ބުކާޔޯ ސަކާއަށް ލިބުނު އަނިޔާއާ ގުޅިގެން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް
އާސެނަލްގެ އިނގިރޭސި އެޓޭކަރު ބުކާޔޯ ސަކާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ގިނަ ހަފުތާތަކަކަށް ކުޅުމަށް ދުރަށްދާން ޖެހިފައިވާކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ. ސަކާ އަށް އަނިޔާވެފައި ވަނީ ހޮނިހި ރުދުވަހު 5-1 ން ކްރިސްޓަލް އަތުން އާސެނަލް މޮޅުވި މެޗުގައެވެ. މެޗުގައި އަނިޔާވެ ސަކާ ސްޓޭޑިއަމްއިން ނިކުމެފައިވަނީވެސް ކްރަޗްގެ އެހީގައެވެ.
"ފެންނަ ފެނުމަށް އެހާ ރަނގަޅެއްނޫން. އޭނާ ހަފުތާތަކަކަށް ކުޅުމާ ދުރުގަ ހުންނަންޖެހޭނެ. ސީދާ ބުނާކަށް ނޭނގެ ކިހާދުވަހެއްކަމެއް. އެކަމަކު ޔަގީނުންވެސް އެއީ ގިނަ ހަފުތާތަކެއް" އާޓެޓާއާ ހަވާލާދީ އީއެސްޕީއެންގައި ރިޕޯޓްކޮށްފައި ވެއެވެ.
ސަކާ އަކީ ޓީމަށް މުޙިއްމު ކުޅުންތެރިއެއް ކަމަށާއި, އޭނާ ނެތުމަކީ ބޮޑު ދެރައެއް ކަމަށް ކޯޗު ބުނެފައި ވެއެވެ. ސިޒަންގެ ބާކީ ބައިގައި ގިނަ މެޗުތަކެއް ހުރުމާއިއެކު ސަކާއާ ނުލާ ޓީމު ބައްޓަންކުރާނެ ގޮތުގެ ތަމްރީންތަކާ ދޭތެރޭ ވިސްނަންޖެހިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. މިއީ މިސީޒަނުގައި ސަކާގެ ފަލަމަސްގަނޑަށް އަނިޔާވި ތިންވަނަ ފަހަރެވެ.
23 އަހަރުގެ ސަކާ މި ސީޒަންގައި ކުޅުނު 24 މެޗުން ނުވަ ގޯލް ކާމިޔާބުކޮށް 13 ގޯލް ޖެހުމުގައި އެހީތެރިވެފައި ވެއެވެ. ސަކާ އާއެކު އާސެނަލް ކުޅުނު 250 މެޗުގެ ތެރެއިން 143 މެޗުން ވަނީ މޮޅުވެފައެވެ. އަދި 2018ގައި ކްލަބާ ގުޅުނު ފަހުން މިހާތަނަށް އާސެނަލްއަށް އޭނާ 67 ގޯލް ކާމިޔާބު ކޮށްދީފައި ވެއެވެ.
އާސެނަލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހިފައިވާ މިދަނޑވަޅުގައި އާސެނަލް މިވަގުތު އޮތީ ޕްރިމިއަރ ލީގު ތާވަލްގެ ތިން ވަނައިގައި 33 ޕޮއިންޓާއެކުއެވެ. އެއީ އެއް މެޗު މަދުން ކުޅެ އެއްވަނައިގައި އޮތް ލިވަޕޫލްއަށްވުރެ 6 ޕޮއިންޓް މަދުކޮށެވެ.
ރިއެކްޝަންސް