ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރުގެ އާދޭސް ދުނިޔެއަށް: އަހަރެމެން މަރުވަނީ! އެހީވެދީ...
ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރު އިޒްރާއިލްގެ ހަމަލާއެއްގައި ޒަޙަމްވެފައި. ފޮޓޯ: ރޮއިޓާސް

ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރުގެ އާދޭސް ދުނިޔެއަށް: އަހަރެމެން މަރުވަނީ! އެހީވެދީ...

4 days ago - 20:25
Dec 23, 2024 - 21:10

"އަނަސް, އަނަސް!އަހަރެމެންގެ މެސެޖު ދުނިޔެއަށް ފޯރުކޮށްދީ. އަހަރެމެންގެ ހާލަތު ބުނެދީ. އުތުރު ޣައްޒާގައި ކިރިޔާ ބޭނުންކުރެވޭ ވަރުގައި ހުރި ހަމައެކަނި ހޮސްޕިޓަލަށް އިޒްރާއިލްގެ ޓޭންކަރުތަކުން ވަށާލައިފި. އަހަރެމެން މަރުވަނީ..." ޑޮކްޓަރ ހުސާމް އަބޫ ސާފީ, ޑިރެކްޓަރ – ކަމާލް އަދުވާން ހޮސްޕިޓަލް. މިއީ ޖަބާލިއާގައި ހުންނަ ފަލަޞްތީނުގެ ނޫސްވެރިޔާ އަނަސް ޖަމާލް ޝަރީފަށް މެޑިކަލް ޑިރެކްޓަރު ފޮނުވި މެސެޖެކެވެ.

އިޒްރާއިލްގެ ޑްރޯންތަކާއި ޓޭންކަރުތަކުން ކަމާލް އަދުވާން ހޮސްޕިޓަލް ވަށާލާ ހަމަލާ ދެމުންދާއިރު ހޮސްޕިޓަލުން ދުނިޔެއަށް މިވަނީ އިލްތިމާސް އެއް ކޮށްފައެވެ. އަސްކަރިއްޔާއިން ވަނީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ބަލިމީހުން އެ ހޮސްޕިޓަލް ދޫކޮށް ދިއުމަށް އަމުރުކޮށްފައެވެ.

ކަމާލް އަދުވާން ހޮސްޕިޓަލަކީ މުޅި ޢައްޒާގައި ވެސް ކިރިޔާ ބޭނުންކުރެވޭ ވަރުގައި ހުރި މަދު ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ހޮސްޕިޓަލްއެވެ. އުތުރު ޣައްޒާގައި މިވަގުތު ޚިދުމަތްދެވޭ ވަރުގައި ހުރި ހަމައެކަނި ހޮސްޕިޓަލްއެވެ. އެތާގައި ތިބީ މަދު ޑޮކްޓަރުންކޮޅެކެވެ. ސިއްޙީ އާލާތްތައް މުޅިން ހުސްވެފައިވާއިރު, ބޭހާއި އެހެނިހެން ސާމާނު ވަނީ ގާތްގަނޑަކަށް ހުސްވެފައެވެ.

Advertisement

"މި ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) އަށްވެސް ބޮމުގެ ހަމަލާތައް ދީފި. ނާސަރީ އާއި ވިއްސާ ކޮތަރިތަކަށް ވެސް އެމީހުން އަތުގައި ހުރި ހުރިހާ ބާވަތެއްގެ ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދިނުމަށް އަމާޒު ހިފާފަ ހުރީ. މިހާރުވެސް ވިއްސާރަ ވެހޭހެން ބޮންއަޅާތާ ގަޑިއިރެއްވެއްޖެ. ހުރިހާ ދިމާލަކުން, ކުރިމަތިންނާއި ފަހަތުން ހަމަލާތައް ދަނީ އަމާޒުވަމުން" ވީޑިއޯ ކޯލަކުން ހޮނިހިރު ދުވަހު މުޅި ދުނިޔެއާ މުޙާތަބު ކުރަމުން އަބޫ ސަފިއާ ވަނީ އެ ހޮސްޕިޓަލްއަށް އިޒްރާއިލްގެ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. އެ ހޮސްޕިޓަލްގައި މިވަގުތުވެސް 66 ބަލިމީހުން އެނދުމަތިކޮށްފައި އެބަތިއްބެވެ.

"އިޒްރާއިލްގެ އަސްކަރިއްޔާ އިން ހޮސްޕިޓަލުން މީހުން ނިކުންނަށް އަމުރުކޮށްފައިވަނީ. އެކަމަކު އެމީހުން ނިކުމެގެންދާނެ ރައްކާތެރި ތަނެއް ވަކި ނެތް. އެމީހުންނަށް ބިރުދައްކާ, އެމީހުންނަށް ރައްކާތެރިކަމާއެކު އެތައް ދޫކޮށްދިއުމުގެ މާހައުލެއް ނެތް" ދިއެރް އެލް-ބަލަޙްގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ހަނީ މަޙްމޫދް ބުނި ގޮތުގައި އިޒްރާއިލްއިން މިހާރު ދެމުންދާ ހަމަލާ ތަކަކީ ޣައްޒާގެ ސިއްހީ އިންފްރާ ސްޓްރަކްޗަރ ތަކަށް އަމާޒުކޮށްގެން ގަސްތުގައި ދެމުންދާ ހަމަލާތަކެކެވެ.

އަލްޖަޒީރާއިން ވެރިފައިކޮށްފައިވާ ވީޑިއޯ ފުޓޭޖަކުން ފެންނަ ގޮތުގައި އިޒްރާއިލްގެ ހަމަލާތަކުގައި ޒަޙަމްވެފައިވާ ޣައްޒާގެ ރައްޔިތުން ހޮސްޕިޓަލްގެ ކޮރިޑޯގައި ތިބިއިރު އެމީހުންނާ ދިމާއަށް އިޒްރާއިލްގެ ސިފައިން ބަޑިޖަހާ މަންޒަރު ފެނެއެވެ. މަޙްމޫދު ބުނިގޮތުގައި އެހަމަލާތަކުގައި އެތައްބަޔަކު އިތުރަށް ޒަޙަމްވި އިރު ފާރުތައް ފޫއަޅުވާ ވަޒަންތައް ހޮސްޕިޓަލްގެ އިކްއިޕްމަންޓްތައް ހަލާކުވެފައިވެސް ހުއްޓެވެ. ހަމަލާތައް އެންމެ ވަރުގަދަވި އިރު ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލްގައި ތިބި އަލްޖަޒީރާ އަރަބިކްގެ ކަރެސްޕޮންޑެންޓުންނާ ގުޅުންވެސް ކެނޑުނެވެ.

ފަލަޞްޠީނުގެ ހޮސްޕިޓަލްތަކާއި ސިއްޙީ ހިދުމަތްތެރިންނަށް އިޒްރާއިލްއިން ހުއްޓުމެއްނެތި ހަމަލާދޭއިރު ޣައްޒާގެ މެޑިކަލް އިންފްރާސްޓްރަކްޗަރ ގެ ހާލަތާމެދު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވީ ޣައްޒާގެ ޙާލަތާމެދު އިންތިހާއަށް ކަންބޮޑުވާކަމަށާއި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާކަމަށެވެ. ހަމަލާތަކާއެކު ހާލަތު އިންތިހާއަށް ގޯސްވެފައިވާ އުތުރު ޣައްޒާ އިޒްރާއިލް ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ބޭހާއި ކާނާ އެތެރެވާން އޮތް ހުރިހާމަގެއް ބަންދުކޮށްފައި އޮންނަތާ 70ދުވަހަށްވުރެ ވަނީ ގިނަވެފައެވެ.

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ނަސްލު ނައްތާލުމުގެ ޤަތުލްއާންމަށް 14 މަސް ވެފައިވާއިރު ޣައްޒާގެ އާބާދީ އެއްކޮށްހެން (2.4 މިލިއަންމީހުން) ވަނީ ވިއްސި ވިހާލިވެފައެވެ. ޝަހީދުކޮށްލާފައިވާ 45,000 މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow