
ފަހު ވަގުތު ކާމިޔާބުކުރި ދެ ގޯލާއެކު ރެއާލް އިން ސިޓީގެ މައްޗަށް ކުރިހޯދާ އުއްމީދު އާކޮށްފި
ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޯފް ގެ ފުރަތަމަ ލެގުގައި ފަހު ވަގުތު ކާމިޔާބުކުރި ދެ ގޯލާއެކު ރެއާލުން 3-2 ން ސިޓީގެ މައްޗަށް ކުރިހޯދާ އުއްމީދު އާކޮށްފިއެވެ. 'ޔޫރަޕް ކްލެސިކޯ' ގައި ރެއާލުން ސިޓީގެ މައްޗަށް ކުރިހޯދީ ސިޓީން ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ހޯދި މޮޅާއެކު މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުޞަތު ރެއާލަށް ވަނީ ވަރަށް ބޮޑަށް ފަހި ވެފައެވެ. އެއީ ދެވަނަ ލެގުގައި ނަތީޖާ އެއްވަވަރުކޮށްލައިގެންވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު މިހާރު އޮތްގޮތުން ރެއާލަށް ފަހިވެފައި އޮތުމުންނެވެ. ދެވަނަ ލެގު އޮންނާނީ ރެއާލްގެ އަމިއްލަ ދަނޑުގައި މި މަހު 20 ވަނަ ދުވަހުއެވެ.
ރޭގެ މެޗުގައި ސިޓީން ލީޑުނެގީ 19 ވަނަ މިނިޓްގައި ހޮސްކޯ ގުވާޑިއޯލް ތަނަވަސްކޮށްދިން ފުރުޞަތުގައި އާލިން ހާލަންޑް އެވެ. ރެއާލަށް ދެކޮޅަށް ހާލަންޑް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލާއެކު ފުރަތަމަ ހާފު ސިޓިން ނިންމާލީވެސް 1-0 ން ކުރީގައި އޮވެއެވެ.
ރެއާލަށް ނަތީޖާ އެއްވަރުކޮށްދިނީ 60 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ އެވެ. ނަމަވެސް 80 ވަނަ މިނިޓްގައި ސީޓީއަށް ލިބުނު ޕެނަލްޓީ ހާލަންޑް ކާމިޔާބު ކުރުމާއި އެކު ސީޓީން އަނެއްކާވެސް ލީޑު ނެގިއެވެ.
އެހިސާބުން މެޗުން މޮޅުވީކަމަށް ބަލައިގެންތިއްބާ ރެއާލުން އުފެއްދި ކައުންޓަރ އެޓޭކްގައި ނަތީޖާ އެއްވަރުކުރީ ބްރަހިމް ޑިއަޒް އެވެ. މެޗުގެ 86 ވަނަ މިނިޓްގައި ޑިއަޒް އަށް ގޯލް ޖެހުމުގައި އެހީތެރިވީ ވިނީޝިއުސް ޖޫނިއަރ އެވެ. މެޗުން މޮޅުވި ގޯލް ޖެހުމުގައިވެސް އެހީތެރިވި ވިނީޝިއުސް ބުނެފައިފަނީ ސްޓޭޑިއަމްގައި ދަމާފައި ހުރި ބެނާއިން އޭނާ މެޗުން މޮޅުވުމަށް އިތުރު ހިތްވަރެއްވެސް ލިބުން ކަމަށެވެ. އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.
މެޗުން ރެއާލް މޮޅުވި ގޯލް, މެޗުގެ ފުރިހަމަ ވަގުތު ހަމަވެ, އިތުރުވަގުތުގެ ދެވަނަ މިނިޓްގައި ކާމިޔާބުކުރީ ޖޫޑް ބެލިންގްހަމް އެވެ.
ރިއެކްޝަންސް






