ކެނަޑާގެ ބޮޑުވަޒީރަށް އަމިއްލަޕާޓީގެ މެމްބަރުންގެ ފަރާތުން އިސްތިއުފާ ދިނުމަށް ފިއްތުންތައް ކުރިމަތިވަނީ
ކެނަޑާގެ ބޮޑުވަޒިރު ޖަސްޓިން ޓްރޫޑޯއަށް އޭނާގެ އަމިއްލަ ޕާޓީގެ މެމްބަރުންގެ ފަރާތުން އިސްތިއުފާ ދިނުމަށް ފިއްތުންތައް ކުރިމަތިވާން ފަށައިފިއެވެ. އަންނަ އަހަރު ޓްރޫރޯގެ ލިބަރަލް ޕާޓީއަށް ބާރުތައް ގެއްލޭނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު އެޕާޓީގެ ޤާނޫނޫހަދާ މަޖިލީހުގެ މެމްބަރުން ވަނީ ޓްރޫޑޯއަށް ފަހަތަށްޖެހި އެހެންމީހަކަށް ޕާޓީގެ ހުންގާނު ހަވާލުކުރުމަށް ގޮވާލާފައެވެ.
ޓްރޫޑޯގެ މޭސްތިރިކަމުގެ ދަށުން ކެނަޑާގައި ވެރިކަންކުރާ ލިބަރަލް ޕާޓީން އެގައުމުގައި 9 އަހަރަށްވުރެ ގިނަ އަހަރު ވެރިކަން ކުރާއިރު ކުރިއަށް އޮތް އިންތިހާބުގައި އެޕާޓީއަށް ވަނީ އިންތިޚާބު ނާކާމިޔާބު ވެދާނެކަމަށް ބެލެވިފައެވެ. އެއީ ކެނަޑާގައި ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި ގެދޮރުވެރިކަމުގަ މައްސަލަ ޙައްލު ނުކުރެވި އާންމުންގެ ތާއީދު ސަރުކާރަށް ގެއްލިފައިވާތީއެވެ.
ކެނަޑާގެ ބްރޮޑްކާސްޓިން ކޯޕްއިން ބުނިގޮތުގައި ޓްރޫޑޯއަށް އެންމެ ތާއިދު ބޮޑު އޮންޓާރިއޯގެ ލިބަރަލް ޕާޓީގެ ޤާނޫނުހަދާ މަޖިލީހުގެ 50 އަށްވުރެ ގިނަ މެމްބަރުން ވަނީ ޓްރޫޑޯގެ އިސްތިއުފާއަށް ގޮވާލާފައެވެ. އޮންޓާރިއޯއަކީ ކެނަޑާގައި ޓްރޫޑޯއަށް އެންމެ ތާއިދު ބޮޑު 10 ޕްރޮވިންސްގެ އެއް ޕްރޮވިންސް އަދި ލިބަރަލް ޕާޓީގެ ތާއީދު އެންމެ ބޮޑުވެސް ޕްރޮވިންސް އެވެ.
"އަހަރެމެން ދައްކާނެ އިތުރު މީހަކު ވަކި ހުރީއެއްނޫން. އެކަމަކު ލީޑަރޝިޕަށް ބަދަލު އަންނަންޖެހޭ" އެންމެ ކުރިއްސުރެވެސް ޓްރޫޑޯއަށް ވަފާތެރި ލިބަރަލް ޕާޓީގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރު ޗަންދްރާ އަރްޔާ އޭބީސީ ނިއުސްއަށް މައުލޫމާތު ދީފައިވާކަމަށް ރޮއިޓާސްގައި ރިޕޯޓްކޮށްފައިވެއެވެ. ހުކުރު ދުވަހާ ހަމައަށް ޓްރޫޑޯގެ އިސްތިއުފާއަށް ގޮވާލާފައިވަނީ 18 މެމްބަރަކު ނަމަވެސް ހޮނިހިރު ދުވަހު މިއަދަދު ވަނީ 50 ށް އިތުރުވެފައެވެ.
ޓްރޫޑޯގެ ސަރުކާރުގެ މާލީ ސިޔާސަތާއި ހިޔާލުތަފާތުވެ ފާއިތުވި ހަފުތާގައި ފިނޭންސް މިނިސްޓަރު ކްރިސްޓިއާ ފްރީލޭންޑް ވަނީ އިސްތިއުފާ ދީދައެވެ. އަދި އިދިކޮޅު ޕާޓިތައް ވަނީ ބައިމަދު ލިބަރަލް ޕާޓީއާ ދެކޮޅަށް އެޕާޓީގެ ވެރިކަން ވައްޓާލުމަށް ބައިއަތުހިފާފައެވެ.
ނަމަވެސް ފާޑުކިއުންތަކަށް ޓްރޫޑޯގެ މާބޮޑު ސަމާލުކަމެއް ނެތެވެ. އަދި ޕާޓީގެ ލީޑަޝިޕުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމުގެ އިޝާރާތެއްވެސް ނެތެވެ. ލިބަރަލް ޕާޓީގެ މަސްދަރުތަކާ ހަވާލާދީ ދި ގްލޯބް އެން މެއިލްގައި ވާގޮތުން ބްރިޓިޝް ކޮލަމްބިއާ އަށް ސްކީ ވެކޭޝަން އަށް ދިއުމުގެ ކުރިން ޓްރޫޑޯ އާއިލާ އާއެކު ކްރިސްމަސް ފާހަގަކުރާނެއެވެ.
ރިއެކްޝަންސް