންޓަށް ދާން ހިނގައިގަތީ ދަރިފުޅުގެ އެއްވެސް ނިޝާނެއްވެސް ނުފެނުމުންނެވެ. އެނބުރ ދިޔަ މަގުމަތީގައި އޭނާގެ ގޭގެ ގާފުނިތަކާ 200 އެއްހާ މީޓަރު ދުރުން ހަށިތަކުގެ ބައިތަކަކާއި ވީދިފައިވާ ހެދުންތަކެއް ފެނުނެވެ. އެއީ އޭނާގެ ދަރިފުޅުގެ ހަށިގަނޑުކަން ޔަޤީންވީ އެހިސާބުންނެވެ.

"އަހަރެން އޭނާ ދިރިހުއްޓާ ފެންނާނެ ކަމުގެ އުއްމީދު ކަނޑާލައިގެން ހުރީ. މުޅި ދުވަހު ގާފުނިތައް ހާވާފަ އަހަރެން އެނބުރި ޚާންޔޫނުސް އަށް އަންނަން ހިނގައިގަތީ އޭނާގެ މަރުވެފައިވާ ހަށިގަނޑުވެސް ނުފެންނާނެ ކަމަށް ހީކޮށްގެން. އެކަމަކު ވަކި ހިސާބަކުން އަހަރެންގެ ފައިގައި އަޅައިގައިތީ އެ ކަށިތައް. އަހަރެން އެކަށިތައް ނެގިއިރު ކަށިތަކާއެކު އަހަރެންގެ ދަރިފުޅު ލައިގެން ހުރި އެއްޗެހެ ފެނުމުން އެނގުނު އެއީ އަހަރެންގެ ދަރިފުޅުގެ ކަށިތައްކަން. އެއީ އޭނާގެ ކަޅުކުލައިގެ ޓީ-ޝާޓް. އޭނާގެ ނޫކުލައިގެ ފަޓްލޫނު އެއީ ހަމަ. އޭނާ އަރާ ބޫޓުވެސް އެތާގައި އޮތް. އަހަންނަށް އިނގުނު އެއީ އޭނާކަން" ދަރިފުޅުގެ ކަށިތަކާއި ހެދުންތައް ކޮތަޅަކަށް އަޅައިގެން އައިސް އޭނާގަ ދަރިފުޅު ވަޅުލީ ކަމުގައި ފަރާޖް ބުންޏެވެ. އޭނާގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ވޭނެވެ.

 

ހަށިތައް ދެނެގަތުމުގައި ގޮންޖެހުންތައް

އަލް ނަސެރް ހޮސްޕިޓާލްގެ މޯޗަރީ ތެރެއިން ފެންނަނީ ހިތްފަޅާގެންދާފަދަ މަންޒަރުތަކެވެ. އާއިލާތަކުން އެމީހުންގެ ގެއްލިފައިވާ އާއިލާ މެމްބަރުނެ ދެނެގެނެވޭތޯ އުޅެމުންދާ ހިތްދަތި މަންޒަރެވެ.

"އަހަރެންގެ ފިރިހެން ދަރިފުޅު ވަރަށް ފަހުން ދަތެއް ޖަހާފަ އިންނާނީ" މަންމައަކު ބުންޏެވެ.

"އޭނާ ލައިގެން ހުންނާނީ ނޫކުލައިގެ ޖީންސެއް" އެހެން ބައްޕައަކު ބުނިއަޑު އިވުނެވެ.

ހޮސްޕިޓަލްގައި ބަހައްޓާފައި ހުރި ހަށިގަނޑުގެ ބައިތަކުގައި ލޭބަލް ކޮށްފައި ހުއްޓެވެ. "ތިރީ ދަތްޕިލަ ނެތް ބޮލުގެ ނާށިގަނޑެއް", "ކަށިތަކުގެ ބައެއް", މޭ ކަށިގަނޑު" ނުވަތަ "ފައެއް ނުނީ އަތެއް". މިހެންނެވެ. އެކަށިތަކުގެ ކައިރީގައި ކަށިތަކާއެކު ފެނުނު ހެދުމުގެ ނުވަތަ ފައިވާނުގެ ބައިތަކުގެ ތަފްސީލް ލިޔެފައިވާ ނޯޓެއް އޮވެއެވެ. އޭގެ ތެރޭގައި ގަޑި ނުވަތަ އަނގޮޓިއެއް އޮތްނަމަ އެކަންވެސް ފާހަގަކޮށްފައި ވެއެވެ.

ޣައްޒާގައި ޑީއެންއޭ ޓެސްޓް ކުރެވޭނެ ގޮތް ނެތުމާއި އެކު ހަށިތައް އިތުރަށް ތަހުލީލުކޮށް ހަށިތައް ދެނެގަތުން ވަނީ އުނދަގޫވެފައެވެ. އިޒްރާއިލްއިން ވަރަށް ކުރިން ފެށިގެންވެސް ޑީއެންއޭ ހެދުމަށް ބޭނުންވާ އާލާތްތައް ޣައްޒާގައި ވަނީ މަނާކޮށްފައެވެ.

ހެލްތު މިނިސްޓްރީން ބުނީ 48 ގަޑިއިރުވަންދެން ހަށިތައް ދެނެގަނެވޭތޯ ބެހެއްޓުމަށް ފަހު ވަޅުލެވޭނެ ކަމުގައެވެ. މިނިސްޓްރީގެ ފޮރެންސިކް މެޑިސިން ކޮންސަލްޓަންޓް, ޑރ. އަހްމަދު ދާހިރު ބުނީ ރަފަޙްއިން ގެނެވުނު ހަށިތަކުގެ ތެރެއިން ގިނަ ހަށިތަކެއް ދެނެގަނެވިފައި ނުވާ ކަމުގައެވެ. އެއީ ވަކި ވަކި ހަށިގަނޑުގެ ބައިތަކުގެ ގޮތުގައި ހުރީމަ ކަމުގައި އޭނާ ވިދާޅުވިއެވެ.

ހަށިގަނޑު ދެނެނުގަނެވި ނުވަތަ ނުފެނި ދިއުން މިއީ އަބޫ މުޙައްމަދު ފަދަ އާއިލާތަކަށް މުޅި އުމުރަށް ދެމިގެންދާނެ ހިތާމައެކެވެ. "އަހަރެން ބޭނުންވީ އޭނާގެ ނިމިދިޔައީ ކިހިނެތް, ކޮންތާކުތޯ އެނގެން. އެއީ އޭނާގެ ކަށިކޮޅެއް ނަމަވެސް ފެނުން. އެންމެ ކުޑަމިނުން އަހަންނަށް އޭނާގެ ޖަނާޒާ ބޭއްވޭނެތާ" އަބޫ މުޙައްމަދު ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow