ހުސްވި  ގޮނޑިތައް ހިމަނައިގެން ކޯރަމް ގުނަން ސުޕްރީމް ކޯޓުން އަންގައިފި

ހުސްވި ގޮނޑިތައް ހިމަނައިގެން ކޯރަމް ގުނަން ސުޕްރީމް ކޯޓުން އަންގައިފި

މިހާރު ހުސްވެފައިވާ މަޖިލީހުގެ ދާއިރާތަކުގެ ގޮނޑިތައް ވެސް ހިމަނައިގެން ގުނަން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް އަންގައި، އަމުރެއް ނެރެފި

7 months ago - 23:44
Feb 8, 2024 - 23:56
Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް ކުރިން ވެސް ގުނަމުން އައި ގޮތަށް، މިހާރު ހުސްވެފައިވާ މަޖިލީހުގެ ދާއިރާތަކުގެ ގޮނޑިތައް ވެސް ހިމަނައިގެން ގުނަން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް އަންގައި، އަމުރެއް ނެރެފި އެވެ.

ކޯޓުން އެންގީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު އެ ކޯޓުން ނެރުނު ވަގުތީ އަމުރުގަ އެވެ.

އެ އަމުރުގައި އަޣުލަބިއްޔަތު ލިބުނު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، އިސްލާހުތައް ގެނައުމާ ހަމައަށް މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނަމުން އައިސްފައި ވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ގޮތަށް ކަމަށާއި ޖަލްސާގެ ގާނޫނީ އަދަދު ކަނޑައަޅަނީ ގާނޫނުއަސާސީގެ 86 މާއްދާގެ ދަށުން ކަމަށެވެ. މަޖިލީހުން ކަންކަން ނިންމަން ޖެހޭ އަދަދު ކަނޑައަޅާފައިވަނީ 87 ވަނަ މާއްދާގަ އެވެ.

ގާނޫނުއަސާސީއަށް އަމަލުކުރާތާ އެތައް އަހަރެއް ފާއިތުވެފައިވާއިރު، މަޖިލީހުގައި ކޮންމެ ދުވަހަކު ބާއްވާ ޖަލްސާތަކުގެ ކޯރަމް ބިނާވަނީ ގާނޫނުއަސާސީގެ އެ މާއްދާތަކަށް ކަމަށް އަމުރުގައި ވެ އެވެ.

Advertisement

އަމުރުގައި ބުނީ، މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުތަކަކީ ގާނޫނުއަސާސީގެ އެ މާއްދާތަކާ ހިލާފު އިސްލާހުތަކެއް ކަމަށް ދައުލަތުން ބުނާއިރު، އެ މާއްދާތަކަށް އަމަލު ކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

"..އެހެނީ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ބާއްވައި ނިންމުންތައް ނިންމާނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާ އާއި 87 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިންކަމާ މެދު ސުވާލު އުފައްދާފައިވާ ހާލަތެއްގައި ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް، ނުވަތަ ކޯޓުން އެ ނޫން ގޮތަކަށް އަންގަންދެން ފެށުނީންސުރެ މަޖިލީހުން އަމަލު ކުރަމުންދިޔަ ގޮތް ދެމިއޮންނަން ޖެހޭ ކަމުގައި ދެކެން،" އަމުރުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ ގާނޫނުއަސާސީގައި ވަކި އަދަދެއް ކަމަށް ކަނޑައަޅާފައި އޮތް ކަމެއް ނޫނެވެ. އޮތީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ޖުމްލަ މެންބަރުން ކަނޑައަޅާނެ އުސޫލެވެ. އެ އުސޫލުން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދަކީ 87 އެވެ.

މިހާރު މަޖިލީހުގެ ޖުމްލަ އަދަދު ގުނަމުން ދަނީ ވެސް 80 ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ނިންމާ ގިނަ ނިންމުންތައް ފާސްވާނެ ގޮތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ނުވަތަ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ ނުވަތަ ކޯރަމަކީ މަޖިލީހުގެ މެންބަރުންގެ 25 ޕަސެންޓެވެ. އެހެންކަމުން، މަޖިލީހުގެ ކޯރަމަކީ ވެސް ޖުމްލަ މެންބަރުންގެ އަދަދާ ވަރަށް ބޮޑަށް ގުޅިފައިވާ އަދަދެކެވެ.

ގާނޫނުއަސާސީގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ރިއާޔަތްކޮށް ގޮތް ކަނޑައަޅަން ޖެހޭ މުހިންމު ހަ ކަމެއް ފާހަގަކޮށްފައިވެ އެވެ.

އެއީ، މެންބަރުންގެ ޖުމްލަ އަދަދުގެ ވަކި ޕަސެންޓަކުން ފާސްކުރަން ޖެހޭނެ ކަމަށް ލާޒިމްވާ ކަންކަމަށް ވާއިރު، މަޖިލީހަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން މި ކަންކަން ފާހެއް ނުކުރެވެ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement