ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ޖޫންގެ ނިޔަލަށް ނިންމަނީ

ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ޖޫންގެ ނިޔަލަށް ނިންމަނީ

11 hours ago - 10:09
Advertisement
Advertisement

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ މަސައްކަތްތައް އަންނަ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.


މާލޭގެ އުތުރު ފަރާތުގެ ބަނދަރުމަތީގެ ތޮށިގަނޑާއި މަގު ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިގޮތުން މިހާރު ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ސެގްމެންޓް 2، 3 އަދި 4 ގެ މަސައްކަތްތަކެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 400 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލްކޮށް ނިމިފައިވާއިރު، މިދިޔަ ހަފުތާގެ ތެރޭގައި އެއްގަމުތޮށީގެ ކެޕް އެޅުމުގެ މަސައްކަތާއި 4 ވަނަ ސެގްމަންޓުގެ ދުވާރު ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.


މިކަމާއި ގުޅިގެން އެމްޓީސީސީއިން ބުނީ، މަސައްކަތް ކުރިއަށްދާ ބާރުމިނަށް ބަލާއިރު ޖޫން މަހުގެ ނިޔަލަށް މުޅި މަގުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށެވެ. 


މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ޖުމްލަ 838 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން، މާލެއަށް ދިމާވެފައިވާ ޕާކިންގް މައްސަލައަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، މި މަޝްރޫޢުގެ ތެރެއިން 500 ސައިކަލު ޕާކު ކުރެވޭނެ ޖާގައިގެ ޕާކިންގް ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕާކިންގް ޒޯން ހެދުމަށްޓަކައި ބަނދަރުގެ ތެރެއިން 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަޙައްދެއް މިހާރު ވަނީ ހިއްކާ ނިންމާފައެވެ.


މި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމުން، މާލޭގެ އުތުރު ފަރާތުގެ ބަނދަރުމަތީގެ ތޮއްޖެހުން ކުޑަވެ، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement