ލަންކާއަށް ދަތުރުކުރާ ދިވެހިން "އީޓީއޭ" ފުރަންޖެހޭ ގޮތަށް ހަމަޖައްސައިފި
ސްރީލަންކާއަށް ޒިޔާރަތްކުރާ ދަތުރުވެރިން އެ ގައުމަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން" (އީޓީއޭ) އެއް ހޯދަންޖެހޭ ގޮތަށް އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން، މި ހިނގާ މެއި މަހުގެ 25 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން ވެސް އެ ފޯމް ފުރަންޖެހޭ ގޮތަށް އެ ގައުމުގެ އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
މި ބަދަލާއެކު، ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ދިވެހި ރައްޔިތަކުވެސް ފުރުމުގެ ކުރިން އޮންލައިންކޮށް މި ފޯމް ފުރިހަމަކުރަން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލަންކާ ސަރުކާރުން 'އީޓީއޭ' ހޯދަންޖެހޭ ގޮތަށް ނިންމި ނަމަވެސް، ދިވެހިންނަށް ވިސާ ދިނުމަށް ކަނޑައަޅާފައިވާ ރަސްމީ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެގޮތުން، ކުރިއެކޭ ވެސް އެއްގޮތަށް ދިވެހި ރައްޔިތުންނަށް ޓޫރިސްޓް ވިސާ އެއްވެސް ފީއަކާ ނުލައި 90 ދުވަހުގެ މުއްދަތަށް ލިބެމުންދާނެކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ. 'އީޓީއޭ' އަކީ ހަމައެކަނި އެ ގައުމަށް އެތެރެވުމުގެ ކުރިން ހޯދަންޖެހޭ ހުއްދައެކެވެ.
ސްރީލަންކާގެ އިމިގްރޭޝަން އުސޫލަށް މި ގެނައި ބަދަލާ ގުޅިގެން، ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ދިވެހި ސަރުކާރުން މިހާރު ވެސް ސްރީލަންކާ ސަރުކާރާއެކު ރަސްމީ މަޝްވަރާތައް ބާއްވަމުންދާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އެހެންކަމުން، ސްރީލަންކާއަށް ޒިޔާރަތްކުރާ އެންމެހާ ދިވެހި ރައްޔިތުން އެއާޕޯޓަށް ދިއުމުގެ ކުރިން ސްރީލަންކާގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް އީޓީއޭ ފޯމް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް





