
އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފި
ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ މ. މަޑުއްވަރި / ކޮކްނެޓްވިލާ، އާދަމް ޒަނާން މުޙައްމަދު (26އ) އެވެ. އޭނާ އަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓާ ގުޅިގެން ޒަނާން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ ބުރާސްފަތި ދުވަހުއެވެ. އެކްސިޑެންޓް ހިނގީ ހަވީރު، ހުޅުމާލެ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައެވެ. މި އެކްސިޑެންޓުގައި އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވި މީހާއަށް އަނިޔާވެ ދަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެއީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާގެފައި ތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ދުއްވި މީހުންނަކީ ވެސް އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ހައްޔަރުކުރި ޒަނާން މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ހަތް ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެއެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
ރިއެކްޝަންސް






