އިޒްރާއިލް-ހިޒްބުالله ގެ ހަމަނުޖެހުންތަކާއެކު ލުބުނާނުގެ އެފްއޭ އިން ހުރިހާ މެޗެއް ފަސްކޮށްފި
ލުބުނާނުގެ ފުޓްބޯޅަ އެސޯސިއޭޝަން (އެލްއެފްއޭ) އިން ބައިވެރިވެފައިވާ މުބާރާތްތަކުގެ ހުރިހާ މެޗެއް ފަސްކޮށްފިއެވެ. އެލްއެފްއޭ އިން މި ނިންމުން ނިންމާފައިވަނީ ދެކުނު ލުބުނާނުގެ ސަރަޙައްދުތަކަކަށް އިޒްރާއިލްއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އަންގާރަ ދުވަހު ދީފައިވާ މި ހަމަލާތަކަށް ލުބުނާނުގެ ހިޒްބުالله އިންވެސް އުތުރު އިޒްރާއިލްގެ އަސްކަރީ ބޭސްތަކަށް ރައްދު ހަމަލާ ވަނީ ދީފައެވެ.
އިޒްރާއިލްއިން ދިންހަމަލާތަކުގައި މިހާތަނަށް 569 މީހުން މަރުވެފައިވާކަމަށް ލުބުނާނުގެ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. 1835 މީހުން ޒަޙަމް ވެފައިވާއިރު, މަރުވި މީހުންގެ ތެރޭގައި 50 ކުޑަކުދިންވެސް ހިމެނެއެވެ. އަންގާރަ ދުވަހުން ފެށިގެން އެސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންވަނީ އެމީހުންގެ ރައްކާތެރިކަން ހޯދުމަށް ގެދޮރު ދޫކޮށް ދާންފަށާފައެވެ.
"ޤައުމުގެ ހާލަތު މިވަގުތު އޮތްގޮތުން ލުބުނާނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީއިން ނިންމާފައިވަނީ ވަކި ތާރިޚެއް އެނގެންދެން ހުރިހާ މުބާރާތްތަކެއްގެ އެންމެހާ މެޗުތަށް ފަސްކުރަން" އެލްއެފްއޭ އިން ހަވާލާދީ މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ލެބަނީސް ޕްރިމިއަރ ލީގު 2024-25 ގެ ސީޒަން ފެށިގައިވަނީ ފާއިތުވި ހަފްތާގައެވެ. އަދި ފާއިތުވި އަހަރުން ފެށިގެން ލުބުނާނުގެ ޤައުމީ ޓީމު އެގައުމުގައި އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. ވޯލްޑްކަޕް ކޮލިފައިންގެ ލުބުނާނުގައި ކުޅޭ މެޗުތައް އެގައުމުން ކުޅެފައިވަނީ ޤަތަރު އަދި އެކުވެރި އަރަބި އިމާރާތުގައެވެ.
ފަލަސްތީނުންވެސް އެގައުމުގެ ހޯމް މެޗުތައް ކުޅެމުންދަނީ ކުވެއިތު އަދި ޤަތަރުގައެވެ. އިޒްރާއިލްއިން އެމީހުންގެ ހޯމް މެޗުތައް ކުޅެނީ ހަންގޭރީގައެވެ.
ރިއެކްޝަންސް