
ރައްޔިތުންގެ ބާރު ކަށަވަރުކުރުމުގައި ފަނޑިޔާރުން ސާބިތުކަމާއެކު ތިބެން ޖެހޭ- އުއްތަމަ ފަނޑިޔާރު
ރައްޔިތުންގެ ބާރު ކަށަވަރުކުރުމުގައި ފަނޑިޔާރުން ސާބިތުކަމާއެކު ތިއްބަވަން ޖެހޭކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ "ގަޟާއީ އަހަރު 2025" އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަދުލް އިންސާފާއި ރައްޔިތުންގެ ބާރު ކަށަވަރު ކުރުމުގައި ފަނޑިޔާރު ސާބިތުކަމާއެކު ތިބެން ޖެހޭ ކަމަށެވެ. އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި, ޤާނޫނު އަސާސީއާއި, ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި, ފަނޑިޔާރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުމަކީ ފަނޑިޔާރުން ވެފައިވާ ވައުދެއްކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުން ތިއްބެވީ އެވައުދު ފުއްދުމުގެ މަތީގައި ކަމަށެވެ.
" މިވައުދު ފުއްދުމުގައި ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި 181 ފަނޑިޔާރުން ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވާ" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށް ވިސްނުންތެރިކަމާއެކު, ފަނޑިޔާރުން މަސައްކަތް ކުރަނީ ތައައްސުބުން އެއްކިބާވެފައިވާ އިންސާފްވެރި, ރައްޔިތުން އިތުބާރުކުރާ ފަނޑިޔާރު ގެއަކަށް ދިވެހިރާއްޖޭހެ ޖުޑިޝަރީ ހެދުމަށް ކަމަށެވެ.
ހަމައެކަނި ފަނޑިޔާރުންނަށް އެކަނި އިންސާފް ގާއިމް ނުކުރެވޭނެކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފުރިހަމަ ގޮތެއްގައި ދައުލަތެއް ހިނގާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭނީ ދައުލަތުގައި ހިމެނޭ ހުރިހާ ފަރާތަކުން އިހުލާސްތެރިކަމާއެކު ޤާނޫނުގެ ބާރު ނަގަހައްޓައިގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޤާނޫނުގެ ބާރު ނެގެހެއްޓުމަކީ ދައުލަތުގެ ތިންބާރުގެ އިތުރުން މުސްތަޤިއްލު ކޮމިޝަންތަކާއި, މުސްތަޤިއްލު މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް އޮތް ދުސްތޫރީ ވާޖިބެއް ކަމަށެވެ.
ގަޟާޢީ އަހަރު 2025 އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.
ރިއެކްޝަންސް






